ޝައިޠޯނާ ފުރަތަމަ ހިތްވަރުދޭނީ ކައިވެނިނުކޮށް އެކަނި ހުރުމަށެވެ. އެއީ ކީއްވެގެންކަން އެނގޭހގެއްޔެވެ؟ އެއީ ތިބާޢަށް ވަސްވާސްދީ ނުބައި ޢަމަލުތައް ކުރުވަން ފަސޭހަވާނެތީއެވެ.
ތިބާ ކައިވެނިކުރަން އުޅޭކަން އެނގިއްޖެނަމަ ޝައިޠޯނާ މަސައްކަތްކުރާނީ އެންމެ ތަޤްވާވެރިކަން ކުޑަ މީހަކާއި ކައިވެނިކުރުވޭތޯއެވެ. ތިބާގެ ލިސްޓުގައި ތަޤްވާވެރިއަކު ހިމެނޭނަމަ އޭނާގެ ކިބައިން އުނިސިފަތައް ދައްކުވައި އޭނާގެމަތިން ފޫހިކުރުވާނެއެވެ. ޚާޢްޞަކޮށް ތިބާއަކީ ތަޤްވާވެރިއަކަށް ވެއްޖެނަމަ އެކަމަށް ބޮޑަށް މަސައްކަތްކުރާނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ތަޤްވާވެރި ދެމީހަކު ކައިވެނިކޮށް އެކުގައި އުޅޭނަމަ ދެމެދަށް ވަދެގަންނަން ޝައިޠޯނާއަށް އުނދަގޫވާނެތީއެވެ.
ޙައްޖަށް ގޮސްތިބޭ މީހުންނާއި އެހައި ދުރުގައި ހުންނަން ޝައިޠޯނާއަށް ޖެހޭ ސަބަބަކީވެސް ހަމައެއީއެވެ. އެކުގައި އުޅޭ ތަޤްވާވެރިންގެ ޢދަދު ގިނަވާ ވަރަކަށް އެމީހުންގެ ތެރެއަށް ވަދެގަންނަން އުދަގޫވުމުގެ އިތުރުން އެބައަކާއި ކައިރިވުމުގެ ފުރުޞަތުވެސް ކުޑަވެގެންދާތީއެވެ.
ހެޔޮލަފާ މީހުންނާ ކައިވެނިކުރިއަނުދޭން ޝައިޠޯނާ އެހާބޮޑަށް މަސައްކަތްކުރާ ސަބަބު ކުރިންވެސް މިބުނީއެވެ. ޝައިޠޯނާގެ މަޅީގައި ޖެހި ކައިވެނިކުރަން ގިނަ އަންހެނުންވެސް އަދި ފިރިހެނުންވެސް އިޚްތިޔާރުކުރާނީ ތަޤްވާވެރިކަން ކުޑަ މީހުންނެވެ. އެމީހުންނަށް ޝައިޠޯނާ ވިސްނައިދޭނީ ކައިވެނިކުރުމުން އަނެކާ ބަދަލުވެ ތަޤްވާވެރިވާނެ ކަމަށެވެ. ނަމަވެސް ގިނަ ފަހަރު ނުކުންނާނެ ނަތީޖާއަކީ ތިބާވެސް އަނެކާފަދައިން ތަޤްވާވެރިކަން ކުޑަވެ މަގުފުރެދިގެން ދިއުމެވެ. ރަނގަޅަށް ބަލައި ހޯދާށެވެ! އަނެކާ ބަދަލުވެފައި ހުންނާނީ ވަރަށް މަދު ޙާލަތެއްގައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަޤުތު ނެތުމުން ތަންކޮޅެއް ކުރުކޮށް ނަމަވެސް މިކިޔައިދިނީ ވަރަށް މުހިންމު ވާހަކަކޮޅެވެ. މިކަންކަމަށް ސާމަލުކަންދިން މިންވަރަކުން ނޫނީ އާޚިރަތް ކާމިޔާބެއް ނުކުރެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން