އަބަދުވެސް ބުނާފަދައިން މީހެއްގެ ގާތުގައި އެންމެ ބޮޑަށް ބޭނުންވެގެން ހުރީ ކޮންކަމަކަށްތޯ ސުވާލުކޮށްފިނަމަ ވަރަށް މަދު މީހަކު ނޫނީ ބުނާނީ ދުނިޔަވީ ކޮންމެވެސް ބޭނުމެއްގެ ވާހަކައެވެ. އެކަމުން އެނގެނީ ދުނިޔެއަށް ބޭނުންވެގެން ތިބޭ މިންވަރެވެ.
ކަމުގެ ޙަޤީޤަތަކަށް ބަލައިފިނަމަ އިންސާނާއަށް އެންމެ ބޮޑަށް ބޮޑަށް ބޭނުންޖެހިފައިވާ ދެ ކަމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުމާއި ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ރަސޫލް (ﷺ) އަށް ތަބަޢަވުމުން އެދެ ނިޢްމަތް ލިބިގެންދާނެކަން ﷲ ތަޢާލާ އެވަނީ ވަޙީކުރައްވަވައިފައެވެ. އެކަމަށް މީސްތަކުންނަށް ޔަޤީންކަން ދެއްވަވައިފައެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް ތަބަޢަ ވާށެވެ! އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ.' (އާލްޢިމްރާން: 31)
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ރަސޫލް (ﷺ) އަށް ތަބަޢަވުމަކީ ކިހައިވަރެއްގެ މުހިންމުކަމެއްކަން އޮންނަނީ ނުވިސްނިފައެވެ. އެހެންކަމުން ޙަދީޘްފުޅުތަކާއި ސުންނަތާއި ބެހޭ ގޮތުން ނުއެނގިތިބެ ނަމަވެސް ވަރަށް ނިކަމެތި ބަސްތައް ވެސް ބުނެވެއެވެ.
"ތިމަން މިހުރީ ﷲ ތައާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން" ކަމަށާއި ﷲ ތަޢާލާއަށް ލޯބިވާ" ކަމަށް ބުނަމުން މިފަދަ ބަސްތައް ބުނުމަކީ ހަމައެކަކުވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ! އެކަން އެނގިގެންދާ އެތައް އާޔަތެއް ޤިރްއާނުން ފެންނަން އެބަހުއްޓެވެ!
އެއިގެ ތެރެއިން އެއް އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ " ތިއަބައިމީހުން، ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަންކަލޭގެފާނަށް (ރަސޫލް (ﷺ) އަށް ތަބަޢަ ވާށެވެ!" މިއާޔަތުން ތަބަޢަ ވުމުގެ މާނަ އެހައިފަސޭހަކޮށް ނަގައިގެން ނުވާނެއެވެ! އެހެނީ ރަސޫލް (ﷺ) އަށް ތަބަޢަވުމަކީ އެންމެ ފުރިހަމަ ގޮތުގައި ތަބަޢާވުމެވެ!
އެއީ ރަސޫލް (ﷺ) ގެނެސް ދެއްވެވި، ދައްކަވައި ދެއްވެވި، ޙަދީޘްފުޅު ކުރެއްވެވި އެންމެހައި ކަންކަމަށް ބޯލަނބައި ކިޔަމަންގަތުމެވެ. އެކަން ކުރުމުން އެމީހަކަށް ﷲ ދެއްވަވާ ޖަޒާ ވެސް ހަމަ މިއާޔަތުގައިވެއެވެ. " އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން