ޢަލީ އިޙްޞާން ފިރާޤް
ނަބީބޭކަލުންގެ އަވަހާރަވުން އަދި ޝަހީދުކުރެވުނު ނަބިއްޔުން :
ކީރިތި ޤުރްއާނުގައި އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވާ ފަދައިން ކޮންމެ ނަފްސަކީ މަރުގެ ރަހަ ދެކޭނެ އެއްޗެކެވެ. މަރުވާނެ އެއްޗެކެވެ. މިކަމުގައި ނަބީބޭކަލެއް، ވަލީވެރިބޭކަލެއް އިސްތިސްނާވެގެންނެއްނުވެއެވެ. ޢީސާގެފާނު ފިޔަވައި މާތްﷲ ފޮނުއްވި ހުރިހާ ނަބީބޭކަލުންވަނީ އަވަހާރަވެފައެވެ. ނުވަތަ ޝަހީދުކޮށްލެވިފައެވެ. ޢީސާގެފާނުވަނީ އަވަހާރަވުމެއްނެތި އުޑަށް އުފުއްލެވިފައެވެ. ޤިޔާމަތް ޤާއިމުވުމުގެ ކުރީން އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނެ ކަމާއި، އެއަށްފަހު ޠަބީޢީ އަވަހާރަވުމަކުން އަވަހާރަވާނެ ކަމަށް ހުންނަ ޙަދީޘްތަކަކީ މަޝްހޫރު ޙަދީޘްތަކެކެވެ.
ނަބީބޭކަލުންގެ ސާހިބާ މުޙައްމަދު އާ މުޚާތަބު ކުރައްވައި އަރަހުށި މާތްﷲ، އަންބިޔާއު ސޫރަތުގެ 34 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ.
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ﴿٣٤﴾
މާނައީ: [ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް آدم ގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟]
އާލުޢިމްރާން ސޫރަތުގެ 144 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ ﴿١٤٤﴾
މާނައީ: [رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ.]