ޙައިޟުގެ ދުވަސްވަރުގައިވެސް އަޅުގަނޑަށް ހިތުން އެނގޭ މިންވަރަށް ޤުރްއާން ކިޔަވަމެވެ. އަޅުގަނޑުގެ ސުވާލަކީ ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަކުރަންޖެހޭ ތަނެއް އައުމުން ޙައިޟުވެރިންނަށް ތިލާވަތުގެ ސަޖިދަ ކުރެވޭނެތޯއެވެ.؟
ކިޔުންތެރިޔާގެ މިސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކީރިތި ޤުރްޢާން ކިޔަވަމުންދާއިރު ތިލާވަތުގެ ސަޖިދަ ކުރަން ފާހަގަކޮށްފައި ހުންނަ ތަނެއް ކިޔެވުމަށްފަހު ޙައިޟުވެރިންނަށާއި ނިފާސްވެރިންނަށްވެސް ތިލާވަތުގެ ސަޖިދަ ކުރެވޭނެއެވެ. އެއީ ނަމާދުކުރުން ފަދަ ވުޟޫކޮށްގެން ކުރާ ކަމަކަށް ނުވާތީއެވެ.
ނަމާދުކުރުމަށްޓަކައި ވުޟޫކުރަން ޖެހޭ ފަދައިން ކީރިތި ޤުރްއާން ކިޔަވަން ވުޟޫކުރާކަށް ނުޖެހެއެވެ. ވީމާ ޙައިޟުވެރިޔާ ވެސް އަދި ނިފާސްވެރިޔާ ވެސް ތިލާވަތުގެ ސަޖިދަވަޅެއް އައުމުން ސަޖިދަކުރާށެވެ! އެއީ ވުލޫކުރަންޖެހޭ ޙާލަތެއް ނޫނެވެ.
ތިލާވަތުގެ ސަޖިދަ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. އެ މަޤާމްތަކުގައި ރަސޫލް (ﷺ) ތިލާވަތުގެ ސަޖިދަ ކުރައްވަވައެވެ. އަދި އަނެއްބައި ފަހަރު ނުކުރައްވަވައި ދޫވެސް ކޮށްލައްވަވފައި ވެއެވެ.
ތިލާވަތުގެ ސަޖިދަ ކުރަން ބޭނުން ނުވެގެން ނުކުރުމަކުން އދި ހަނދާންނެތި ނުކޮށް ދޫކޮށްލެވުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެއީ ކުރަން ސުންނަތުގައި ބަޔާންވެ ފެންނަން އޮތް ކަމަކަށްވުމުން ކުރުމުން ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރުސަކުން