އަހަރު ދެބައިވީއެވެ. ދެން ފެށިގެންދާނީ އަހަރުގެ ފަހުބައެވެ. އަންނަ ރަމަޟާން މަސް ދާދި އަވަހަށް އަހުރެމެންގެ ތެރެއިން ދުނިޔޭގައި ތިބި ބައަކާއި ބައްދަލުކުރާނެއެވެ. މިވާހަތައް ދައްކަން އަދި މާއަވަސްކަމަށް ބައަކަށް ހީވެދާނެއެވެ. ނަމަވެސް މިވާހަކަތައް ދައްކަން މިހާރުވެސް ލަސްވެއްޖެއެވެ.
ރޯދަމަހު ހިފާ ރޯދަ ކާމިޔާބު ނުކުރެވި، އެމީހެއްގެ ފާފަތައް ފުހިގެން ނުދިއުމަކީ ނުވަތަ ރަމަޟާން މަހު ފާފަތައް ފުއްސަވައި ދެއްވަވާ އަޅުންގެ ތެރޭގައި ނުހިމެނުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަކަމުގައިވާއިރު އެޙާލަތުން ސަލާމަތްވެވެން މިއޮތީ ވަރަށް ކުރިއާލައި އެކަމަށް ތައްޔާރުވެގެންނެވެ. ރޯދަ ހިފަން ތައްޔާރުވެގެންނެވެ.
އެކަމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތިމާގެ ހިތް ޠޯހިރުކުރުމެވެ. އެކަންކުރެވޭނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންނެވެ. ވީމާ ފުރަތަމަ ކަމަކަށް އެއްވެސް ވަރެއްގެ ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ. އެންމެ ކުޑަމިނުން ދޮގެއްވެސް ނުބުނާށެވެ. އަދި ދުލުން ޣީބައަިގެ އެންމެ ބަހެއްވެސް ނުބުނާށެވެ! މިހުންނަނީ މިހާރަކަށް އައިސް މާބޮޑު ކަމަކަށް ނުހަދައި، (އެއީ ބޮޑު ފާފަކަމަސް ނުދެކި) ގިން ބައަކަށް ކުރެވެމުން އަންނަ ފާފަތަކެވެ.
ދެންވެސް ބުނެލަން އޮތީ ވަރަށް މުހިންމު ވާހަކައެކެވެ. މަހަކު ޚަޠިމެއް ނުކުރެވުނަސް ކުރިއަށް އޮތް ދުވަސްކޮޅު އެންމެ މަދުވެގެން 3 މަހުން ނަމަވެސް ޚަތިމެއްކުރަން މަސައްކަތްކުރާށެވެ. އެއިރުން ރޯދަ އަންނަންވާއިރަށް 2 ޚަތިމް ކުރެވޭނެއެވެ. އެކަމަށް މަސައްކަތްކުރެވިއްޖެނަމަ ރަމަޟާންމަހު އެންމެ މަދުވެގެން ޚަޠިމެއް ކުރުމަކީ ބުރަކަމަކަށް ނުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަހަރުވެސް ރަމަޟާން މަހަށް ފަހު މިގެންދަނީ ސުންނަތް ރޯދަތައް ހިފަމުންނެވެ. ވިސްނާލަންވި ކަމަކީ ރަމަޟާން މަސް ނިމިދިއުމުން އެމަހުގައި ހިފި ރޯދަތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާތޯ ދެން އޮންނަ 6 މަސް ދުވަހު ޞަޙާބީން ދުޢާކުރައްވަމުން ގެންދެވިކަމެވެ.
މިކަމަކީ މިއަދު ގިނަ ޤައުމުތަކުން ފެންނަ ކަންކަމެއް ނޫނެވެ! ގިނަ މީހުން އަމަލުކުރަނީ ފިހާރައަކަށް ވަދެ ތަކެތި ގަނެލާ އުޞޫލުންނެވެ. ކޭޝްކާޑުން ބިލްދައްކައިލުމުން ފުދޭ ފަދައިން 30 ދުވަހު ރޯދައަށް ހުރެލުމުން އެއޮތީ ހުރިހާ ކަމެއް ނިމިފައި ކަމަށް ޤަބޫލުކުރާ އުޞޫލަށެވެ! ސުންނަތް ރޯދަތައް ހިފުމަސްފަހުގައިވެސް ޢަމަލުކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ.
އެހެން ނުހަދާށެވެ! ފުރުޟު ނަމަވެސް ސުންނަތް ނަމަވެސް ހިފާ ރޯދަތައް ޤަބޫލުފުޅު ކުރައްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ! ވީހައި ގިނަގިނައިން ދުޢާކުރާށެވެ! އެހެނީ ޞަހާބީންގެ ރޯދަ ހިއްޕެވުން އިންތިހާއަށް ފުރިހަމަވެގެންވާއިރުވެސް އެބޭކަލުން ހިއްޕެވި ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދިވަޑައިގެން އެވަރަށް ދުޢާ ކުރެއްވެވިއިރު އަހަރެމެންނަށް ރޯދަ މިހިފޭ ޙާލަތާއިމެދު ވިސްނައިލަން ޖެހޭނެ ނޫންހެއްޔެވެ؟ އެބޭކަލުން ރޯދަ ކާމިޔާބުކުރައްވަން ކުރެއްވި މަސައްކަތްޕުޅުގެ އެންމެ އިންސައްތައެއް އަހަރެމެންނަށް އެބަކުރެވޭ ހެއްޔެވެ؟
ސަހުލް ބިން ސަޢުދު ރަޟިއަﷲ ތައާލާ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ސުވަރުގޭގައި ވެއޭ އައްރައްޔާން ނަމަކަށް ކިޔުނު ދޮރުކޮޅެއް. ޤިޔާމަތްދުވަހުން ހަމައެކަނި ރޯދަވެރިން ފިޔަވައި އެއްވެސް ބައަކު އެދޮރުކޮޅުން ސުވަރުގެއަށް ނުވަންނަ ދޮރުކޮޅެއް!"
އައްރައްޔާން ނަމަކަށްކިޔުނު ދޮރުކޮޅަކީ ހަމައެކަނި ރޯދަވެރިން ސުވަރުގެ ވަނުމަށްޓަކައި ޚާއްސަކުރައްވާފައިވާ ދޮރުކޮޅެކެވެ. ވީމާ އެ ދޮރުކޮޅުން ވައްދަވާ އަޅުންގެ ތެރޭގައި ހިމެނުމަށްޓަކައި ހިފާ ރޯދަ ޤަބޫލުފުޅުކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން