ދީނުގެ ކަންކަން ތިމާ ހިތަށްއެރިހާ ގޮތަކަށް ކޮށްފައި "އެއީ މައްސަލައެއް ނޫނޭ! އަހުރެންގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވާނެއޭ!" ބުނުމަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދީނުގެ ކަންކަން ތިމާ ހިތަށްއެރިހާ ގޮތަކަށް ކޮށްފައި "އެއީ މައްސަލައެއް ނޫނޭ! އަހުރެންގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވާނެއޭ!" ބުނުމަކުން ނުފުދޭނެ!

ދީނުގެ ކަންކަން އެމީހަކު ކުރަން ބޭނުންވާހައި ގޮތަކަށް ކޮށްފައި "އެއީ މައްސަލައެއް ނޫނޭ. އަހުރެންގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވާނެއޭ. އެކަލާނގެއީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނެގޭ" ބުނާ ބައަކު އެބައުޅެއެވެ.  

އެފަދަ މީހަކު ވުޟޫކުރާއިރު ބައެއް ގުނަވަންތަކުގައި ފެން ނުޖައްސައި ވުޟޫކޮށްފައިވެސް، ޢަޞްރުނަމާދުގައި 3 ރަކްޢަތްކޮށްފައިވެސް އަދި ހިލޭ އަންހެނުންނާއި ފިރިހެނުން ސަލާމްކޮށްފައިވެސް ބުނާނީ ހަމަ މިހެންނެވެ. މިބަޔާންކުރި ފަދަ އެއްވެސް ކަމަކީ އެއްވެސް މައްސަލައަކަށް އެމީހުންނަކަށް ނުވާނެއެވެ.  

ބުނަންހެއްޔެވެ؟ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމެއް ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ނޫން ގޮތަކަށް ކުރުން ހުއްދަވުމެއް ނޫނެވެ. ނަމާދު ޞައްޙަވާނީ ވުޟޫ ޞައްޙަވެގެންނެވެ. ވުޟޫ ޞައްޙަވާނީ ވުޟޫގެ ގުނަވަންތަކުގައި ފެންޖައްސައިގެންނެވެ. އަދި ނަމާދު ނަމާދަކަށްވާނީ ނަމާދުކުރަން އަންގަވާފައިވާ ގޮތަށް ކުރުމުންނެވެ.  

ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވައި ދެއްވަވާނެކަމަށް ބަލައި ފާފަތައް ނުކުރަންވީ ސަބަބުވެސް އެބައޮތެވެ. އެއީ އެއްވެސް މީހަކަށް އޭނާ މަރުވާނެ ވަޤުތު ނުއެނގޭނެތީއެވެ. ތައުބާނުވެހެއްޓައި ފުރާނަ ހިއްޕަވައިފާނެތީއެވެ. އެޙާލަތުކުރިމަތިވަނީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތެއްވެސް ނެތެވެ.  

ވީމާ ކޮންމެ މުސްލިމަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. ހެޔޮ ޢަމަލެއް ކުރާނަމަ އެކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރާށެވެ. ވުޟޫކުރިނަމަވެސް ނަމާދުކުރިނަމަވެސް އަދި އެހެން އަޅުކަމެއް ކުރިނަމަވެސްމެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަވެވޮޑިގަތުމުން ތިމާއަށް ފައިދާކުރަން އެދޭމީހާ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވުމުގައި ހީވާގިވާށެވެ! ފަރުވާތެރިވާށެވެ!

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން