ޢަލީ އިޙްޞާން ފިރާޤް
أسباط ންނަކީ ނަބީބޭކަލުންތަ؟
الْأَسْبَاطُ ންނަކީ ގެ ވާހަކަ އެއްފަހަރަށްވުރެ ގިނަ ފަހަރު ބަޔާން ކުރައްވައިފައިވެއެވެ. الْأَسْبَاطُ ންގެ ވާހަކަ ގެންނަވައިފައިވަނީ ނަބީބޭކަލުންގެ ނަންފުޅުތަކާއެކުގައެވެ. ބަޤަރާ ސޫރަތުގެ 136 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
قُولُوا آمَنَّا بِاللَّهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ ﴿١٣٦﴾
މާނައީ: [ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ.]
ނިސާ ސޫރަތުގެ 163 ވަނަ އާޔަތުގައި الْأَسْبَاطُ ންގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا ﴿١٦٣﴾
މާނައީ: [نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.]
أَبُو الْعَالِيَة އާއި الرَّبِيعُ އާއި قَتَادَةُ ވިދާޅުވެފައިވެއެވެ. [الْأَسْبَاطُ ންނަކީ، ސަލާމްލެއްވި ޔަޢުޤޫބުގެފާނު ބާރަ ބޭފުޅުންނެވެ. އެއިން ކޮންމެ ބޭކަލެއް ފަރާތްޕުޅުން އުންމަތެއް މީހުން އުފެދިގެން އައެވެ.] الْخَلِيلُ بْنُ أَحْمَد އާއި އެނޫން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ. [ބަނީއިސްރާއީލުންގެ الْأَسْبَاطُ ން، ބަނީއިސްމާޢީލުގެ ޤަބީލާތައް ފަދައެވެ.] މީގެ މުރާދަކީ، الْأَسْبَاطُ ންނަކީ، ބަނީއިސްރާއީލުންގެ ތަފާތު ޤަބީލާތަކެވެ. އެ ޤަބީލާތަކުން ގިނަ ނަބިއްޔުންތަކެއް އަރަހުށި މާތްﷲ ފޮނުއްވިއެވެ. {ތަފްސީރު އިބްނު ކަޘީރު، އިނގިރޭސި އެޑިޝަން، ފުރަތަމަ ޖިލްދު، ޞަފްޙާ 412}
ކީރިތި ޤުރްއާނުގެ އަޢުރާފު ސޫރަތުގެ 160 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
قَطَّعْنَاهُمُ اثْنَتَيْ عَشْرَةَ أَسْبَاطًا أُمَمًا ۚ
މާނައީ: [އަދި ބާރަ قبيلة އަށް، جماعة ތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ބައިކުރެއްވީމެވެ.]
الْقُرْطُبِي ވިދާޅުވެފައިވެއެވެ. السِّبْط އަކީ އެއްދަރިކޮޅަކުން އުފެދިގެން އައިސްފައިވާ ޖަމާޢަތެއްގެ ނުވަތަ ޤަބީލާއެއްގެ މީސްތަކުންނެވެ.
މިދެންނެވި ދެ އާޔަތުގެ ބޭރުފުށުގެ މާނައަށް ބަލައިލުމުން އަސްބާތުންނަށް ފޮތް ބާވައިލެއްވި ކަމަށާއި، އެބޭކަލުންނަށްވެސް ވަޙީ އިއްވެވިކަން ދޭހަވެއެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން އެއީ ނަބީބޭކަލުންކަމަށް ވިދާޅުވެއެވެ. އެބޭކަލުން ވިދާޅުވަނީ الْأَسْبَاطُ ންނަށް ނަބީކަން ލިބިވަޑައިގެންފައިވަނީ އެބޭކަލުންނަށް ކުރެވުނު ކުށަށްތަކަށް ތައުބާވެވަޑައިގެންނެވުމަށް ފަހުގައި ކަމުގައެވެ.
ކުރީގެ މުފައްސިރުންގެ ތެރެއިން އިމާމު އާލޫސީ އާއި އިމާމު ސުޔޫތީ ދެކެވަޑައިގަންނަވާ ގޮތަކީ الْأَسْبَاطُ ންނަކީ ނަބީބޭކަލުން ނޫންކަމުގައެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވެސް ވިދާޅުވަނީ އެއީ ނަބީބޭކަލުން ނޫންކަމުގައެވެ. އެހެނީ ނަބީބޭކަލުންނަކީ ބޮޑެތި ފާފަތަކުން މައުސޫމުވެގެންވާ ބޭކަލުންކަމުގައިވާތީއެވެ. ޔޫސުފުގެފާނު އަޚުން އެކަލޭގެފާނު ޤަތުލުކުރަން ރޭވިއެވެ. އެކަލޭގެފާނަށް ވަޅަށް ވައްޓައިލިއެވެ. ދޮގު ހެދިއެވެ. {ابن تيمية ، كتاب جامع المسائل لابن تيمية ط عالم الفوائد، صفحة 297. }
މި ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ޢުމަރު ސުލައިމާންވެސް ބޮޑަށް ބުރަވެލައްވަނީ الْأَسْبَاطُ ންނަކީ ނަބީބޭކަލުން ނޫންކަމުގައެވެ. އެހެނީ އެބޭކަލުންގެ ކިބައިން ނަބީކަން ނަފީކުރާ ފަދަ އަޚްލާޤީ ބައެއް ސިފަތައް ފެނިފައިވާތީއެވެ. ކުރިން ދެންނެވިފައިވާ ފަދައިން ޔަޢުޤޫބުގެފާނު ބާރަ ބޭފުޅުންގެ ތެރެއިން ހަމަކޮންމެ ބޭކަލެއްގެ ކިބައިން ޤަބީލާއެއްގެ މީހުން އުފެދިގެން ދިޔައެވެ. އުންމަތެއްގެ މީސްތަކުން އުފެދިގެން ދިޔައެވެ. ޢުމަރު ސުލައިމާން ވިދާޅުވާ ގޮތުގައި، އިސްވެދިޔަ އާޔަތްތަކުގައި الْأَسْبَاطُ ންނޭ އޮތީ އެ ޤަބީލާތަކަށް ފޮނުއްވި ނަބީބޭކަލުންނަށް ނިސްބަތް ކުރައްވައެވެ. މިކަމާ ގުޅޭ ގޮތުން ޢުމަރު ސުލައިމާން ދެއްވައިފައިވާ ދަރުސް މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. {https://www.youtube.com/watch?v=kOBHX-qyDGM}