ފުރަތަމަ ކަމަކަށް މިކަންކަން ފާހަގަކޮށްލާނަމެވެ.
ނަމާދުކުރަނީވެސް ދުޢާކުރަނީވެސް އަދި ޛިކުރްކުރަނީވެސް، އަދި ރިވެތިއަޚްލާޤުގެ މަތީގައި އުޅެނީވެސް، އަނބިދަރިންނަށާއި ޢާއިލާއަށް ހެޔޮކޮށް ހިތަނީވެސް ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ. މާނައަކީ އެކަންކަން ކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.
ދެން އޮތީ ހަވާނަފްސް އެދޭ ކަންތައްތަކެވެ. ތަނަވަސްކަން އިތުރުކުރަން ވައްކަން ނުކުރަނީވެސް އަދި ހިތްހަމަޖައްސަން ފާޙިޝް ޢަމަލުތައް ނުކުރަނީވެސް އަދި ތަޢާލާ ނަހީކުރައްވަވާފައިވާ އެހެން ކަންކަން ނުކުރަނީވެސް ހަމަ ﷲ ތަޢާލާއަށްޓަކައެވެ. މާނައަކީ އެކަންކަން ނުކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.
ދެން ބުނެލަން ބޭނުންވަނީ މިބުނި ހުރިހާ ކަންކަންކޮށް ޢަމަލުކުރަނީ ހަމަ ތިމާއަށްޓަކައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ސުވަރުގެ ވަންނަން ބޭނުންވާތީއެވެ. ސުވަރުގެ ވައްދަވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމަށްވާތީއެވެ.
ވީމާ ކުރުގޮތަކަށް ބުނާނަމަ އަހުރެމެންގެ ހުރިހާވެސް ބޭނުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ހެޔޮ ޢަމަލުތައް ކުރަނީވެސް އަދި ނަހީކުރެއްވެވި ކަންކަން ނުކުރަނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަނުމުގެ ބޭނުމުގައެވެ.
ވީމާ ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް އަނބިދަރީންނަށް ޢާއިލާގެ މީހުންނަށް ދެރަވާނެ ގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ! އެކަމަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލި ސުވަރުގެ ނުލިބިދާނެކަމަށްޓަކައެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށްވާތީއެވެ.
- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން