ފިރިމީހާ ކިތަންމެ ދަންވަރު ގެއަށް އައިނަމަވެސް އޭނާއަށް އިންތިޒާރުކޮށްގެން އަނބިން ނުނިދައި ހޭލާ ތިބެންޖެހޭނެތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ވަޒީފާގެ ގޮތުން ނުވަތަ ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރަން ނެތްނަމަ އަނބިން ނިދުމުގެ ކުރިން ގެއަށް ވަނުމަކީ ފިރިންގެ ޒިންމާއެކެވެ. އަނބިމީހާގެ އިޙްސާސް ތަކަށް އިޙްތިރާމް ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ޒިންމާކަމަށްވާތީއެވެ.
ދެމަފިރިން އެކުގައި ނިދަން ނުއޮށޯންނަމަ ޖެހޭނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ މެދުގައި ދުރުކަން އުފެދޭނެއެވެ. އޮންނަންޖެހޭ ގާތްކަން ކުޑަވެގެންދާނެއެވެ. ދެމަފިރިން އެކުގައި ނިދަންވީ ހަމައެކަނި އެއްދާންކުރާ ރޭތަކަކު ނޫނެވެ. ކޮންމެރެއަކުއެވެ. ދެމަފިރިން އެކުގައި ނިދަންއޮށޯތުމަކީ ހުރިހާ ގޮތަކުންވެސް ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިއިތުރުވާ ކަމެކެވެ.
ދިރިއުޅުމަށް އެންމެ މުހިންމީ ދެމަފިރިންގެ ެމދުގައި އޮންނަންޖެހޭ ލޯބި ދިރުވައި އާލާކުރުމެވެ. ގުޅުން ހީނަރުވިއަނުދީ ބަދަހިކުރަން މަސައްކަތްކުރުމެވެ. މި 2 ކަންތަކަށް ސަމާލުކަންނުދީ އުފާވެރިކަމެއް ނުލިބޭނެއެވެ. މި 2 ކަންތައް ހީނަރުވާނަމަ ދެމީހުންގެ ގުޅުން ދާނީ ހީނަރުވަމުންނެވެ.