ބަލިޙާލެއްގައި އުޅެންޖެހުނަސް އެނދުމަތިވިޔަސް ވީވަރަކުން ޤުރްއާނާ ގުޅުންބަދަހިކުރާ މީހަކަށް ހިތަށް ނުވެސް ގެނެވޭވަރުގެ ބަދަލުތައް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ބަލިޙާލެއްގައި އުޅެންޖެހުނަސް އެނދުމަތިވިޔަސް ވީވަރަކުން ޤުރްއާނާ ގުޅުންބަދަހިކުރާ މީހަކަށް ހިތަށް ނުވެސް ގެނެވޭވަރުގެ ބަދަލުތައް ފެންނާނެ! އިން ޝާ ﷲ

ޢުމުރުން ދުވަސްވުމުން ބަލިކަށިވާނެއެވެ. އަދި ކޮންމެ ޢުމުރެއްގައިވެސް ބަލިވެއުޅެންވެސް ޖެހިދާނެއެވެ. އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ނުދެކޭށެވެ. ބަލިވުމުން އެނދެއްގައި އޮންނަން ޖެހުމަކީ އަދި ގޮނޑިއެއްގައި އިންނަން ޖެހުމަކީ މައްސަލައެއް ކަމަށެ ނުދެކޭށެވެ! ދިރިއުޅުމުގައި ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކީ ވެސް ނަރަކައިން ސަލާމަތްވުމަށް ﷲ ތަޢާލާ ދެއްވަވާ ވަރަށް މަތިވެރި ފުރުޞަތެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

އެހެނީ ﷲ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އީމާންވާ މީހުންނަށް އެއްވެސް ޢަޛާބެއް ނުދެއްވަވާނެކަން އެކަލާނގެ ވަނީ ވަޙީ ޚުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ!  

ދަތިތަކާއި ތަކްލީފްތައް އަބަދުވެސް ކުރިމަތިވާނެއެވެ. ދާނީވެސް ކުރިމަތިވަމުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ނިޢްމަތްތައް އަބަދުވެސްވަނީ އަހަރެމެންނާއިއެކުގައެވެ. ބަލިވެ އޮންނަން ޖެހިއްޖެނަމަ ކުރިން އުޅުނުފަދަ އުފާވެރި ދިރިއުޅުމެއް ނުއުޅެވުނު ނަމަވެސް އެމީހަކުވާނީ ﷲ ތަޢާލާގެ މަތިވެރި ނިޢްމަތުގައެވެ. ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައި ދުޅަހެޔޮ ޞިއްޙަތުގައެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގައެވެ.  

ވީމާ އޮތީ ޝުކުރުވެރިވުން އިތުރުކުރަން މަސައްކަތްކުރުމެވެ. އީމާންތެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ޢަޛާބާއި ކުރިމަތިލާން ނުޖެހޭނެކަން މިއާޔަތުން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!  

"ތިއަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިއަބައިމީހުންނަށް ޢަޛާބް ދެއްވުމުން ﷲ ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ  ވޮޑިގެންވެއެވެ." (އައްނިސާ: 147) 

ވީމާ ޖެހުނު ބަލިމަޑުކަމާއި ގުޅިގން ބޭކާރު ފިކުރުތައް ކުރަން ވަގުތުތައް ނަގައިނުލާށެވެ! ދެއްވަވާފައިވާ މަތިވެރި ފުރުޞަތުގެ ބޭނުން ހިފައި ﷲ ތައާލާގެ ޢަޛާބުން ސަލާމަތްވާން ގަދައަލައި މަސައްކަތްކުރާށެވެ! ޝުކުރުވެރިވުމާއި އީމާންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ކީރިތި ޤުރްއާނާއި އިތުރަށް ކައިރިވެލާށެވެ! ޝިފާދެއްވަވާނެތެވެ! ތެދުވެވޭނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލފަތުގެ ދަރުސަކުން  

މިއަދު އޮންލައިން