ގިނަ ބައަކު އެމީހުންނަށް ކިރިޔާ ކަމެއް ދިމާވާއިރަށް ﷲ ގެ ރަޙްމަތާއިމެދު ސުވާލު އުފައްދައެވެ. ކަންބޮޑުވެއެވެ. އެކަމެއް ކުރިމަތިވީތީ ޝަކުވާވެސް ކުރެއެވެ. އެކަން އެހެން އެވަނީ އަހަރެމެންގެ ތެރެއިން ގިނަ ބައެއްގެ އީމާންކަން ކުޑަވެފައިވުމުންނެވެ.
ކިތަންމެ ކުޑަ ކަމެއް ކުރިމަތިވިނަމަވެސް އެއީ ވަރަށް ބޮޑުކަމެއް ކަމަށް ވިސްނެނީ އީމާންކަން ކުޑަވުމުންނެވެ. އެމީހެއްގެ ހިތުގައި އީމާންކަން ފުރިހަމަގޮތުގައި އޮތް ނަމަ ކިތަންމެ ބޮޑުކަމެއް ކުރިމަތިވިނަމަވެސް އެއީ އެހައި ބޮޑުކަމަށްވެގެނެއް ނުއުޅޭނެއެވެ.
އީމާންކަމުގެ ވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ އީމާންކަމަކީ ކާމިޔާބީ އާއި އުފާވެރިކަމުގެ ތަޅުދަނޑިކަމަށްވާތީއެވެ. އެތަޅުދަނޑި އެމީހެއްގެ އަތުގައި ނެތް މީހަކަށް އެއްވެސް އުފާވެރިކަމެއް ނެތެވެ. މިބަހުގެ ދަލީލަކީ ކިތަންމެ ދަތިޙާލުގައި ދިރިއުޅެން ޖެހުނަސް އީމާންކަން ވަރުގަދަ މީހުން އުފަލުގައި ތިބޭކަމެވެ. 3 ކާން ނުލިބުނަސް އެއީ މާބޮޑު ކަމަކަށް ވެގެނެއް ނުއުޅޭނެއެވެ. ނަމަވެސް އީމާންކަން ފުރިހަމަ ނުވާނަމަ ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އެމީހަކަށް ހިތްހަމަޖެހުމެއް ނުވެއެވެ.
"މިއަޅާގެ ދަތިތައް ފިއްލަވައިދެއްވާ، މިއަޅާގެ ބަލިކަށިކަމަށް ރަޙުމުކުރައްވާ، މުޞީބާތްތަކަށް ކެއްތެރިވުމުން މިއަޅާގެ ދަރުމަ މަތިވެރިކުރައްވާ، އަދި، ދުވަހަކުވެސް މިއަޅާ ނިކަމެތިނުކުރައްވާ ކަލަކު، މިއަޅާއަށްވާކަން" ޤަބޫލުކުރަމާތޯއެވެ! އެކަންކަން ޤަބޫލުކުރެވޭ މީހާ އަބަދުވެސް ހުންނާނީ ހިތްހަމަޖެހި އުފަލުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން