ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ ރަޙިމަހުﷲ ފޮތްތައް ލިޔުއްވިއިރު ދުލުން ނިޔަތްކިޔަން ލިޔުއްވާފައި އޮތްނަމަވެސް އެމަނިކުފާނު ވަނީ ޙައްޤަށް ރުޖޫޢަވުމުގައި ރިވެރި ނަމޫނާއެއް- ދައްކަވައިފައެވެ.
"ނަމާދުގެ ނިޔަތުގެ މައްސަލައިގައި މުޙައްމަދު ޖަމީލް ދީދީ ރަޙިމަހުﷲ، ތަޢުލީމު ދިޔާނާގައި، ދުލުން ކިޔާނެ ނިޔަތްތަކެއް ބަޔާންކުރެއްވުމަށްފަހު، ޙައްޤު އެނގިވަޑައިގަތުމުން ޙައްޤަށް އެނބުރި ރުޖޫޢަވެވަޑައިގެން އެކަން ވަނީ ބަޔާންކޮށްދެއްވައިފައެވެ.
14 ޝަޢުބާން 1408 ވީ ހުކުރުދުވަހުގެ ދީނުގެ މަގުގައި މުޙައްމަދު ޖަމީލް ދީދީ ވިދާޅުވެފައިވަނީ "ދެން ފަހެ ނިޔަތަކީ ކަމެއް ކުރުމާ ގުޅިގެން ކުރެވޭ ގަސްތެވެ. އެއީ ހިތުން ކުރެވޭ ކަމެކެވެ. ދުލުން ކިޔޭ ކިއުމެއް ނޫނެވެ. ނަމާދާއި ނިޔަތާ ގުޅިފައިވާ ގުޅުމަކީ މިއެވެ."
- ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ ރަޙިމަހުﷲ
"ނިޔަތުގެ މަހައްލަކީ ހިތެވެ. ދުލުން ނިޔަތް ކިޔަން ޖެހެނީ ޢުމަރާ އާއި ޙައްޖުގައި އެކަންޏެވެ. އެހެން އަޅުކަންތަކުގައި އެކަން ކުރަން ހިތަށް އެރުވީމައި ފުދޭނެއެވެ."
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
ނިޔަތަކީ އެކަމެއް ކުރަން ޤަޞްދުކުރުމެވެ. ކޮންމެ ހެޔޮ ޢަމަލެއްވެސް ކުރަން އޮތީ އެކަމަށް ނިޔަތްގަނެގެންނެވެ. މިޘާލަކަށް މީހަކަށް ރުފިޔާ ނުވަތަ އެއްޗެއް ދިންނަމަވެސް އެއީ ޞަދަޤާތަކަށްވާނީ އެކަމަށް ނިޔަތްގަނެގެން ދިނީމައެވެ.
ނަމާދަށް ނިޔަތްގަތުން އޮތީ ނަމާދަށް ފަށަމުންނެވެ. ވުޟޫކުރުމަށް ނިޔަތްގަންނަން އޮތީ މޫނަށް ފެންލަމުންނެވެ. ރަމަޟާން މަހު ރޯދަހިފަން ނިޔަތްގަންނަން އޮތީ އިރުއޮއްސުމުންނެވެ. ފުރަތަމަ ރޭ ނިޔަތްގަންނަންވާނީ މާދަމާއަކީ ރޯދަމަހުގެ ފުރަތަމަ ދުވަސްކަމަށް އިޢުލާނުކުރުމުންނެވެ. އަދި ކޮންމެ ރެއަކު ނިޔަތްގަންނަން ހަނދާން ނެތިދާނެނަމަ ރަމަޟާން މަހުގެ ހުރިހާ ދުވަހެއްގައި ރޯދަހިފަން ނިޔަތްގަނެ ކޮންމެ ދުވަހަކު ރޯދަހިފަމުން ގެންދާނަމަ ފުދޭނެކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ހިނައިގަންނަނަމަވެސް ނިޔަތް ގަންނަން ޖެހެއެވެ. ނިޔަތް ނުގަނެ ފެންވަރައިލުމަކުން ނުފުދޭނެއެވެ. އެއިރުން ވާނީ ފެންވެރިކަމަށެވެ. ހިނަގަތްކަމަށްވާނީ ނިޔަތާއިއެކު ހިނައިގަތުމުންނެވެ.
މިއީ ނިޔަތް ގަތުމާއި ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ. ހަނދުމަކޮށްލައިދިނީއެވެ!