އަޅުކަން ކުރުމަށާ އަޅުކަންކުރުމުގަ ދެމިހުންނަން އެންމެ ފަސޭހަވާނެ ގޮތް-

ކިޔުމަށް ހޭދަވާނީ 1މ 51ސ
އަޅުކަން ކުރުމަށާ އަޅުކަންކުރުމުގަ ދެމިހުންނަން އެންމެ ފަސޭހަވާނެ ގޮތް-

އަހަރެމެންގެ ތެރެއިން ގިނަ މީހުން ހުކުރު ދުވަސް ނުވަތަ ހަފްތާގެ ކޮންމެވެސް ދުވަހެއް ކަނޑައަޅަނީ ގޭތެރޭގައި ކުރަން ހުންނަ ހުރިހާ މަސައްކަތްތަކެއް ކުރާ ދުވަހަކަށެވެ. އެދުވަހު ގޭތެރެ ފޮޅައިސާފުކުރެއެވެ. ނުކުރެވި ހުންނަ ހުރިހާ މަސައްކަތްތަކެއް ކުރެއެވެ. ދޮވެ އިސްތިރިވެސްކުރެއެވެ. ތަނަވަސްކަން ހުންނަ މީހުން ނޯކަރުން ލައްވައިވެސް އެމަސައްކަތްކުރުވައެވެ. 

އެހެނަސް ހިތްސާފުކޮށް އަޅުކަންކުރަން އެދޭމީހާއަށް އެއީ އެކަންކުރެވޭނެ ގޮތެއް ނޫނެވެ. އަޅުކަމުގެ ފުނިވަރުތައް އެއްދުވަހާއި ކުރަން އުޅުނަސް އެކަމެއް ނުކުރެވޭނެއެވެ. މީގެމާނައަކީ އެއްވެސް ޙާލެއްގައި ޗުއްޓީ ދުވަސްތަކާއި ރޭތަކުގައި އަޅުކަންކުރުން ގިނަކުރަން މަސައްކަތްނުކުރަން ބުނުމެއް ނޫނެވެ. އެއީވެސް ކުރަން ފައިދާހުރި ކަމެކެވެ. 

އަޅުކަމުގެ ފުނިވަރެއް އެއްފަހަރުން ނުވަތަ އެއް ދުވަހުން ކުރަން ނުވިސްނާށެވެ! އެދުވަހަކު ކުރެވެން އޮތް ވަރަކަށް ކުރަމުން ގެންދާށެވެ! ކުރަމުން ކުރަމުން ގެންގޮސް ގިނަކުރާށެވެ! އަޅުކަންކުރުން ލައްވަވާފައިވަނީވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. 

މިސާލަކަށް ބުނާނަމަ ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަންޖެހެއެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތާއި ޟުޙާ ނަމާދާއި ވިތުރި އާއި ދަމުނަމާދުވެސް އެބަކުރަންޖެއެވެ. މިހުރިހާ ނަމާދުތަކެއް ނުކޮށް ހުރެފައި ހަމައެކަނި ހުކުރު ދުވަހު ހަފްތާގެ 35 ފަރުޟު ނަމާދުކުރަން އުޅުމެއް ނެތެވެ. އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ.   

ތުއްތު ކުދިން ބޮޑުވާގޮތަށް ބަލާށެވެ! ފިރުކެނީ ފުރޮޅެމުން ގޮހެވެ. ހިނގައިގަންނަނީ ތަންތަނުގައި ހިފަހައްޓައިގެން ތެދުވަމުންގޮހެވެ. ދުވަން ވެސް ފަށަނީ ހިނގައިގަތުމަށްފަހުގައެވެ. 

ﷲ ތަޢާލާއަށް އަޅުކަންކުރުންވެސް އަދި ދިރިއުޅުމުގެ ކަންކަންވެސް ހަމަ މިމޭރުމުން ކުރަމުން ގެންދާށެވެ! ހުރިހާ ކަމެއް އެއް ދުވަހުން ނުވަތަ އެއް ފަހަރާ ކުރަން އުޅެފިނަމަ އެއްވެސް ކަމެއް އޮންނާނީ ރަނގަޅުގޮތުގައި ނުކުރެވިފައެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށް ކުރާ ޢަމަލުތަކެވެ. 

މިސާލަކަށް ބުނާނަމަ ފުރަތަމަ ފަރުޟު 5 ނަމާދެވެ. ރަވާތިބު ސުންނަތާއި ވިތުރިއާއި ދަމުނަމާދު ގެންނަންވީ އެއިގެ ފަހަތުންނެވެ. އެންމެ 2 ރަކްޢަތުން ނަމަވެސް ދަމުނަމާދުކުރަންފަށާށެވެ. ފުރަތަމަ ރޭ 8 ރަކްޢަތް ނުކުރެވުމަކީ މައްސަލައެއް ނޫނެވެ. ރެއަކަށްވުރެ ރެއެއް އިތުރުކުރަމުންގޮސް ޢަދަދު ގިނަކޮށްލާށެވެ. ބުރައަކަށްނުވެ ކުރާ އަޅުކަމުގައި ދެމިހުރެވޭނީ އެއިރުންނެވެ. 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން