މުސްލިމް އަޚުންނޭ، މާތް ﷲ ދެއްވާ ރިޒްޤުގައި ބަރަކާތް ލައްވާ ކަންކަމުގެ ތެރޭގައި ފަތިހާ ތެދުވެ ރިޒްޤު ހޯދާ މަސެއްކަތް ފެށުން ވޭ. ކިރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވޭ --- "މާނައީ، ޙައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮށް، ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ހެނދުނުގެ ވަގުތުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާންދޭވެ."
މުސްލިމް އަޚުންނޭވެ، ރޭގަނޑު ހޭލާހުރެފައި ފަތިހު ނިދާމީހުންނަށް ދެ ޣަނީމާއެއް ގެއްލޭ. އެއީ ފަތިސްނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް. އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަހްރޫމްވޭ. ﷲ އޭނާގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ޙައްޤު އަދާ ނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް. އޮފީހަށް ގަޑިޖެހިގެން ދާ މީހާގެ މުސާރައިން އުނިވާގޮތަށް ޘަވާބާއި ދަރުމަވެސް އުނިވާނެ.
ފަތިސް ނަމާދު ނުކުރުމުން ﷲ ސުބޫޙާނަހޫ ވަތަޢާލާގެ ރުއްސެވުމުން އޭނާ މަޙްރޫމްވާނެ. މި ވަޤުތުގެ ބަރަކާތުން އިންސާނާ މަޙްރޫމް ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ. ރޭގަނޑު ކުޅިވަރުގައި ހޭލާ ހުރުން އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަ ކަމަކަށް ހަދާނެ. މިފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސްވުމުން. އޭނާއަށް ފަތިސް ނަމާދުވެސް އަދި ދުވާލުގެ ފެށުންވެސް ގެއްލުނީ. ހިތާމައިގެ ކޮޅެއްވެސް ނެތް.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، ފަތިސްނަމާދަށް ރައްކާތެރިވެ ހެނދުނުގެ ވަޤުތުގައި ހީވާގި ކަމާއި އެކު ރިޒްޤު ހޯދަން މަސެއްކަތް ކުރާ މުރާލި ބަޔަކު ކަމުގައި އަޅަމެން ލައްވަވާންދޭވެ.