ކައިވެންޏަށްފަހު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ލޯތްބާއި އިތުބާރު ދެމެހެއްޓުމެވެ. ލޯބި ދެމެހެއްޓުން ވަރަށް ފަސޭހައިން މާނަކުރެވިދާނެއެވެ. ނަމަވެސް އިތުބާރު ދެމެހެއްޓުން މާނަމަކުރުން އެހާފަސޭހައެއް ނުވާނެއެވެ.
އިތުބާރު ދަމަހައްޓަން ކުރަންޖެހޭ ކަންކަން ތަފާތެވެ. ހުރިހާ އަނބިން އަދި ފިރިންވެސް ބޭނުންވާނީ އެއްކަމެއް ނޫނެވެ. ވީމާ ކައިވެންޏަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް އެކަންކަން ދެނެގަންނަންވާނެއެވެ.
މިޘާލަކަށް ބުނާނަމަ ހެޔޮލަފާ ގިނަ އަނބިން ބޭނުންވާނީ އެމީހުންނަށް ބޭނުންވާ އެއްޗެތި ގަނެދޭނެ ކަމުގެ އިތުބާރެއް ނޫނެވެ. އެމީހުން ބޭނުންވާނީ އެމީހުންގެ ހިތުގައި ނުޖައްސުވައި ލޯބިން ގެންގުޅޭނެ ކަމުގެ އިތުބާރެވެ. ޔަޤީންކަން ބޭނުންވާނީ އެކަމަށެވެ.
ވީމާ އަނބިމީހާ ބޭނުންވާހައި އެއްޗެއް ގަނެދިނީމާ ހުރިހާ ކަމެއް ފުދޭނެ ކަމަށް ހީނުކުރާށެވެ. ލޯބި ދިނުމުގައި އިހްމާލްނުވާށެވެ. އަޅައިލުން ކުޑަނުކުރާށެވެ. ހަމައެފަދައިން އަނބިންވެސް ފިރިމީހާގެ އިތުބާރު ހޯދަން މަސައްކަތްކުރާށެވެ. އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރާށެވެ.
އެކަމަށް ކުރަން އެންމެ މުހިންމު އެއްކަމަކީ ފުރިހަމަ ގޮތުގައި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އިސްލާމް ދީނުގެ ޙުކުމަކާއި ތަފާތުނުވާ ގޮތަށް ފިރިންކުރާ ހުރިހާ އަމުރުތަކަށް ބޯލަނބާށެވެ.
އެއީ ތިމާ ދެރަވެ ނިކަމެތިވުންކަމަށް ނުވަތަ އަޅުވެތިވުން ކަމަށް ވިސްނޭނަމަ އެވިސްނުން އެލިބެނީ ޝައިޠޯނާގެ ކިބައިންނެވެ. ސަލާމަތްވެވޭނީ އެކަމަށް ސަމާލުކަން ދެވުނުވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން