މިއުޒިކާއި ބެހޭގޮތުން ޢިލްމުވެރިންގެ ބަސްފުޅުތައް:
· އަލްޤާސިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ލަވަކިޔުން ވަނީ ބާޠިލްގެ ތެރެއިންނެވެ." އަދި އަލް ޙަސަން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން ކައިވެނި ވަލީމާގައި މިއުޒިކު ވާނަމަ އެ ދަޢުވަތު ބަލައިގަތުމެއް ނުވެއެވެ."
· ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " ހަތަރު އިމާމުންގެ މަޛްހަބަކީ ހަމަކަށަވަރުން މިއުޒިކު ކުޅޭ ހުރިހާ އާލާތްތައް ޙަރާމް ވެގެންވުމެވެ." ޞަޙީޙް ބުޚާރީ އަދި އެނޫން ފޮތްތަކުން ޘާބިތުވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުއްމަތުގެ މީހުންގެ ތެރެއިން ޒިނޭއާއި، ފަށުވި (ފޭރާމާއި)، ރާއާއި، މިއުޒިކު ކުޅޭ ސާމާނު ހަލާކު ކުރާނެ ބަޔަކު އަންނާނެކަމަށް އެކަލޭގެފާނު ޚަބަރު ދެއްވާފައިވެއެވެ. އަދި އެބައި މީހުން ރާމާމަކުނުތަކަކާއި އޫރުތަކަކަށް ބަދަލު ކުރެއްވޭނެކަމުގައި އެކަލޭގެފާނު ޛިކުރު ކުރައްވާފައިވެއެވެ. އަދި އެ އިމާމުންނަށް ތަބަޢަވީ ބޭކަލުން މިއުޒިކުގެ މައްސަލައިގައި (މިއުޒިކް ޙަރާމް ކަމާއިމެދު) ޚިލާފު ވެފައެއް ނުވެއެވެ."
· އަލް އަލްބާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " މިއުޒިކު ކުޅޭ ހުރިހާ އާލާތްތައް ޙަރާމް ކަމަށް ހަތަރު މަޛްޙަބުގައި އިއްތިފާޤުވެފައިވެއެވެ."
· އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " އާމުދަނީ ހޯދުމަށް ކުރާ ކަންތައްތަކުގެ ތެރެއިން، އެއީ ޙަރާމް ކަންތައްތައް ކަމުގައި އިއްތުފާޤުވެފައިވާ ކަންތައްތަކުގެ ތެރޭގައި ރިބާ އާއި، ޒިނޭކުރާ މިހާގެ އަގާއި، ހުއްދަ ނޫން ކޮންމެ އެއްޗަކާއި، ރިޝްވަތާއި، މައްޔިތާގެ މައްޗަށް ރޮއެގެންނާއި، ލަވަ ކިޔައިގެންނާއި، ކާހިނުކަމުންނާއި، ޣައިބު އެނގޭކަމަށް ދަޢުވާ ކޮށްގެންނާއި، އިރުވަރު ބަލައިގެންނާއި، އޮނަށް ފުމެގެންނާއި އަދި އެންމެހާ ބާޠިލު ކުޅިވަރުތަކުން ނަގާ އުޖޫރަ ހިމެނެއެވެ."
· އިމާމް ޝާފިޢީ ރަޙިމަހުﷲގެ މަޛްޙަބު ބަޔާން ކުރައްވަމުން އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " އެކަލޭގެފާނުގެ މަޛްޙަބު އެނގިލައްވާ އަޞްޙާބުން އެތަކެތި (މިއުޒިކް ކުޅޭ ސާމާނު) ޙަރާމްކަމަށް އެއްބަސް ވެލައްވައެވެ. އަދި އެތަކެތި ޙަލާލުކަމަށް ބުނާ މީހުންނަށް އިންކާރު ކުރައްވައެވެ."
· އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " އަދި އިމާމް އަޙްމަދުގެ މަޛްޙަބާއި ބެހޭގޮތުން އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ވިދާޅުވެފައިވެއެވެ. " ލަވަކިޔުމާއި ބެހޭގޮތުން ތިމަންގެ ބައްޕައާއި ސުވާލު ކުރީމެވެ. ފަހެ ވިދާޅުވިއެވެ. " ލަވަކިޔުމުން ހިތުގައި ނިފާޤުކަން އުފެދެއެވެ. ތިމަންކަލޭގެފާނު އެއާ ގަޔާ ނުވެއެވެ." ދެން އެއަށްފަހު އިމާމު މާލިކުގެ ބަސްފުޅު ޛިކުރު ކުރެއްވިއެވެ. " ހަމަކަށަވަރުން އެކަން ކުރަނީ އަހަރެމެންގެ ތެރެއިން ފާސިޤުނަނެވެ. "
· އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. " މިއުޒިކު ކުޅޭ އާލާތްތައް އުފެއްދުން ހުއްދަ ވެގެންނެއް ނުވެއެވެ."
އާޚިރަތް ބާއްޖަވެރިވެ ސުވަރުގެ ލިބުމަށް އުންމީދުކުރާ މީހާއަށް އޮތީ ޢިލްމްވެރިން ވިދާޅުވެފައިވާ މިފަދަ ބަސްފުޅުތައް ޤަބޫލުކޮށް ޢަމަލުކުރުމެވެ. ފާފަވެރިވެދާނެކަމަށް ބެލެވޭ އެންމެހައި ކަންކަންކުރުމުން ދުރުހެލިވެ ހުރުމެވެ. އިސްލާމީ އުންމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ބަސްފުޅުތައް މިފަދައިން ހުރި ކަމެއްގެ ތެރެއަށް ވަދެ އާޚިރަތް ނަގައިނުލަމާހެއްޔެވެ؟