އުފާވެރިކަމުގައި ހުންނަން އެދޭމީހާ 3 ކަމަކަށް ސަމާލުކަންދޭންޖެހޭނެއެވެ.
ފުރަތަމަކަމަކީ މާޒީއާއިމެދު ވިސްނައި ހިތާމަކުރުމެވެ. މާޒީ އާއިމެދު ކިތަންމެ ވަރަކަށް ވިސްނައި ހިތާމަކުރިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ މާޒީ އާއިމެދު ވިސްނަން އޮތީ އެންމެ ބޭނުމަކުއެވެ. އެއީ މާޒީގައި ކުރިފަދަ ކުށެއް އަލުން ނުކުރުމެވެ. އިތުރަށް އެފަދަ ކަމެއް ނުކުރުމެވެ.
ދެން އޮތީ މުސްތަޤްބަލާއިމެދު ނުވިސްނުމެވެ. ސައިކޮލޮޖިސްޓުންގެ ދިރާސާތަކުން އެނގޭ ގޮތުގައި މުސްތަޤްބަލުގައި ޙާޞިލުކުރަން ވިސްނާ ކަންކަމުގެ ތެރެއިން ޙާޞިލުކުރެވެނީ އެންމެ 15 އިންސައްތައެވެ. 85 އިންސައްތަ ޙާޞިލެއް ނުކުރެވެއެވެ. ވީމާ މުސްތަޤްބަލާއިމެދު ވިސްނަން ގިނަ ވަޤުތުތައް ބޭކާރުނުކޮށް މިއަދު ކުރެވެން ހުރި ކަންކަން ވީހާރަނގަޅަކަށް ކުރަން މަސައްކަތްކުރާށެވެ!
ތިންވަނަކަމަކީ އެހެން މީހަކު ތިބާއަށް އުފާވެރިކަން ހޯދައިދޭނެކަމަށް އުންމީދުނުކުރުމެވެ. ވިސްނަންވީ ތިމާއަށް އުފާވެރިކަން ޙާޞިލުކުރެވޭނީ ތިމާގެ މަސައްކަތުން ކަމެވެ. ވީމާ އެހެން މީހުންނާއިއެކު އެހެން މީހުން އުފާކޮށްދޭން ވަޤުތު ހޭދަކުރުން މަދުކޮށް ތިމާއަށް ފައިދާކުރާނެ ކަންކަން ކުރަން ވީހާ ގިނަ ވަޤުތުތަކެއް ހޭދަކުރާށެވެ!
އަހުރެމެންނަކީ މުސްލިމުންނެވެ. އުފަލުގައި ދެމިތިބެން ބޭނުންނަމަ ދީނީ ގޮތުން ކުރަންހުރި ކަންކަން ދީނުގެ ޢިލްމުވެރިން ގެންދަވަނީ ބަޔާންކޮށްދެއްވަމުންނެވެ. ވީމާ އެކަންކަމުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މިބުނި މަގުން މަސައްކަތްކުރުމުގެ އިތުރުން އެކަންކަން ކުރަމުން ގެންދާށެވެ. އެއިރުން އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- ޝަމްވީލާ / މިއަދުނޫހަށް