ތިމާއަށް ތަޢްރީފް ނުކުރާ މީހުންގެ އަޑުއަހަން ބޭނުން ނުވުމަކީ ސުންނަތާވެސް ޚިލާފްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާއަށް ތަޢްރީފް ނުކުރާ މީހުންގެ އަޑުއަހަން ބޭނުން ނުވުމަކީ ސުންނަތާވެސް ޚިލާފްކަމެއް!

މިހާރަކަށް އައިސް މަތީ މަޤާމުތަކުގައި ތިބޭ މީހުންނާއި ތަނަވަސް މީހުން އަޑުއަހަން ބޭނުންވަނީ ހަމައެކަނި އެމީހުންނަށް ޚުޝާމަދުކޮށް ތަޢްރީފްކުރާ މީހުންގެ ވާހަކަތަކެވެ. އެހެން ނޫންނަމަ ގިނައީ ކިތަންމެ މުހިންމު ވާހަކައެއް ދައްކަން އުޅުނަސް ފުރުޞަތުވެސް ނުދޭ މީހުންނެވެ. 

މިއީ ވަރަށް ދެރަކޮސް ހިނގާ ކަމެކެވެ. ތިމާއަށް ތަޢްރީފްކޮށް ޚުޝާމަދު ނުކުރާ މީހުންގެ ވާހަކަތައްވެސް އަޑުއަހަންޖެހޭނެއެވެ. އަދި އެމީހާގެ ވާހަކަތައްވެސް އަޑުއަހައި ޖަވާބުދާރީވާންވެސް ޖެހޭނެ އެވެ. އެގޮތަށް އެކަންކުރުމުން ކުރާ ފައިދާ ބޮޑުވާނެތީއެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތަށް ބަލާށެވެ! ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެންނެވި ނަމަވެސް އެވާހަކައެއް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކެތްތެރިކަމާއިއެކު އަޑުއެއްސެވިއެވެ. ދައްކާނެ ވަރަކަށް ވާހަކަ ދައްކަން ފުރުޞަތުވެސް ދެއްވެވިއެވެ. އެމީހާގެ ވާހަކަ ނިމެންދެން އަޑު އައްސަވައި އެކަމަކަށް ދެއްވަން ފެނިވަޑައިގަންނަވާ ޖަވާބެއް ދެއްވެވި ކަމެވެ. 

މިކަމުގައި ޢުމަރުގެފާނު ވަނީ ވަރަށް ފުރިހަމައަށް ނަމޫނާ ދައްކަވައި އުންމަތަށް އެކަމުގައި ވަރަށް އަގުހުރި ފިލާވަޅެއް ދެއްވަވައިފައެވެ. އެއީ ޚުޠުބާ ވިދާޅުވާން މިންބަރަށް އަރާވަޑައިގެންނެވި ވަޤުތު ޞަޙާބީއަކު ސުވާލެއް ކުރުމުން ޚުޠުބާ ފަސްކުރައްވަވައި ވަގުތުން ޖަވާބުދާރީވެވަޑައިގަތީތީއެވެ. 

މިވާހަކަކޮޅު މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށާއި ތަނަވސް މީހުންނަށް އަމާޒުކޮށް ބުނި ނަމަވެސް ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭންޖެހޭނެއެވެ. ބައިވެރިޔާ ދައްކާ ވާހަކަ އަޑުއަހަންޖެހޭނެއެވެ. އިސްމީހަކީ ފިރިމީހާކަމަށްވީތީ އަނބިމީހާގެ އަޑު ނުއަހާނަމަ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތަކެއް ނުއޮންނާނެއެވެ. ދާނީ ހީނަރުވަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން