ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދަނިކޮށް އެމީހެއްގެ މައްޗަށް ކޯފާ ބާވައި ނުލައްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދަނިކޮށް އެމީހެއްގެ މައްޗަށް ކޯފާ ބާވައި ނުލައްވަވާނެ!: މުފްތީ މެންކް

"ﷲ ތައާލާ ތިބާގެ ކިބައިން ނިޢްމަތެއް އަނބުރާ ގެންދަވައިފިނަމަ އެއީ ތިބާދެކެ ރުހިވޮޑިނުގަންނަވާ ކަމުގެ ހެއްކެއް ނުވަތަ ސަބަބެއް ނޫނެވެ. އަދި ނިޢްމަތެއް ދެއްވަވައިފިނަމަ އެއީ އެމީހަކު ދެކެ ރުހިވޮޑިގަންނަވާ ކަމުގެ ހެއްކެއް ވެސް ނޫނެވެ.  

ބައެއް ފަހަރު ބައެއް ނިޢްމަތްތައް އަނބުރައި ގެންދަވަނީ ﷲ ތައާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. ބައެއް ފަހަރު ބައެއް ނިޢްމަތްތައް މިންވަރު ކުރައްވަވަނީ އިމްތިޙާނެއްގެ ގޮތުންނެވެ. ނަމަވެސް މިކަންކަން ބައެއް ފަހަރު ބައެއް މީހުން އޮޅުވައިލައެވެ.  

ޔަޤީންކުރަންވީ ކަމަކީ ހުރިހާ ކަމެއްވެސް މިންވަރުކުރައްވަވަނީ އެމީހަކާއި ﷲ ތައާލާ އާއި ދެމެދުގައި ކުއްތަންވުން އޮންނަ މިންވަރެއްގެ މައްޗަށް ކަމެވެ. ހަމަ އެއާއިއެކު ޔަޤީންކުރަންވީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތައާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދަނިކޮށް އެމީހެއްގެ މައްޗަށް ކޯފާ ބާވައި ނުލައްވަވާނެ ކަމެވެ.  

އަހަރެމެންނަކީ ﷲ ތައާލާ އުފެއްދެވި އިންސާނުންނެވެ. އެއްވެސް އިންސާނަކީ ފުރިހަމަ މީހެއް ނޫނެވެ. ވީމާ ކުރަން އޮތް ކަމަކީ އެމީހަކަށް ކުރެވެން އެންމެ ބޮޑަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރުމެވެ.  

އަހަރެމެންގެ ރަސޫލާ މުޙައްމަދު () އެންމެ ފުރިހަމައެވެ. އެހެން ހުރިހާ ރަސޫލުން ވަނީ އެހެން ފެންވަރެއްގައެވެ. އަހަރެމެންނަކަށް އެންމެ ފުރިހަމައެއް ނުވެވޭނެއެވެ. އަހަރެމެންގެ މައްޗަށް އޮތީ ވީހައި ރަނގަޅަށް (ﷲ ތަޢާލާ އެންގެވި ގޮތުގައި) ކަންތައްތައް ކުރަން މަސައްކަތްކުރުމެވެ! 

ވީމާ އެގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް ކުރިމަތިކުރައްވަވާ އެއްވެސް ކަމަކީ ﷲ ތަޢާލާގެ ކޯފާއެއް ކަމަށް ޤަބޫލުނުކުރާށެވެ!  

"ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (އިމްތިޙާނެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު އުއްމީދު ކެނޑިފައި ތިބި ބައަކު ކަމުގައި އެއުރެންވިއެވެ. (އަލް އަންޢާމް:44) 

މިއާޔަތުން އެނގިގެންދަނީ ﷲ ތައާލާ ނިޢްމަތްތައް މިންވަރުކޮށްދެއްވެވުމުން ހެޔޮ އަމަލުކުރަން މީސްތަކުން ހަނދުމަނެތިގެންދާ ކަމެވެ. އަދި ނުބައި އަމަލުތައް ކުރަމުން ގެންދާ ކަމެވެ. ނަތީޖާއެއްގެ ގޮތުން ކުއްލިއަކަށް އެމީހުން ހިއްޕަވާ ކަމެވެ. " ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ." 

މީސްތަކުންނޭވެ! ﷲ ތައާލާ ނިޢްމަތް ދެއްވަވައިފިނަމަ ޝުކުރުވެރިވެ ހެޔޮ އަމަލުތައްކުރުން ގިނަކުރާށެވެ! ނުބައި އަމަލުތައް ކުރަމުން ގެންދާނަމަ މި އާޔަތުގައިވާ ފަދައިން އެމީހަކާއިމެދު ﷲ ތަޢާލާ ކަންކަން މިންވަރު ކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ! ހަމަ އެއާއިއެކު އެއްވެސް އިމެއް ނެތި ކެތްތެރިންނަށް ނިޢްމަތްތައް ދެއްވަވާ ކަމަށް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ! ވީމާ ކެތްތެރިވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން