ނަބިއްޔުންނާއި ރަސޫލުން- 10: އުލުލްޢަޒުމްގެ ދަރަޖަ ލިބިވަޑައިގެންނެވި ބޭކަލުން

ކިޔުމަށް ހޭދަވާނީ 9މ 14ސ
ނަބިއްޔުންނާއި ރަސޫލުން- 10: އުލުލްޢަޒުމްގެ ދަރަޖަ ލިބިވަޑައިގެންނެވި ބޭކަލުން

ޢަލީ އިޙްޞާން ފިރާޤް

 

أولوالعزم ގެ ބޭކަލުން: 

މިއީ ރަސޫލު ބޭކަލުންގެ ތެރެއިން ޢަޒުމުފުޅު ވަރުގަދަ ބޭކަލުންނެވެ. ހިތްވަރުފުޅު ގަދަ ބޭކަލުންނެވެ. އެންމެ ބޮޑަށް ކަންކަން ބަރުދާސްތު ކުރައްވާ ކެތްތެރިވެވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުންގެ ތެރެއިން ދަރަޖަމަތިވެރި އެންމެ މާތް ބޭކަލުންނެވެ. އެބޭކަލުންގެ ހިތްވަރުފުޅުން ނަމޫނާ ލިބިގަތުމަށް އަރަހުށި މާތްﷲ، މާތް ރަސޫލާއަށްވެސް އިރްޝާދު ދެއްވިއެވެ. އަޙްޤާފު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

فَاصْبِرْ كَمَا صَبَرَ أُولُو الْعَزْمِ مِنَ الرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوا إِلَّا سَاعَةً مِّن نَّهَارٍ ۚ بَلَاغٌ ۚ فَهَلْ يُهْلَكُ إِلَّا الْقَوْمُ الْفَاسِقُونَ ﴿٣٥﴾‏

މާނައީ: [ފަހެ، رسول ންގެ ތެރެއިން ގަދަހިތްވަރުފުޅުގެވެރި رسول ން (އެބަހީ: أولوالعزم ގެ ބޭކަލުން) ކެތްކުރެއްވި ފަދައިން ކަލޭގެފާނުވެސް ކެތްތެރިވެ ވަޑައިގަންނަވާށެވެ! އަދި އެއުރެންނަށް (عذاب) އަވަސްވުމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! އެއުރެންނަށް وعد ކުރައްވާ ކަންތައް (އެބަހީ: عذاب) އެއުރެން ދެކޭދުވަހު، ދުވާލަކުން އެންމެގަޑިޔެއްގެ އިރުވެސް، ދުނިޔޭގައި ލަސްވެ ތިބިބަޔަކު ކަމުގައި އެއުރެން ނުވާފަދައެވެ. (މިއީ) ސާފުގޮތުގައި އިއްވަވާ އިއްވެވުމެކެވެ. ފަހެ، فاسق ވިމީހުން މެނުވީ ހަލާކުވެގެން ނުދާނެތެވެ.] 

އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. أولوالعزم ގެ ބޭކަލުންގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލުންނަކީ نُوحٌ، إِبْرَاهِيمُ، مُوسَى، عِيسَى، مُحَمَّدٌ عَلَيْهِمُ الصَّلَاةُ وَالسَّلَامُ އެވެ. އެބޭކަލުންގެ ވާހަކަ ޤުރްއާނުގެ ދެ ސޫރަތެއްގެ ދެ އާޔަތެއްގައި ކަނޑައެޅިގެން ބަޔާން ކުރައްވައިފައިވެއެވެ. އެ ގޮތުން އަޙްޒާބު ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا ﴿٧﴾

މާނައީ: [ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި نوح ގެފާނާއި، إبراهيم ގެފާނާއި، موسى ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އަދި އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ عهد، ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.] 

سورة الشورى ގައި މި ފަސް ބޭކަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ ۚ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ ۚ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاءُ وَيَهْدِي إِلَيْهِ مَن يُنِيبُ ﴿١٣﴾

މާނައީ: [ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވައިލާ ކަންތައް، مشرك ންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އަޅަކު خيار ކުރައްވަތެވެ. އަދި އެކަލާނގެއަށް توبة ވެ، رجوع ވާމީހާއަށް ތެދުމަގު ދައްކަވަތެވެ.] 

أولوالعزم ގެ ބޭކަލުންގެ ތެރެއިން نوح ގެފާނާއި، إبراهيم ގެފާނަކީ ވަރަށް ޚާއްޞަ ދެބޭކަލުންނެވެ. އެދެބޭކަލުންނަށްފަހު ވަޑައިގެންނެވި ހުރިހާ ނަބީބޭކަލުންނެއް ވަޑައިގެންނެވީ އެދެބޭކަލުންގެ ދަރިފަސްކޮޅުންނެވެ. މިކަމަށް އިޝާރާތް ކުރައްވައި ޙަދީދު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ أَرْسَلْنَا نُوحًا وَإِبْرَاهِيمَ وَجَعَلْنَا فِي ذُرِّيَّتِهِمَا النُّبُوَّةَ وَالْكِتَابَ ۖ فَمِنْهُم مُّهْتَدٍ ۖ وَكَثِيرٌ مِّنْهُمْ فَاسِقُونَ ﴿٢٦﴾

މާނައީ: [އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނާއި إبراهيم ގެފާނު رسول ކަމާއިގެން ފޮނުއްވީމެވެ. އަދި އެ ދެ رسول ންގެ ދަރިކޮޅުގައި ނަބީކަމާއި (ބާވައިލެއްވި) ފޮތްތައް ލެއްވީމެވެ. ފަހެ، އެއުރެންގެ ތެރެއިން ތެދުމަގު ލިބިގެންވާ މީހުންވެއެވެ. އަދި އެއުރެންގެ ތެރެއިން ގިނަމީހުންނީ، فاسق ންނެވެ.] 

ޤުރްއާނުގައި ހަތަރު ފޮތެއް ބާވައިލެއްވި ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އެއީ ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ފުރްޤާންއެވެ. ފުރްޤާނަކީ ކީރިތި ޤުރްއާނެވެ. تفسير الجلالين ގައިވަނީ މިހަތަރު ފޮތްވެސް ބާވައިލެއްވުނީ އިބްރާހީމުގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ރަސޫލު ބޭކަލުންނަށް ކަމުގައެވެ. {ތަފްސީރުލް ޖަލާލައިން، ޙަދީދު ސޫރަތުގެ 26 ވަނަ އާޔަތުގެ ތަފްސީރު} 

ނަބީބޭކަލުންގެ އަޚުލާޤުގެ ވާހަކަ އެބޭކަލުންގެ ސީރަތުގައި އަޅުގަނޑުވާނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އެހެންކަމުން އެ މަޢުލޫމާތު މިތަނުގައި ތަކުރާރު ކުރުމުގެ ބޭނުމެއްނެތެވެ.

މިއަދު އޮންލައިން