ކިބުރުވެރި، ބޮޑާމީހުން އަޅުކަންކުރި ނަމަވެސް އެމީހުންގެ ކިބައިގަ އެވަނީ ޝައިޠޯނާގެ ސިފަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ކިބުރުވެރި، ބޮޑާމީހުން އަޅުކަންކުރި ނަމަވެސް އެމީހުންގެ ކިބައިގަ އެވަނީ ޝައިޠޯނާގެ ސިފަ-

ބައެއް މީހުންނަށް އެމީހުންގެ ހައިބަތާއި ސައިޒު ފެނިފައިތިބޭވަރު ބޮޑުކަމުން މިސްކިތުން ބައްދަލުވާ އަޚުންނަށް އެންމެ ކުޑަމިނުން ބަލައިލަންވެސް ބޭނުމެއް ނުވެއެވެ. ހަތަރުކަޅި ހަމަވިނަމަވެސް ހިނިތުންވެލަންވެސް ބޭނުމެއް ނުވެއެވެ. އެމީހުންނަކީ މާދަށުދަރަޖައިގެ މީހުން ކަމަށް ޤަބޫލުކުރެވޭތީއެވެ.  

މުސްލިމުން އަޅުކަންކުރަނީ ﷲ ތަޢާލާއަށެވެ. ﷲ ތަޢާލާއަށް އަޅުކަންކުރަން އޮތީ އިޚްލާޞްތެރިކަމާއިއެކުގައެވެ. އިޚްލާޞްތެރިވެވޭނީ އީމާންތެރިކަން ފުރިހަމަކޮށްގެންނެވެ. އީމާންތެރިވެވޭނީ ހިތުގައި ބޮޑާކަމެއް ނެތް މީހުންނަށެވެ. 

މިސިފައަކީ ޝައިޠޯނާގެ ސިފައެކެވެ. ޔަޤީންކޮށްލައްވަން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ޝައިޠާނާގެ ބޮޑާކަން 

ނިކަން ވިސްނަވާށެވެ! މާތް ﷲ އަށް އުރެދުމުގެ ކުރީން ޝައިޠާނާ (އިބްލީސް) ވެސް އުޅުނީ މަލާއިކަތުންނާ އެކުގައެވެ. ކިޔަމަންތެރި އަޅުވެރިއެއްގެ ގޮތުގައެވެ. ބޭރުފުށުގެ ޢަމަލުތައް ހަމަ މަލާއިކަތުންގެ ޢަމަލުފުޅުތައް ފަދައެވެ. އެހައި ކިޔަމަންތެރިއެވެ. ސަޖިދަކުރުމާއި އަޅުކަން ކުރުމުގައި ހަމަ މަލާއިކަތުން ފަދައެވެ. އެހެންކަމުން، އާދަމުގެފާނަށް (ޝަރަފުގެ) ސަޖިދަކުރެއްވުމަށް މަލާއިކަތް ބޭކަލުންނަށް މާތް ﷲ އަމުރުކުރެއްވި ހިނދު، އެ ބޭކަލުންގެ ތެރޭގައި އިބްލީސް ވެސް ހިމެނިގެން ދިޔައެވެ.  

ނަމަވެސް މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް، އެތެރެފުށުގެ ޢަމަލުތައް އޭނާގެ ހުރީ ސީދާކޮށެއް ނޫނެވެ. މަލާއިކަތުންގެ ޢަމަލުފުޅުތަކާ އެއްފަދަ ގޮތަކަށް ނޫނެވެ. އެހެނީ، އޭނާގެ ބޭރުފުށުގެ ޢަމަލުތަކާއި އެތެރެފުށުގެ ޢަމަލުތައް އެއްފަދަ ވިނަމަ، އޭނާގެ ނަފްސުގައިވާ ނުބައި ސިފަތަކުން ނަފްސު ޠާހިރުކޮށް ސާފުކުރީސް ކަން ކަށަވަރެވެ. އަދި މާތް ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރި ނުވީސްކަން ކަށަވަރެވެ. އެހެނީ، އިންސީންގެ ތެރެއިން ވެސް އެބައިމީހުންގެ އެތެރެފުށުގެ ހެޔޮކަމާއި ޠާހިރުކަމާއި އިޚްލާޞްތެރިކަން ހުރި މީހަކަށް މާތް ﷲ ގެ އަމުރުފުޅަށް ބޮޑާވެ ތަޙައްދީކުރާ ޙާލުގައި ދެކޮޅުވެރިވާކަށެއް ނުކެރޭނެއެވެ. އެއީ މަލާއިކަތުންނާ އެއް ފެންވަރަކަށް އެ މީހެއްގެ އެތެރެފުށުގެ އިޚްލާޞްތެރިކަން ނުދިޔަ ކަމުގައި ވިޔަސް، އެކަން އެގޮތަށް ކުރާކަށް ނުކެރޭނެއެވެ.  

މިއިން ކަށަވަރުވަނީ، ބޭރުފުށުން ކިތަންމެ ވަރަކަށް ޝައިޠާނާގެ އަޅުކަން ގިނަވެފައި،  އެފަދަ ޢަމަލުތައް މަލާއިކަތުންނާ އެއްވަރު ވިޔަސް، އޭނާގެ ހިތުގައި މާ ބޮޑު އީމާންކަމެއް ބިންވަޅުނެގިފައި ނެތް ކަމެވެ. އޭނާ ހިތުގައި އޮންނާންޖެހޭ އިޚްލާޞްތެރިކަން ނެތްކަމެވެ. އަދި ބޭރުފުށުން އެ ފެނުނު ޢަމަލުތަކަކީ އެއްގޮތަކަށް ވެސް އޭނާގެ އެތެރެފުށް އިޞްލާޙުކޮށް، އީމާންތެރިކަން ތާޒާކުރުވި ޢަމަލުތަކެއް ނޫންކަމެވެ.  

މިއިން އެނގިގެން ދާ އަނެއް ކަމަކީ، ބޭރުފުށުގެ އަޅުކަމާ މެދު ބޮޑުވުމުގެ ނުރައްކާތެރިކަމެވެ. އެތެރެފުށާ މެދު ފަރުވާކުޑަކުރުމުގެ ނުރައްކައުތެރިކަމެވެ. އެއީ މީހާ އެއްކޮށް ހަލާކުގެ ތެރެއަށް އެއްލައިލާނޭ ކަމެއް ކަމެވެ. މި ހިސާބަށް އޭނާ ގޮސްފައިވާނީ އެތައް ޒަމާނެއް ވަންދެން ހިތު ތެރޭގައި އޮތް ބޮޑާކަމާއި ކިބުރުވެރިކަމާ ހެދިކަން ކަށަވަރުވެއެވެ.  

އެހެންކަމުން، އޭނާ މަލާއިކަތް ބޭކަލުންނާ އެކުގައި އުޅުނެއް ކަމަކު، އަދި ބޭރުފުށުން އެ ބޭކަލުންނަށް އިޙްތިރާމުކުރާ ކަމަށް ދެއްކިކަމުގައި ވިޔަސް، އޭނާގެ ހިތުގެ އަޑިން އެ ބޭކަލުންނަށް މަލާމާތްކޮށް، އެ ބޭކަލުންނަކީ މާ ދަށް ބައެއް ކަމުގައި  ދުށްކަމާ މެދަކު ވެސް ޝައްކެއް ނުކުރެވެއެވެ. އަދި އެ ބޭކަލުންނަށް ވުރެ ﷲ ޙަޟްރަތުގައި ޝަރަފުވެރިވެ މަތިވެރިވާން ޖެހޭނީ އޭނާ ކަމަށް އޭނާ ހިތާއި ހިތުން ގަބޫލުކުރާނޭ ކަމާ މެދަކު ވެސް ޝައްކެތް ނެތެވެ. އަދި ޖިބްރީލުގެފާނުގެ މަޤާމާ މެދު އޭނާ ދެކޭނީ، އެއީ އެކަލޭގެފާނަށް ލިބިވަޑައިގަތުމަށް ވުރެ އޭނާއަށް ލިބުން ޙައްޤު މަޤާމެއް ކަމުގައި ޔަގީނެވެ.  

މިއީ އެބައިމީހުންގެ ބޭރުފުށުގެ އަޅުކަންތަކާ މެދު ބޮޑާވެ ކިބުރުވެރިވާ މީހުންގެ ޙާލު ހުންނާނެ ގޮތެވެ. އެތެރެފުށުގެ އެއްވެސް ޞާލިޙުކަމެއް ނެތް މީހުންގެ ޙާލަތެވެ. ކިބުރުވެރިކަން އެބައިމީހުންގެ އަޅުކަމަށް ވަދެ، މުޅި މީހާ ހަލާކުކޮށްލާނެއެވެ.  އެ އަޅުކަމަކީ އޭނާއަށް ނަޖާތު ލިބޭކަމަކަށް ނުވާނެއެވެ. މިއީ ޚަވާރިޖުންނަށް ވެސް ވީގޮތެވެ. ކުރީގެ ޚަވާރިޖުންނާއި މިހާރުގެ ޚަވާރިޖުން ވެސް ވީ ހަމަ މިގޮތެވެ.  

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

މިއަދު އޮންލައިން