"ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ." (އަލްޢަލަޤް: 1)
މިއާޔަތާއިމެދު ވިސްނައިލާށެވެ! ހިރާފަރުބަދައިގެ ހޮހޮޅައިގައި އިންނަވަނިކޮށް ޖިބްރީލްގެފާނު ވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައަށް ދެންނެވީ ކިޔަވައި ވިދާޅުވުމަށެވެ. އެހިނދު އިތުރުއެކަލޭގެފާނު ވިދާޅުވީ ތިމަންކަލޭގެފާނީ ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ނުވަމުއެވެ. ދެން ޖިބްެީލްގެފާނު ވިދާޅުވީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ!"
މިކަމުން އެނގިގެންދަނީ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށް ވަކީލްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދި އަދި އެކަލާނގެ މަތިވެރި ނަންފުޅުން ކުރަން ފަށައިފިނަމަ ކާމިޔާބުވާނެކަމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ފިޔަވައި އެހެން ހުރިހާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ކަންބޮޑުވެވަޑައިގެން އުޅުއްވަވާނީ އެބޭކަލެއްގެ އަމިއްލަފުޅު ނަފްސާއިމެދުގައެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކަންބޮޑުވެވަޑައިގަންނަވާނީ އިތުރުއެކަލޭގެފާނުގެ އުންމަތާއިމެދުގައެވެ.
މީސްތަކުންނޭވެ! ބިރުވެތިވާންވީ އެދުވަހަށެވެ! ތިމާ އެކަނިވެރިވެ ނިކަމެތިޙާލުގައި ހުރެ ﷲ ތަޢާލާގެ ޙަޟްރަތަށް ޖަވާބުދާރީވާންޖެހޭނެ ވަޤުތަށެވެ. ނަމަވެސް މިއަދު މީސްތަކުންގެ ކިބައިން ކަންބޮޑުވުން މިފެންނަނީ އެކަމަކަށް ނޫނެވެ. މިދުވެވެނީ ދުނިޔަވީ ކޮންމެވެސް އުފަލެއްގެ ފަހަތުންނެވެ. ނިކަން ބުނެބަލާށެވެ! އެގޮތަށް ކަންތައްކޮށްގެން އެދުވަހުގެ އެވަޤުތުގައި ތިމާއަށް ސަލާމަތްކަން ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟
ވީމާ ކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށް ވަކީލްކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދި އަދި އެކަލާނގެ މަތިވެރި ނަންފުޅުން ކުރަންފަށާށެވެ! އެއިރުން ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށް ހުރެވޭނެއެވެ. އެހެނީ ﷲ ތަޢާލާއަށް ބިރުވެތިވާ މުސްލިމަކު ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރަން އެމަގުން ނުފަށާނެތީއެވެ.
- މުފްތީ މެންކުގެ ދަރުސަކުން