ތިބާ ކުޅަ ޢަމަލުތަކުގެ ފަތް މީޒާނުގައި ތިބާގެ ކޮޅަށް ބަރުކުރަން އެދޭމީހާ ވިސްނުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ތިބާ ކުޅަ ޢަމަލުތަކުގެ ފަތް މީޒާނުގައި ތިބާގެ ކޮޅަށް ބަރުކުރަން އެދޭމީހާ ވިސްނުން މުހިންމު ބައެއް ކަންކަން-

އެއީ ހެޔޮ ޢަމަލުކުރުމުގެ ދުވަހެއް ނޫނެވެ. ހަަމއެކަނި ހިށާބު ބެއްލެވުމުގެ ދުވަހެވެ. އެދުވަހުން ތިބާގެ ޢަމަލުތަކުގެ ފަތް ހުޅުވައިލެވޭނެއެވެ! އެއިގަވާ އެއްޗެއް ބެލޭނެއެވެ. ޖަވާބުދާރީވާންޖެހޭނެއެވެ! މީޒާނުގެ ދެކޮޅަށް ދެ ފަތް ލައިގެން ކިރޭނެތެވެ! ސަލާމަތްވެވޭނީ ހެޔޮކަމުގެ ފަތަށް ބަރުވެއްޖެ މީހަކަށެވެ! 

މަރުވުމަށްފަހު ހެޔޮކަމުގެ ފަތަށް ބަރުކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފުރާނަ ހިއްޕެވުމާއިއެކު ޢަމަލުކުރުން ނިމުނީއެވެ. އެހިސާބުން ފަތް ބަންދުވެ ސިލްޖެހުނީއެވެ. ހެޔޮޢަމަލުތައް ލިޔުއްވަވާ ފަތާއި ނުބައިޢަމަލުތައް ލިޔުއްވަވާ ފަތްވެސް އެހިސާބުން ބަންދުވީއެވެ. 

އެހިސާބުން ޢަމަލުކުރުމުގެ ބައި ނިމުނީއެވެ. ދެން އޮންނާނީ ދުނިޔޭގައި ހުރެ ކުރި ޢަމަލުތަކަށް ޖަޒާދެއްވެވުމުގެ ބައެވެ. ކުރި ހެޔޮ ޢަމަލުތަކަށް ކައްވަޅުގައިވެސް ހެޔޮ ޖަޒާ ދެއްވަވާނެތެވެ. ނުބައި ޢަމަލުތަކަށް ޢަޛާބު ދެއްވަވާނެތެވެ. 

ވީމާ ދުނިޔޭގައި ހުރެ ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ހެޔޮކަމުގެ ފަތަށް ބަރުކުރަން ކުރަންޖެހޭ މަސައްކަތްތަކެވެ. އެއީ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ. އަދި ފާފައަކަށްވެދާނެ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. 

ޤިޔާމަތް ދުވަސް ކާމިޔާބުކުރެވެން އޮތީ، ނުވަތަ ސުވަރުގެ ވަދެވެން އޮތީ ހެޔޮކަމުގެ ފަތަށް ބަރުކުރެވިގެންނެވެ. މިކަންކަން ހުރިހާ މުސްލިމުންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. މައްސަލައަކަށް މިވަނީ ހަނދުމަނެތިކޮށްލައި ފަރުވާކުޑަކުރެވޭކަމެވެ. ހެޔޮ ޢަމަލުތައް ނުކުރެވޭކަމެވެ. ފާފަތައް ކުރެވޭ ކަމެވެ. 

މިއީ ހަމަ ހަނދުމަކޮށްލައިދިނުމެކެވެ. ސުވަރުގެއެދޭ މީހާއަށް މިބަސްކޮޅުން ފުދޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން