ފާފައެއް ކުރެވުނަސް މާޔޫސްވާކަށް ނުޖެހޭނެ!: ވިއްދައިގެން އަވަހަށް ހެޔޮ ކަމެއް ކުރީމާ އެހެޔޮ ކަންތައް ކުރިން ކުރެވުނު ނުބައި ކަންތަކުގެ މައްޗަށް ގަދަވެގަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފާފައެއް ކުރެވުނަސް މާޔޫސްވާކަށް ނުޖެހޭނެ!: ވިއްދައިގެން އަވަހަށް ހެޔޮ ކަމެއް ކުރީމާ އެހެޔޮ ކަންތައް ކުރިން ކުރެވުނު ނުބައި ކަންތަކުގެ މައްޗަށް ގަދަވެގަންނާނެ!

ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ނަފްސް މުރާޖަޢާކޮށް އިޞްލާޙްކުރަން މަސައްކަތްކުރާށެވެ!  ހެޔޮ އަމަލުތައް ކުރުންމަތީގައި ސާބިތުވެ އެކަންކަން ދެމެހެއްޓުމަށް މަސައްކަތްކުރާށެވެ! އަދި މުޖުތަމައުއާއިއެކު ރަނގަޅު ގޮތުގައި އުޅުމަށްޓަކައި އަޅުގަނޑުމެންގެ ސުލޫކު މުރާޖަޢާކޮށް ރަނގަޅު މަގަށް އަޅުވާށެވެ!  

އިންސާނުންނަށް ނުބައި ކަންކަން ކުރެވޭނެއެވެ. އެއީ އިންސާނުންގެ ފިޠުރަތުގައި ލައްވަވާފައިވާ ކަމެކެވެ. އެހެންވެ ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ނުބައި ކަމެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުކުރުމަށެވެ. ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ނުބައިކަމެއް ކުރެވިއްޖެނަމަ ވިއްދައިގެން އވަހަށް ހެޔޮ ކަމެއް ކުރުމުން ކުރި ހެޔޮ ކަންތައް ކުރެވުނު ނުބައި ކަންތަކުގެ މައްޗަށް ގަދަވެގަންނާނެ ކަމަށެވެ. 

އަމިއްލަ ގޭގައިވެސް، މުޖުތަމައުގައިވެސް އަދި ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރި ނަމަވެސް ނުބައި އަމަލުތައް ނުކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! އީމާންތެރި ވާންވީ އެމީހަކު ހުރި ތަނެއްގެ ސަބަބަކުން ނޫނެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކުރަން ޖެހޭ ކަމަކަށްވާތީއެވެ. 

ވަކި ތަނެއްގައި ހުރެވުނީތީ ޝައިޠޯނާގެ ފިޔަވަޅުމަތީގައި ނުހިނގާށެވެ! ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! އެއިރުން އެހިނގެނީ ޝައިޠޯނާގެ ފިޔަވަޅު މަތީގައެވެ. ޢަމަލު އެކުރެވެނީ ޝައިޠޯނާ ބުނާ ގޮތަށެވެ. 

އަނބި ދަރިންނަށާއި ޢާއިލާއަށްވެސް ދަސްކޮށްދޭންވީ މިގޮތެވެ. ޙެޔޮ އަމަލެއް ނޫނީ ނުކުރުމަށެވެ. ދަރިން ގާތު ބުނަންވީ "ދަރިފުޅާ! ނަމާދުކުރާށޭ!" އެއް ނޫނެވެ. ބުނަންވީ ނަމާދުކުރަން އައުމަށެވެ. ނަމާދުކުރަންވީ ދަރިން ގޮވައިގެންނެވެ. 

އެއްވެސް މީހަކު މަކަރު ނުހަދާށެވެ! މަކަރުހަދާ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ ބައެއް ނޫނެވެ. މުސްލިމުންގެ ސިފައަކަށް ވާންޖެހޭނީ ތެދުވެ އެހެން މީހުންނަށްޓަކައި ހެޔޮކޮށް ކަންކަން ކުރުމެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް އަޅައިލުމެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށާއި އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތުމެވެ.

ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު ލިބިގެންވަނީ ރިވެތި އަޚްލާޤްގެ މަތީގައި ތިބޭ މީހުންނަށެވެ. ﷲ ވަޙީކުރައްވަވާފައިވަނީ ރަސޫލް () ވަނީ ރިވެތި އަޚްލާޤެއްގެ މަތީގައި ކަމަށެވެ. (ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަންކަލޭގެފާނު ފޮނުއްވެވުނީ ރިވެތި އަޚްލާޤް ފުރިހަމަކުރެއްވެވުމަށް ކަމަށެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން