ފިރުއަޢުނަށް ޖެހުނު ޙާލުގެ ވާހަކަ ހަމައެކަނި ކިޔައިލުމަކުން ނުފުދޭނެ! ލިބިގަންނަންޖެހޭ ފިލާވަޅުތައް ބައިވަރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިރުއަޢުނަށް ޖެހުނު ޙާލުގެ ވާހަކަ ހަމައެކަނި ކިޔައިލުމަކުން ނުފުދޭނެ! ލިބިގަންނަންޖެހޭ ފިލާވަޅުތައް ބައިވަރު!

ﷲ ތަޢާލާ ފިރުއަޢުނަށް ބާރާއި ތަނަވަސްކަމާއި މިހެންގޮސް އިންސާނަކަށް ދުނިޔޭގައި މީހަކަށް ބޭނުންވާނެ ހުރިހާ ނިޢްމަތްތަކެއް ދެއްވެވުމުން މަގުއޮޅި ފިރުއަޢުނު ނިންމީ އެހުރިހާ ކަންކަމަކީވެސް އޭނާގެ މޮޅުކަމުން އޭނާއަށް ލިބިފައިވާ ކަންކަން ކަމަށެވެ. އެހިސާބުން އޭނާ ބޭނުންވީ އޭނާގެ ބާރު ދައްކައިލުމަށެވެ. ކޮންމެ ގޮތަކުން ނަމަވެސް މޫސާގެފާނު ޝަހީދުކޮށްލުމަށެވެ.  

ހަމަ އެންމެ ބޭނުމަކުއެވެ. އޭނާ މަތިވެރިކޮށް އޭނާއަކީ ކަލަކުކަމަށް ހަދައިގެން އުޅެމުން އައި މީހުން މޫސާގެފާނަށް ތަބަޢަވެދާނެ ކަމުގެ ބިރަށެވެ. އޭނާގެ ބާރާއި ޤަދަރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ.  

އެކަމަށް އޭނާ، އޭނާގެ ވަޒީރުންނާއި މަޝްވަރާކޮށް އެމީހުންގެ ތާއީދުވެސް ހޯދިކަމާއި އޭނާގެ ނިޔަތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.

ފިރުއަޢުނު ބުންޏެވެ. މޫސާގެފާނު އަވަހާރަކޮށްލުމަށް ތިއަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު ދުޢާކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިއަބައިމީހުންގެ ދީން ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ." (ޣާފިރު: 26) 25،24 ބަލާ 

އަދިވެސް ﷲ ތައާލާ ވަޙީ ކުރައްވަވާފައިވެއެވެ. 

"ފިރުއަޢުން އާއި، ހާމާން އާއި، ޤާރޫނު ގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ." (ޣާފިރު: 24 

"ފަހެ، ތިމަންރަސްކަލާނގެ ޙަމްރަތުން ޙައްޤު ތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! ކާފިރުންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ." (ޣާފިރު:25) 

ފިރުއަޢުނުގެ މަކަރުވެރި ރޭވުންތަކާއި އަނިޔާވެރިކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ނަތީޖާއަކަށްވީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ޝަހީދުކުރަން ނުކުތް ފިރުއަޢުނު ކަނޑަށް ޣަރަޤުކުރެއްވެވުމެވެ.  

މިއީ މިއަދުވެސް ޢިބްރަތް ލިބިގަންނަންވީ ފިލާވަޅެވެ. ﷲ ތަޢާލާގެ ދީން ނިކަމެތިކުރަން މަސައްކަތްކުރާ މީހުން ހަމަ ފިރުއަޢުނު ފަދައިން ނިކަމެތި ކުރައްވަވާނެތެވެ! މުޙްލަތު ދެއްވަވަނީ ތައުބާވުމަށެވެ.  

ﷲ ތަޢާލާ ތަނަވަސްކަމާއި އާރާއި ބާރު ދެއްވެވުމުން މީސްތަކުން މަގުފުރެދިގެން ދިއުމުން މިއަދުވެސް ﷲ ތަޢާލާ ދައްކަވަމުން އެގެންދަވަނީ އެންމެ މަތިވެރިކަން ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށް ކަމެވެ. މީސްތަކުންނީ އެއްވެސް އާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ.  

މީސްތަކުންނޭވެ! ކީރިތި ޤުރްއާނުގައިވާ ވިސްނާށެވެ! ފިކުރުކުރާށެވެ! ބިރުވެތިވާށެވެ! ތައުބާވުން ގިނަކުރާށެވެ! ކެތްތެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކުރާށެވެ! ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން