"ނަރަކައިގެ ނުރައްކާތެރިކަމުގެ ވާހަކަ އަދި ނަރަކައިގެ ތެރޭގައި ނަރަކައިގެ އަހުލުވެރިންނަށް ދެވޭނެ އަޛާބުގެ ވާހަކަ ކީރިތި ޤުރުޢާންގައްޔާއި އަދި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގައި ވަރަށް ގިނައިން އައިސްފައިވެއެވެ.
އޭގެ ތެރެއިން އެއް އާޔަތެއްގައި ﷲ ވަހީކުރައްވަވަނީ "އެދުވަހުން، އެބަހީ ޤިޔާމަތްދުވަހުން ކުށްވެރިން އެކުއެކީގައި ކަސްތޮޅު އެޅިފައިވާތަން ކަލޭގެފާނު ދެކިވަޑައިގަންނަވާނެއޭ. އެއުރެންގެ ފޭރާންވާނީ ކަތުރާނުންނޭ. އަދި އަލިފާން އެއުރެންގެ މޫނުމަތިން، އެއުރެންގެ މޫނު މަތީގައި އަލިފާނުގެ އަސަރުތައް ފެންނަން ހުންނާނެއޭ."
އަދި އެހެން އާޔަތެއްގައި ﷲ ވަހީކުރައްވަނީ "ދެންފަހެ ކާފަރުވި މީހުން އަލިފާނުން ހެދުމެއް އެބައިމީހުންނަށްޓަކައި ތައްޔާރުކުރެވޭނެއޭ. އެބައިމީހުންގެ ބޯތަކުގެ މަތިން ކެކިކެކި ހުންނަ ހޫނުފެން އޮއްސާލެވޭނެއޭ." ކޮންފަދަ ނުރައްކާތެރިކަމެއްތޯ؟
"-- ފަހެ، ކާފިރްވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ." (އަލްޙައްޖު: 19)
ނަރަކައަށް ވަންނަން ޖެހޭ މީޙުން ނަރަކައަށް ވެއްދެވުމުގެ ކުރިން މިފަދަ ފޭރާމެއް ލައްވަވާނެތެވެ. އެއީ ނަރަކައިގައި އޮންނައިރު ނަރަކައިގެ އަލިފާނުގެ ހޫނުކަން އެތައް ގުނައަކަށް އިތުރުވެގެން އޭނާއަށް އިޙްޞާޞްވުމަށްޓަކައެވެ.
ދެން ނިކަން ވިސްނަވައި ލައްވާށެވެ. ދުނިޔޭގައި އަޅުގަނޑުމެން ބޭނުންމިކުރާ އަލިފާނުގެ ހޫނުމިނަކީ ނަރަކައިގެ އަލިފާނުގެ ހޫނުމިނުގެ 70 އިންސައްތައިން އެންމެ އިންސައްތައެވެ. ވީމާ ޤިޔާމަތް ދުވަހު މިވާގޮތަކީ:
1: ދުނިޔޭގައި މިގެންގުޅޭ އަލިފާނަށްވުރެ 69 އިންސައްތަ އިތުރަށް ހޫނު ނަރަކައަށް ވަންނަން ޖެހުން
2: އެހޫނު އިތުރަށް ގަދަވެ އޭނާއަށް އިޙްޞާޞްވުމަށްޓަކައި ހޫނު އިތުރަށް ގަދަކޮށްދޭނެ ފޭރާން މަތިމައްޗަށް ވެސް ލާންޖެހުން- (އެމީހަކު ފާފަކުރި ނިޞްބަތަކުން)
ވީމާ އިޚްތިޔާރުތައް ދެއްވަވާފައިވާ މިދުނިޔޭގައި ބޭނުން ފެޝަނަކަށް ފޭރާން ލާށެވެ! ބުރުގާގެ މަޤްޞަދު ޙާޞިލުނުވާ ގޮތަށްވެސް ހަމަ ބުރުގާވެސް އެޅިދާނެއެވެ. އަޅައިގެން މަގުތަކުގައި ނަށައިވެސް އެހަދަނީ ނޫންހެއްޔެވެ؟ ޑިސްކޯ ކުލަތަކާ ވިދާ ކުލަތަކުން ޖަރީކޮށްވެސް ފޭރާން އެލަނީ ނޫންހެއްޔެވެ؟
އެމީހަކު ބޭނުން ގޮތަކަށް ފޭރާންލުމުގެ އިޚްތިޔާރު މިދުނިޔޭގައިވަނީ ދެއްވަވައިފައެވެ.
ވިސްނާލަންވީ ޤިޔާމަތްދުވަހު ލާންޖެހިދާނެ މިބަޔާންކުރި ފޭރާމާއިމެދުގައެވެ. ﷲ ތަޢާލާ ބަޔާންކުރައްވަވާފަދައިން އެހޫނުކަން ގަދަ ނަރައިގެ އަލިފާނުގެ ހޫނުކަން އެތައް ގުނައަކަށް އިތުރުވެ ހޫނު ގަދަވެގެންދާނެ ފަދަ ފޭރާން މަތިމައްޗަށްވެސް ލައޮގެން ނަރަކައަށް ވަންނަން ޖެހިދާނެ ދުވަހާއިމެދުގައެވެ.
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ދަރުސަކުން