ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހުނަސް ގޮތް ނިންމުމުގެ ބާރު ޢާއިލާއަށް ދީގެން ނުވާނެ! ފައިދާކުރާނީ ދެމީހުންނަށް އެއްބަސްވެވޭ ގޮތަށް ކަންކަން ނިންމައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދެމަފިރިންގެ މެދުގަ މައްސަލައެއް ޖެހުނަސް ގޮތް ނިންމުމުގެ ބާރު ޢާއިލާއަށް ދީގެން ނުވާނެ! ފައިދާކުރާނީ ދެމީހުންނަށް އެއްބަސްވެވޭ ގޮތަށް ކަންކަން ނިންމައިގެން!

ޒަވާޖީ ޙަޔާތެއް ފަށައިގެން ކުރިއަށްދާއިރު ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސލަތައް ކުރިމަތިވާނެއެވެ. އެކަންކަން ދެމަފިރިންނަށް ޙައްލުނުކުރެވޭނަމަ ޢާއިލާގެ އެހީތެރިކަން ހޯދުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް ގޮތް ނިންމުމުގެ ބާރު ޢާއިލާއަށް ދީގެންނުވާނެއެވެ. ގޮތް ނިންމަންވާނީ ދެމީހުންނަށް އެއްބަސްވެވޭ ގޮތަކަށެވެ.  

ދިރިއުޅުމުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރާއިރު އެއްކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ތަޖުރިބާ ކާރުން ބުނެފައި ހުންނަ ބަސްތަކަށް ދެމީހުންވެސް ވިސްނުމެވެ. އެމީހުން ބަސް ބުނެފައި އެހުންނަނީ އެމީހުންގެ އަމިއްލަ ވިސްނުމަކުން ނޫނެވެ. އެމީހުންނަށް ހުށަހެޅޭ އެތައް ބައިވަރު މައްސަލަތަކާއި އެމައްސަލަތައް ޙަލުކުރެވުނު ގޮތަށް ބަލައިގެންނެވެ. 

އެގޮތުން ވިސްނަންވީ އެންމެ މީހެއްގެ ބަހަކަށް ނޫނެވެ. ގިނަ ބައެއްގެ ބަސްތަކަށް ވިސްނާށެވެ. އަދި އެތަނުން އެންމެ ފައިދާހުރި ގޮތް ދެމީހުންވެސް ޤަބޫލުކުރާށެވެ.  

ދެން ބުނެލަން ބޭނުންވަނީ އަހުރެމެން ޢިބްރަތް ޙާޞިލުކޮށް ފިލާވަޅު ލިބިގަންނަންޖެހޭނީ މުސްލިމް ޢިލްމްވެރިންގެ ބަސްތަކުންނެވެ. އެހެނީ ކޮންމެ ކަމެއްގައިވެސް އަހުރެމެން ޢަމަލުކުރަންވާނީ އިސްލާމް ދީނުގައި އޮތް މަގުންނެވެ. އިސްލާމް ދީނުގައި އޮތް ގޮތަށެވެ.  

މައްސަލައެއް ޖެހިގެން އުޅޭއިރު ދެމަފިރިން ވަކިވުމުގެ ވާހަކަ ނުވަތަ ވަރީގެ ވާހަކަ ދައްކައިގެންވެސް ނުވާނެއެވެ. ވަރިއާއި ދިމާއަށް ދިއުން އޮތީ ދެން އެހެން އެއްވެސް ގޮތެއް ނެތުމުން އެންމެ ފަހުކަމެއްގެ ގޮތުންނެވެ. ވަރިއަކީ އެންމެ ފަސޭހަ ޙައްލުކަމަށް ވިސްނުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އަދި ދުނިޔަވީ ގޮތުން ބެލިނަމަވެސް އެއީ ޢަމަލުކުރަން އޮތްގޮތެއް ނޫނެވެ.  

އަހުރެން އަބަދުވެސް ބުނާ ވާހަކައެއް މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އެއީ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަން ދެމަފިރިންނަށް އަމިއްލައަށް ޙައްލުކުރެވެން ޖެހޭނެއެވެ. އަދި އެކަން ކުރެވޭނީ ދެމަފިރިންގެވެސް އަމާޒަކީ ޢުމުރަށް އެކުގައި ދިރިއުޅުން ކަމަށް ހަދައިގެން ދެމީހުންވެސް އެކަމަށް މަސައްކަތްކުރާނަމައެވެ. ޙިލްމްވެރިއަކަށްވެސް ވެވިގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން