ދުނިޔޭގައި ލިބޭ ކޮންމެ ނިޢުމަތަކީވެސް ކޮންމެ ވަޤުތަކުވެސް އެމީހަކާއި ވަކިވެގެން ހިނގައިދާނެ އެއްޗެކެވެ. ނުވަތަ ކަމެކެވެ. އެކަން އަހުރެމެން މުސްލިމުން މިތިބެނީ ވަރަށް ބޮޑަށް ޤަބޫލުކޮށްގެންނެވެ. ވަރަށް ބޮޑަށް ޔަޤީންކޮށްގެންނެވެ.
މިޘާލަކަށް ބުނާނަމަ ޢުމުރުން 60 އަހަރުވަންދެން ކުރި ބުރަމަސައްކަތުން އެޅިގެ މިނިޓެއްގެ ތެރޭގައި އަނދައިގެން ހިނގައިދާނެއެވެ. ނުހަނު ލޯބިން އަދި އެހައިމެ ބުރަ މަސައްކަތުން ގެންގުޅެ ބޮޑުކުރި ދަރިފުޅު، ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށިތަނުން ދުނިޔެއާއިވެސް ވަކިވެދާނެއެވެ. ޙަޔާތުގެ ބައިވެރިޔާ ވެސް ދުނިޔެއާއި ވަކިވެގެން ހިނގައިދާނެއެވެ. އަދި މީނުންވެސް މިފަދަ ކިތަންމެ ބޮޑު ހިތްދަތިކަމެއްވެސް ލިބިދާނެއެވެ. ގިނަ ފަހަރު ލިބޭނީވެސް ހަމަކުއްލިއަކަށެވެ. މިޘާލަކަށް އެކްސިޑެންޓެއްވަފައި އެއްފަހަރާ ޢާއިލާގެ ގިނަ ބައަކުވެސް ދުނިޔެދޫކޮށްފާނެއެވެ.
މިފަދަ ކަންކަން ކުރިމަތިވުމުން ގިނަ ބައަކު، އެމީހުންނަށް ލިބޭ މާޔޫސްކަން ބޮޑުވެ ރަޖާލައެވެ. ދުނިޔެ މަތިން ފޫހިވެ ގައިންތާހިރުނުވެ ތިބެން އެބަ ފަށައެވެ. މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އަބަދުހެން ކިޔަމުންގެންދާ ކަލިމަތަކެއް ނަމަވެސް އެއިގެ މާނައަށް ވިސްނައިނުލައި ކިޔެމުން އަންނަ ކަމެވެ.
އެއީ إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ އެވެ.
الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
"އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲއަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ." (އަލް ބަޤަރާ: 156)
ޔަޤީންކުރަންވީ އަހުރެމެންނާއި އަހުރެމެންގެ އުފާތަކާއި ހުރިހާ ކަމެއް މިދުނިޔެއާއި ވަކިވެގެންދާންޖެހޭނެކަމެވެ. ދާންޖެހޭނީ އެންމެހައި ނިޢުމަތްތައް މިންވަރުކުރައްވަވާ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމެވެ. މިއާޔަތް ޤަބޫލުކޮށްގެން ތިބޭނަމަ މިބަޔާންކުރި ފަދަ އެއްވެސް ކަމަކާއި ގުޅިގެން ދުނިޔެމަތިން ފޫހިވެ ރަޖާލާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން