ލިބޭ މިންވަރުން ދަރިންނަށް ޚަރަދުނުކުރާނަމަ މިޙަދީޘްފުޅަށް ފެތި މިއުންމަތުގެ މީހުންގެ ތެރެއިން ނުހިމެނުމަކީ އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ލިބޭ މިންވަރުން ދަރިންނަށް ޚަރަދުނުކުރާނަމަ މިޙަދީޘްފުޅަށް ފެތި މިއުންމަތުގެ މީހުންގެ ތެރެއިން ނުހިމެނުމަކީ އޮތްކަމެއް!

ކުޑަކުދިންނަށް ރަޙުމް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އިންސާނީ ވާޖިބެކެވެ. ދީނީ ގޮތުން ބަލާނަމަވެސް އެއީ ވާޖިބެކެވެ. އަދި އެކަމުގައި އެންމެ އިސްކޮށް ތިބެންޖެހޭނެ ބައަކީ އެކުއްޖެއްގެ މައިންބަފައިންނާއި ޢާއިލާގެ މީހުންނެވެ. 

ކުއްޖަކަށް ރަޙުމްކުރަން ފުރަތަމަ ކަމަކަށްވެސް ކުރަންޖެހޭ ކަމަކީ ކުއްޖާ ބަލަހައްޓައި އެކުއްޖާއަށް ކުރަންޖެހޭ ޚަރަދުތައްކޮށް އަދި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމެވެ. އެހެންކަމަށްވާއިރު ކުދިން ލިބުމުން އަޅާނުލައި، ޚަރަދުނުކޮށް އަދި ރަނގަޅު ގޮތުގައި (ﷲ ތަޢާލާގެ މަގުގައި) ތަރުބިއްޔަތުނުކުރާނަމަ އެކުއްޖާއަށް ރަޙުމްކުރާ ކަމަކަށް ނުވާނެއެވެ. 

ކުދިން ބެލުމުގެ ޒިންމާ ނެގުމުގައި ޢަމަލީ ގޮތުން އެކަންކުރަނީ މައިންނެވެ. ބައްޕައަށް އޮތީ ޚަރަދުކުރުމާއި ތަރުބިއްޔަތުކުރުމެވެ. މީގެތެރެއިންވެސް ކޮންމެ ބައްޕައެއްގެ މައްޗަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ކުދިންނަށް ޚަރަދުކުރުމެވެ. އެހެންކަމަށްވާއިރު ލިބޭ މިންވަރަކުން ކުދިންނަށް ޚަރަދުނުކުރާނަމަ މިޙަދީޘްފުޅަށް އެމީހަކު ފެތިގެންދެއެވެ. އެއީ ބިރުހުރި ކަމެކެވެ. 

ދަރިންނަށް ރަޙުމްނުކުރާނަމަ އެކުދިން ނިކަމެތިޙާލުގައި އުޅެން ދޫކޮށްނުލާނެތީއެވެ. އަޅާލައި އެހީތެރިވާނެތީއެވެ. 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَنْ لَمْ يَرْحَمْ صَغِيرَنَا، وَيَعْرِفْ حَقَّ كَبِيرِنَا فَلَيْسَ مِنَّا» [رواه أبو داود في سننه (4943) والبخاري في الأدب المفرد (354) وصححه الألباني في صحيح أدب المفرد (353)] 

މާނައީ: "އަހަރެމެންގެ ތެރޭގައިވާ ކުޑަކުދިންނަށް ރަޙުމު ނުކުރާ މީހަކީ އަދި ބޮޑެތި މީހުންގެ ޙައްޤު ނުދަންނަ މީހަކީ (އެބައިމީހުންނަށް މާތްކޮށް ނުހިތާ މީހަކީ) އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ." 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ޙަދީޘްފުޅާއި ޙަދީޘްފުޅުގެ މާނަ: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން