ނަމާދު ކުރައްވާ ބޭފުޅުންގެ ކިބައިންވެސް ބައެއްފަހަރު އަޅުގަނޑުމެންނަށް ފެންނަ މަންޒަރެއްމީ، ނަމާދު ލަސްކުރަމުންގޮސް އޭގެ އެންމެ ފަހު ވަޤުތުގައި ކުރާތަން. އަދި އެގޮތަށް ކުރުމަށްފަހުގަ އެބަ ބުނޭ ކޮބާހޭ މައްސަލައަކީ ނަމާދު އޭގެ ވަޤުތުގަ ތިމަންނަމެން އެބަ އަދާ ކުރަމެއްނޫންހޭ؟ އެހެންކަމުން މިވަގުތު އަޅުގަނޑުމެން ބަލާލާނީ އެކަން އެގޮތަށް ކުރުމުގެ ސަބަބުން ދިމާވެދާނެ 3 ނުރައްކަލަކަށް.
އާދެ އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބަލާލާއިރުގަ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލު ކުރެވުނު --- " ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ޙަޒްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކޮބާހޭ؟" އެހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ --- " ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ."
އެހެންކަމުން ނަމާދު އޭގެ ވަޤުތުގައި އަދާކުރުމަކީ އެއީ ﷲ ސުބުޙާނަހު ވަތަޢާލާގެ ޙަޒްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލެއްކަން އަޅުގަނޑުމެންނަށް އެނގިގެންދޭ. އެހެންކަމުން އޭގެ މާނައަކީ އަންހެން ކަނބަލުންވެސް ބަންގި ގޮވުމާއެކު ލަސް ނުކުރައްވާ ނަމާދު ކުރުމޭ އޭގަ ރަނގަޅު ގޮތަކީ. އަދި ފިރިހެން ބޭފުޅުންވެސް ބަންގި ގޮވުމާއެކު މިސްކިތަށް ވަގުތުން ވަޑައިގަތުމޭ އެއީ އެކަން ކުރަންވާނެ ގޮތަކީ.
އާދެ! ނަމާދު ލަސްކުރުމުގެ ސަބަބުން ނުކުމެދާނެ 2 ވަނަ ނުރައްކަލެއް އެއީ ނަމާދު އޭގެ ވަޤުތުގަ މިހާރު އަދާކުރި ކަމުގައިވިޔަސް، ޢީމާންކަން ބަލިކަށިވާ ވަޤުތެއްގައި ލަސްކުރަމުން، ލަސްކުރަމުން ގޮސް ނަމާދުގެ ވަޤުތު ފާއިތުވާއިރުވެސް އެ ނަމާދު ނުކޮށް ދޫކޮށްލެވިދާނެ. އާދެ، އެކަން އެގޮތަށް ވެއްޖެކަމުގައި ވާނަމަ އެއީ ވަރަށް ބޮޑު ނުރައްކަލެއް.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ --- " ހެޔޮ ޒަމާންތަކަށް ފަހުގައި ފަހުން އައޭ ބަޔަކު، އެބައިމީހުން" --- "އެބައިމީހުން ނަމާދު އޭގެ ވަޤުތުން ލަސްކުރިއެވެ." ނަމާދު އެކީ އެކައްޗަކަށް ނުކޮށް ދޫކޮށްލަނީކީ ނޫން. އެހެންނަމަވެސް ނަމާދުގެ ވަޤުތު ފާއިތުވަންދެންވެސް ނަމާދު ނުކޮށް ތިބެނީ. --- " އަދި އެބައިމީހުން ޝަހުވަތްތަކަށް ތަބާވިއެވެ."
ކުރާހިތްވާ ކޮންމެވެސް ކަމެއް ދިމާވީމަ، ކުރާހިތްވާ ކަމެއް ކުރުމުގައި މަޝްއޫލުވެފަ، ބިޒީވެފަ މިތިބެނީ، ނަމާދު އޭގެ ވަޤުތު ފާއިތުވެގެން ދަންދެންވެސް. އެހެންކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ނުރައްކަލެއްކަން ދަންނަންޖެހޭ. އެކަން އެގޮތަށް ކުރާމީހުންނަށް ކިހިނެއްތޯ މިވަނީ؟ ---
"އެބައިމީހުން ނަރަކައިގަވާ ޣައްޔޭ ކިޔުނު ވަދީގެ ތެރެއަށް ލެވިގެން ދާނެ ކަމުގަ ﷲ ސުބޫހާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފަ ވަނީ. އާދެ އެކަން އެގޮތަށް ކުރުމަށްޓަކާ މެދުވެރިވާ ފުރަތަމަ ސްޓެޕް އެއީ، ފުރަތަމަ ހަރުފަތް އެއީ ނަމާދު އޭގެ ވަޤުތުގެ ތެރޭގަ އެހެންނަމަވެސް ލަސްކޮށްލާފަ ކުރުން. އެއީ ޝައިޠާނާ އަޅުގަނޑުމެންނަށް، ނަމާދުކުރާ މީހެއްގެ ގާތަށް އައިސް އެންމެ ފުރަތަމަ ނުބުނާނެ ނަމާދު އެކީ އެކައްޗަށް ދޫކޮށްލާށެކޭ. އެހެން ނުބުނާނެ، ޝައިޠާނާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް މީހާ މަގުފުރައްދަމުން ގެންދާނެ. އެހެންމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ --- "ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށްވެސް ތަބާ ނުވާށެވެ." މާނައަކީ ތަންފުކަކުން ތަންފުކަކުން ގެންގޮސްދާނެ ފަދަ ގޮތަކަށްވެސް ޝައިޠާނާއަށް އެ ފުރުސަތު ނުދޭށޭ، އެ ޖާގަ ނުދޭށޭ. ކިހިނެއްތޯ އެކަން އެގޮތަށް މިވަނީ؟
އާދެ އެންމެ ފުރަތަމަ ޝައިޠާނާ ބުނާނީ، ނާމާދު ބަންގި ގޮވާއިރަށް އަދި ނުކުރިއަސް މައްސަލައެއް ނެތޭ، ކުޑަކޮށް ލަސްކޮށްލާފަ ކުރާށޭ. ދެން ކުޑަކޮށް ލަސްކޮށްލާފަ ކުރީމަ ބުނާނެ އަދި ވަޤުތު އެބައޮތެއް ނޫންހެއްޔޭ. އަދި އަނެއް ނަމާދުގެ ބަންގި ގޮވުމުގެ ކުރިއަށް ކޮށްލެވޭނެ ނޫންހޭ؟ އެހެންވީމަ ދެން އެހާ ކަންހާއިރު ކޮށްލާށޭ. އެގޮތަށް މީހާ ފަރިތަވެ ހޭނި އެކަން އެގޮތަށް ކުރަން ފެއްޓުނީމަ ދެން ބައެއް ފަހަރަށް ނަމާދު ވަޤުތު ފާއިތުވެ އަނެއް ނަމާދުގެ ބަންގި ގޮވާއިރުވެސް މިނަމާދު ނުކުރެވޭތަން ފެނިގެން މިދަނީ. އެހާ ހިސާބުން އެއޮތީ ނަމާދު އެޅުމުގެ ބޮޑު ފާފައަށް އަރައިގަނެވިފަ. އެކަން އެގޮތަށް ކޮށްފިކަމުގަ ވާނަމަ ޢުޒުރަކާ ނުލައި އެއް ނަމާދު ނުކޮށް އަނެއް ނަމާދުގެ ވަޤުތު ޖެހެންދެންވެސް ހުރެއްޖެކަމުގަ ވާނަމަ އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްކަމުގަ ބައެއް ޢިލްމުވެރިން ވިދާޅުވާއިރު، އަނެއްބައި ޢިލްމުވެރިން އެފަދަ މީހަކު ދީނުގެ ތަރަހައިގެ ތެރެއިން ބޭރުވެގެން ދާނެކަމަށް ވެސް ވިދާޅުވެފަވޭ. އެހާވެސް ނުރައްކާތެރިކަމެއް އެކަމަކީ އެއީ.
އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި މުނާފިޤުންގެ ސިފަތަކުގެ ތެރޭގައިވެސް ބަޔާން ކުރައްވާފައިވާ ކަމެއް އެއީ ކަންނެތްކަމާއެކު، ބުރަބޮޑުކަމާއެކު، ނަމާދު ކުރަން ޖެހުނީތީ ކަންތައް ބޮޑުވެގެންވާ ޙާލު ނަމާދު ކުރުން. މުނާފިޤުންވެސް ނަމާދު ނުކުރަނީކީ ނޫން. މުނާފިޤުންނަކީ އެއީ ނަރަކައިގެ އެންމެ އަޑިއަށް ލެވޭނެ ބައެއްކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ބަޔަކަށް ވާއިރު --- މުނާފިޤުން ވަނީ ނަރަކައިގެ އެންމެ އަޑީގައޭ އެކަލާންގެ ވަޙީ ކުރައްވާފައިވާއިރު އެ މުނާފިޤުންނަކީވެސް ނަމާދު ކުރާ ބައެއް. އެހެންނަމަވެސް އެބައިމީހުން ކިހިނެއް ނަމާދު މި ކުރަނީ؟ ---- " އެބައިމީހުން ނަމާދަށް ތެދުވެއްޖެކަމުގަ ވާނަމަ ނަމާދު ކުރަނީ ކަންނެތްކަމާއެކުގައެވެ." ---- " އަދި މީސްތަކުންނަށް ދެއްކުމަށްޓަކައެވެ." ---- "އަދި ވަރަށް ކުޑަކުޑަކޮށް ނޫނީ ނަމާދުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިން ހަނދުމަވެސް ނުކުރެއޭ، މާބޮޑަކަށް ޒިކުރެއްވެސް ނުކުރެއޭ."
އަވަސްއަރުވާލާ، އެބައިމީހުން ޒިކުރުވެސް ކުރޭ އެކަމަކު ވަރަށް ކުޑަކުޑަކޮށް، ނަމާދުވެސް އެބަކުރޭ، އެކަމަކު ވަރަށް ކަންނެތްކަމާއެއްކޮށް ކަންތައް ބޮޑުވެގެން. އެހެންމަ އެގޮތަށް ނަމާދު ކުރުމަކީ އެއީ މުނާފިޤުންގެ ސިފައެއްކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފަ ވަނީ. އެހެންކަމުން އެފަދަ ގޮތަކަށް އަޅުގަނޑުމެން ނަމާދު ކުރުމުން ދުރުހެލިވާން އެބަޖެހޭ.
އަދިވެސް އަޅުގަނޑުމެންނަށް ފެނިގެންދާނެ ﷲ ސުބުޙާނަހޫ ވަތަޢާލާ އެބަޔަކަށް ހަލާކުހުރިކަމުގައި ބަޔާން ކުރައްވާފައިވާ ބައެއްގެ ވާހަކަ. (އަރަބި) " ނަމާދު ކުރާމީހުންނަށް ހަލާކު ހުއްޓެވެ." އެކިހިނެއް ނަމާދު ކުރީމަތޯ؟ (އަރަބި) އެބައިމީހުން ނަމާދު ކަންނެތްކަމާއެކު ބުރަ ބޮޑުވެގެން އެ ނަމާދާދޭތެރޭ ޣާފިލްވެފައިވާ ހާލު ކިރިޔަ ކިރިޔާ ދެން އަނެއް ނަމާދުގެ ވަޤުތު ޖެހެންވާއިރަށް ކޮށްލެވޭ ވަރަށް، ކުރިއާލާ ނަމާދު ކުރަން އިސްކަން ނުދޭތީވެ، ބުރަބޮޑުކަމާ އެއްކޮށް ނަމާދު ކުރާތީވެ އެބައިމީހުންނަށް ހަލާކު ހުއްޓޭ، ނަމާދު ކުރިކަމުގައި ވިޔަސް ހަލާކު ހުއްޓޭ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފަ ވަނީ. އެހެންމަ މީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް. ބައެއް ފަހަރަށް އަންހެން ބޭފުޅުންވެސް ގޭތެރޭގައި ކައްކަން ނުވަތަ އެހެން ކަމެއްގައި މަޝްޢޫލުވެ ބިޒީވެފައިވާ ގަޑިއެއްގައި ނަމާދު ވަޤުތު ޖެހުމުންވެސް ނަމާދު ނުކޮށް އެބަ ލަސްކޮށްލާ، ފެންވަރާ ރީތިވެގެން ހުރިހާ ކަމެއް ކޮށްގެން ތައްޔާރުވެގެން ނަމާދު ކުރުމަށްޓަކާ. އަދި އެގޮތަށް ލަސްކުރަމުން ކުރަމުން ގޮސް އަނެއް ނަމާދުގެ ވަޤުތު ޖެހެން ހަމަ ކިރިޔަ ކިރިޔާ ވަޤުތުކޮޅަކަށް އިންނަންދެންވެސް އެބަ ލަސްކޮށްލާ. އާދެ އޭގެ ބަދަލުގަ ނަމާދު ވަޤުތު ޖެހުމުން ލަސް ނުކޮށް ނަމާދު ކުރެއްވުން އެއީ އާއްމު އުސޫލެއްގެ ގޮތުން ކަން ކުރަންވާނެ ގޮތަކީ.
ފަހަރެއްގަ ނާދިރު ހާލެއްގަ ކަމެއް ދިމާވާ ގަޑިއެއްގަ ނަމާދުގެ އެންމެ ފުރަތަމަ ވަގުގައި ނުކުރެވުނު ކަމުގައިވިޔަސް ނަމާދު ލަސް ކުރުމަކީ އެއްވެސް ހާލެއްގަ އާދައަކަށް ހަދައިގެން ނުވާނެކަން އަޅުގަނޑުމެން ދަންނަންޖެހޭ. އެހެން އާދައަކަށް ހަދައިފިކަމުގަ ވާނަމަ ކުރިން މި ދެންނެވިހެން ނަމާދު އޭގެ ވަޤުތު ދަންދެންވެސް ދޫކޮށްލެވޭ ހިސާބަށް ގޮސްދާނެ. އަދި ހަމައެއާއެއްކޮށް ނަމާދު އޭގެ ވަގުތުން ލަސްކުރުމުން ކުރިމަތިވާ ތިންވަނަ ނުރައްކަލަކީ އެއީ ފިރިހެން ބޭފުޅުންނަށް ނަމާދުގެ ޖަމާޢަތް ގެއްލިގެން ދިޔުން.
އާދެ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ލޯފަން ޞަޙާބީއެއް ވަޑައިގަތުމަށްފަހުގައި ސުވާލު ކުރައްވަނީ ލުއިފަސޭހަ ކަމެއް ރުކްޞޯއެއް ލިބިދާނެތޯއޭ ޖަމާޢަތަށް ވަޑައިގަތުމުގެ ބަދަލުގައި ގޭގައި ނަމާދު ކޮށްލުމަށްޓަކާ. އާދެ ލޯފަން ޞަޙާބީއެއް، އަދި އެ ޞަޙާބީ މިސްކިތަށް ގެންގޮސްދޭނެ އެހެން ބޭފުޅެއް ނުވާ ކަމުގައި ވެސް އެކަލޭގެފާނު ވިދާޅުވެފައިވޭ، އެއަށްފަހުގަ މި ސުވާލު ކުރައްވަނީވެސް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ޞަހާބީއަށްވެސް އެންމެ ފުރަތަމައިނުން ލުއިފަސޭހަކަމެއް ވާކަމުގަ ބަޔާން ކުރެއްވުމަށްފަހުގައިވެސް ދެން އަނެއްކާ ގޮވާލެއްވުމަށްފަހުގައި ޙަދީޘް ކުރައްވަނީ ---- " ކަލޭގެފާނަށް ބަންޤީގެ އަޑު އިވޭތޯއޭ." އެ ޞަޙާބީ ---- އާދޭހޭ ވިދާޅުވުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ ---- " އެހެންކަމުގަ ވާނަމަ އެ ބަންޤީގެ އަޑަށް ޖަވާބުދާރީވާށެވެ." މާނައަކީ ޖަމާޢަތަށް ނަމާދަށް ޙަޒިރު ވާށޭ. ލޯފަން ޞަޙާބީއަކަށް، ގެންދާނެ މީހެއް ނުވާ ޙާލަތުގައިވެސް ޖަމާޢަތުގެ ނަމާދު ދޫކޮށްލަން ޢުޒުރެއް ނެތް ކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވާއިރު، އަޅުގަނޑުމެންފަދަ ދެލޮލަށް ފެނުމުގެ ނިޢުމަތް ލިބިފައިވާ މީހުންނަށް އަދި އަމުދުން ޖަމާޢަތުގެ ނަމާދަށް ދާން ވާޖިބުވާނެކަން އެނގެން އެބައޮތް. އާދެ،ޖަމާޢަތުގެ ނަމާދު ވާޖިބުވުމަން އިސްތިސްނާވާ ބައެއްކަހަލަ ހާލަތްތައް ހުރިކަމުގައިވިޔަސް އާއްމު އުސޫލަކީ ފިރިހެންބޭފުޅުންނަށް ވާޖިބުވާނެ ޖަމާޢަތުގައި ނަމާދަށް ހާޒިރުވާން. އަދި ހާޒިރު ނުވެއްޖެކަމުގައި ވާނަމަ އެކަމުގެ ސަބަބުން ފާފަވެރިވާނެ. މީ މިއަދުގެ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ޖެހޭ ކަމެއް.
އާދެ، އެހެންކަމުން ނަމާދުގެ ފުރަތަމަ ވަޤުތުގައި އަދާކުރަން އިސްކަން ނުދީފިކަމުގައި ވާނަމަ ފިރިހެން ބޭފުޅުންނަށް ޖަމާޢަތް ގެއްލިގެން ދިޔުން މީ ވަރަށްބޮޑު ނުރައްކަލެއްކަން އަޅުގަނޑުމެންނަށް އެނގިގެންދޭ. އާދެ މިފަދަ އެތައް ސަބަބުތަކެއް ވާތީ އަޅުގަނޑުމެންނަކީ ބަންޤީގެ އަޑު އިވޭއިރަށް ނަމާދަށް އަވަސްވެގަންނަ ބަޔަކު ކަމުގައި ވާން މަސައްކަތް ކުރަން އެބަޖެހޭ.
އާދެ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް ނަމާދަށް ފަރުވާތެރިވާ އެ ނަމާދުގެ އެންމެ ފުރަތަމަ ވަޤުތުގައި ނަމާދު އަދާކުރަން އިސްކަންދޭ ބަޔަކު ކަމުގައި ލެއްވުން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ
- އައްޝައިޚް މުޙައްމަދު ޣާލިބް