ކީރިތި ޤުރްއާނުގައިވާ މުޢްޖިޒާތްތައް އެނގެން ބޭނުންނަމަ ތަފްސީރުކިޔުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ކީރިތި ޤުރްއާނުގައިވާ މުޢްޖިޒާތްތައް އެނގެން ބޭނުންނަމަ ތަފްސީރުކިޔުން ގިނަކުރާށެވެ!

ކީރިތި ޤުރްއާނުގެ ތަފްސީރުކިޔާ ގިނަ މީހުން ބުނަނީ ތަފްސީރު ކިޔަން ފެށުމުން ޝައުޤުވެރިކަން އިތުރުވާ ކަމަށާއި ހަމައެކަނި މާނަކިޔައިލުމުން ހިތްހަމަނުޖެހޭ ކަމަށެވެ. އެކަން އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ކިޔަވަން ފަށައި އެކަމަށް އާދަކޮށްފި މީހަކަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީވެސް ޤުރްއާން ކިޔެވުނު ވަރަކުންނެވެ. 

ކީރިތި ޤުރްއާނާއިމެދު ކުށްހީތައް ކުރެވެނީ ޤުރްއާނުގެ ޢިލްމް އެމީހެއްގެ ކިބައިގައި ނެތުމުންނެވެ. އެއީ ކީރިތި ޤުރްއާނުގެ މައްސަލައެއް ނޫނެވެ. އިންސާނުންގެ މައްސަލައެކެވެ. އެޙާލަތުން އަރައިގަނެވޭނީ ޤުރްއާން އެނގިގެންނެވެ. ޙައްލަކީ ގިނަގިނައިން ތަފްސީރުކިޔުމެވެ. 

ދުނިޔަވީ މިސާލެއް ބުނާނަމަ ބުނަންޖެހޭނީ ކަނޑުގެ އަޑިއަށް ނުފީނާ މީހަކަށް ކަނޑުއަޑިގައި ހުރިއެއްޗެއްސާއި ނެތް އެއްޗެތި ނުއެނގޭނެކަމެވެ. މިއީ ކީރިތި ޤުރްއާނުން ފެންނަމުން އަންނަ މުޢްޖިޒާތެކެވެ! 

ކީރިތި ޤުރްއާނުގެ މާނައާއި ތަފްސީރު ނުކިޔައި ޤުރްއާނަށް ވިސްނައި ދިރާސާ ނުކުރާ މީހުން މިބުނަނީ ޤުރްއާނުގައި މިވެނި އެވެނިކަމެއް ނެތް ކަމަށެވެ. ނަމަވެސް ކާފިރަކު ނަމަވެސް ހަމަ އެ ޤުރްއާން ދިރާސާކޮށްފައި ބުނަނީ އެހެނެއް ނޫނެވެ. ޤުރްއާނުގައި ނެތް އެއްޗެއް ނެތްކަމަށާއި އެއީ ޢިލްމީ ޚަޒާނާއެއް ކަމަށެވެ. 

މިހެން ބުނަން މިޖެހެނީ މިއީ ސައިންސްގެ ޒަމާން ކަމަށާއި ކީރިތި ޤުރްއާނަކީ މީގެ 1450ވަރަކަށް އަހަރުގެ ކުރީގައި ބާވައިލެއްވެވުނު ފޮތެއް ކަމަށްވުމުން ކީރިތި ޤުރްއާން "އަޕްޑޭޓް" ނުވާނެކަމަށް ބުނާ މީހުން އުޅޭތީއެވެ. އެމީހުންނާއި ކުރަންޖެހޭ ސުވާލަކީ އެ ބުނަނީ ތެދެއް ކަމުގައިވާނަމަ ކީރިތި ޤުރްއާނުގައި ބަޔާންވެގެން ނުވާ އައު އެއްވެސް ކަމެއް އަދިވެސް ހާމަ ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

ހަމައެއާއިއެކު ސައިންސްވެރިން އަޕްޑޭޓްވާން ކުރާ ކޮންމެ ކަމަކުން ހާމަވަނީ ކީރިތި ޤުރްއާނުގެ ތެދުކަމެވެ. އެފޮތުގައިވާ ކޮންމެ ކަމަކީ ތެދު ޙަޤީޤަތް ކަމެވެ. އަޕްޑޭޓްވާން ކުރެވޭ ކަމަކީ އެތައް އަހަރެއްގެ މަސައްކަތުން ކީރިތ ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން އެއީ ތެދުކަމުގެ ދަލީލުތައް ހާމަކުރުމެވެ. 

ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އެންމެކަމެއްވެސް ދޮގެއް ނުކުރެވެއެވެ. ނުވެސް ކުރެވޭނެއެވެ. އަދި ކިއްހެއްޔެވެ؟ މިހައިތަނަށް އެއްވެސް އައުކަމެއްވެސް ހޯދިފައެއް ނުވެއެވެ. ނުވެސް ހޯދޭނެއެވެ! އެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ! 

ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެނގެނީ ﷲ ތަޢާލާ  އަންގަވައި ދެއްވެވި އެއްޗެއް އަންގަވައި ދެއްވެވި މިންވަރަކަށެވެ! "...އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިއަބައިމީހުންނަކަށް ނޭނގެއެވެ."

އަދިވެސް ވަޙީކުރައްވަވާފައިވެއެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެ ޤުރްއާން ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ." (އަލް ފުރްޤާން: 6) 

"އެ ޤުރްއާން ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ވީމާ ހުރިހާ ސިއްރުތައް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ބަސްފުޅު ދޮގުކުރެވޭނީ ކާކަށް ހެއްޔެވެ؟ 

މިއަދު މިއުޅޭ ފަދަ ވިސްނުމުގެ މީހުން އުޅޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުންނަށް އޮތީ އަވަހަށް ތައުބާވުމެވެ! "... ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ." ވަޙީ ކުކުރައްވަވާފައި އެވަނީ އެސަބަބަށްޓަކައެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން