ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބި އަޅުކަންކުރުމުގައި ޘާބިތުވުމަށް އެދޭ މީހާ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ އެގޮތުގައި ދެމިހުރުމުގެ ޢަޒުމް ވަރުގަދަކުރުމެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމެވެ.
ދެވަނަ ކަމަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމާއިއެކު ކެތްތެރިކަން އިސްކޮށް ކެތްތެރިންގެ ތެރޭގައިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
ތިންވަނަކަމަކީ އަޅުކަންކުރުން މަދުނުކުރުމެވެ! މަދުވިއަ ނުދީ، ވީވަރަކުން އިތުރަށް އަޅުކަންކުރަން މަސައްކަތްކުރުމެވެ!
ހަތަރުވަނަކީ ކުރާ ކޮންމެ ކަމަކީ ވެސް ތަޢާލާ އެންގެވި ގޮތުގައި ކުރާ އަމަލެއްކަން ޔަޤީންކުރުމެވެ.
އެންމެ އާދައިގެ އެއްކަންތައް ކަމަށްވާ ފެންފޮދެއް ބުއި ނަމަވެސް ތަށީގައި ކަނައަތުން ހިފުމާއި އިށީނދެ އިނދެ ފެން ބުއިމުން ފެށިގެން ޙަޔާތުގެ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނޫނީ ނުކުރާށެވެ! އަދި ކީއްހެއްޔެވެ؟ ދުލުން ބުނާ ކޮންމެ ބަހަކީވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ބުނާ ބަހަކަށް ހަދާށެވެ!
ޞަޙީޙް ޙަދިޘްފުޅުން އެނގެން އޮތް ގޮތުގައި މީހަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރާނަމަ އެމީހަކާއި ﷲ ތަޢާލާ މާބޮޑަށް ކުއްތަންވެވޮޑިގަންނަވައެވެ! އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. "ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)
މިއާޔަތުގައި "އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ކާފިރު ނުވާށެވެ!" އޮތް ބަސްފުޅަށް ވިސްނާއިރު ﷲ ތަޢާލާ ކުރަން އެންގެވި ކަންކަން ނުކުރުމާއި ނުކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމަކީ ވެސް ހަމަ ބިރުވެތިވާންޖެހޭ ކންކަމެވެ.
ވީމާ ﷲ ތައާލާގެ މަތިން ހަނދުމަކުރުން ގިނަކުރާށެވެ! އކަމުގެ ސަބަބުން ތަޤްވާވެރިކަން އިތުރުވެ އަޅުކަމުގައި ސާބިތުވެހުރުމަށް މަގުފަހިވެގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން