ﷲ ތަޢާލާ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަރުވާތެރިވާންޖެހޭ 3 ކަމެއް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަބޫ ހުރައިރާ ރިވާކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
"ﷲ ތަޢާލާ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ މެހްމާނުންނަށް ހެޔޮކޮށް ހިތައި މެހްމާންދާރީ އަދާކުރާށެވެ. ﷲ ތަޢާލާ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. ﷲ ތަޢާލާ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ތެދުބަހުން ވާހަކަ ދައްކާށެވެ! ނުވަތަ ހަނުހުންނާށެވެ! (މާނައަކީ ޙައްޤު ބަސް ނޫނީ ނުބުނާށެވެ! ޙައްޤު ބަސް ބުނެވެން ނެތް ޙާލަތުގަ ބަހެއް ނުބުނެ މަޑުން ހުންނާށެވެ!)"
ތިރްމިޛީ ރިވާކުރެއްވިޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "މީސްތަކުން ބައްދަލުވާ ހިނދު "އައްސަލާމް ޢަލައިކުމް" ކިޔައި އެކަކު އަނެކަކަށް ސަލާމްކުރާށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! އަދި މީސްތަކުން ނިދާފައި ތިބޭ ވަގުތުގައި ތެދުވެ ނަމާދުކުރާށެވެ! އެކަންކމުގެ ސަބަބުން ތިބާއަށް ފަސޭހަކަމާއިއެކު ސުވަރުގެ ވަދެވިދާނެއެވެ."
ޢައިޝަތުގެފާނު ރިވާކުރެއްވެވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާ އާއި ﷲ ތަޢާލާ ގުޅުން ދަމަހައްޓަވާނެތެވެ. އަދި ރަޙިމުގެ ގުޅުން ކަނޑައިފި މީހާއި ﷲ ތަޢާލާ ގުޅުން ކަނޑުއްވަވައިލައްވަވާނެތެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މާތްކަމާއި މުހިންމުކަން ބަޔާންކުރައްވާފައި އެތައް ގިން ޙަދީޘްފުޅުތަކެއް އެބަހުއްޓެވެ. ވީމާ އެކަމުން އެނގިގެންދަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ބޮޑުކަމެވެ.
ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު އެކަނި ގުޅުން ބަދަހިކުރުމެއް ނޫނެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ކަނޑާ މީހުންނާއި ގުޅުން ބަދަހިކުރުމެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު ގުޅުން ބޭއްވުމުން ރަހިމުގެ ގުޅުން ދެމެހެއްޓުނީ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ.
ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބަދަހިކުރާ މީހުންނާއި ގުޅުން ބޭއްވުމާއިއެކު ތިމާ އާއި ގުޅުން ނުބާއްވާ މީހުންނާއިއެކުވެސް ގުޅުން އުފެއްދުމެވެ. އަދި އެފަދައިން މަސައްކަތްކުރާ މީހުންނަށް މާތްﷲ އެތައް ގިނަ ނިއުމަތްތަކެއް މިންވަރުފުޅު ކުރައްވަވާނެތެވެ.
ދަރީންނާއިމެދު ހަމަހަމަކަމާއިއެކު އަމަލުކުރުމާއި ދަރިންނާއި އަޅާލައި ބެލެހެއްޓުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމާއިއެކުވެސް ދަރީންނާއިމެދު މައިން ބަފައިން ކޮންމެ ގޮތަކަށް އަމަލުކޮށްފައިވީ ނަމަވެސް އެކަމަށް ބަދަލު ހިފައިގެން ނުވާނެ އެވެ.
ދިރިއުޅުމުގެ ކަންކަން މިއަދު އޮތް ގޮތުން އެންމެންވެސް މިތިބީ ބިޒީވެފައެވެ. ތިމާ ދިރިއުޅޭ ގެއާއި ތަންކޮޅެއް ދުރުގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަޚުންނާއި އުޚުތުން އަދި މައިންބަފައިންގެ ޙާލު ބަލައިލުންވެސް އޮންނަނީ ބުރަކަމަކަށްވެފައެވެ. އަދި ގާތުގައި ދިރިއުޅުނަސް ޒިޔާރަތްކޮށްލުން މިވަނީ ބޮޑު ކަމަކަށްވެފައެވެ.
މިފަދަ ޙާލެއްގައި އުޅެންޖެހުނަސް ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާށެވެ! އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް ނަމަ އެކަން ކުރެވެން އޮތް ގޮތަކަށް އެކަން ކުރާށެވެ. އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ނަމަ ފޯނުކޮށްލައިގެން ނުވަތަ މެސެޖެއް ކޮށްލައިގެން ނަމަވެސް ޙާލުބަލާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަން މަސައްކަތްކުރާ މީހަކަށް ވެވޭނީ މިފަދަ ކަންކަމަށް ސަމާލުކަންދީގެންނެވެ.
- އިސްލާމީ ތިލަފަތުގެދަރުސަކުން