އިސްލާމް ދީނުގައި ނަހީކުރައްވަވާފައިވާ ކަންކަމާއި އަކްލާޤީ ގޮތުން ދަށުދަރަޖައިގެ ކަންކަން ނުހިނގަނީ ކޮންތަނަކުކަމަށް ބުނެވޭކަށް މިއަދަކު ނެތެވެ. ފައުޅުގައި މަގުމަތީގައިވެސް އެތައް ބައިވަރު ޙަރާމް ކަންކަމަށް އަރައިގަންމުންދަނީއެވެ.
މަގުމަތީގައާއި ހާމަތަންތަނުގައި ބަދުއްޚްލާޤީ ޢަމަލުތައްވެސް ހިންގަނީއެވެ. އެކަންކަން ހުއްޓުވަން އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ނުކުރެވޭތަނުގައި އެކަންކަން ކުރުން މިހާރު ހަދާފައިވަނީ އެކަންކަންކުރާ މީހުންނަށް ލިބިދީފައިވާ ޙައްޤަކަށެވެ.
ކަންކަން މިފަދަ ޙާލެއްގައި އޮތް އިރު ކޮންމެ މީހެއްގެ ކިބައިގައިވެސް އަމިއްލައަށް އުފުލަންޖެހޭ ޒިންމާތަކެއް ވެއެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމެވެ. އެއީ މިއުމިނުންގެ ކިބައިގައި ކޮންމެހެންވެސް ހުންނަން ޖެހޭނެ ސިފައެކެވެ.
ﷲ ތަޢާލާއަށް ނަޞްރުދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކުގެ ތެރޭގައި ހެޔޮ ކަންތައްތަކަށް އަމުރުކުރުމާއި އަދި މުންކަރާތްތައް މަނާކުރުން ހިމެނެއެވެ. ވީމާ ކޮންމެ މުސްލިމެއްގެ މައްޗަށް އެކަންކަން ވަނީ ވާޖިބުވެގެންނެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ "ﷲ ގެ ދީނަށް ނަޞްރު ދީފި މީހަކަށް ﷲ ނަޞްރު ދެއްވަވާނެކަން ކަށަވަރެވެ. މާތް ﷲ އީ ގަދަފަދަވަންތަ ބާރުވެރިވަންތަ އިލާހް އެވެ!"
ﷲ ގެ ދީނަށް ނަޞްރުދޭ މީހުންގެ ސިފަތައްވެސް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. "އެބައިމީހުންނަށް ބިންމަތީގައި ބާރުވެރިކަން ދެއްވަވައިފިނަމަ އެބައިމީހުން ނަމާދު ޤާއިމުކުރެއެވެ. އަދި އެބަމީހުން ޒަކާތްދެއެވެ. އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރެއެވެ. އަދި މުންކަރާތްތައް އެބައިމީހުން މަނާކޮށް ހަދައެވެ. ހުރިހާ ކަމެއްގެވެސް ނިމުން ވަނީ ﷲ ތަޢާލާއަށެވެ! ﷲ ތަޢާލާއަކީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހް އެވެ."
ޔަޤިންކުރަންވީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެގެން ތިބި ނަމަ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ނަޞްރު ދެއްވަވާނެ ކަމެވެ. މުޝްރިކުން ކޮންމެ ފަދަ އަނިޔާވެރި ރޭވުންތަކެއް ރޭވި ނަމަވެސް މުސްލިމުންނަށް ނަޞްރު ދެއްވަވާނެ ކަމެވެ.
މާތް ﷲ ވަނީ މުސްލިމުންނަށް ވަރަށް ގިނަ ކާމިޔާބީ ދެއްވަވައިފައެވެ. ޚާއްޞަކޮށް ރަމަޟާން މަހު ކުރެވުނު ވަރަށް ގިނަ ހަނގުރާމަތަކުގައި ވަނީ ނަޞްރު ދެއްވައިފައެވެ. އެއިގެ ތެރޭގައި ބަދުރު ހަނގުރާމަ، މައްކާ ފަތަޙަ ކުރެއްވުން، ތަބޫކް ހަނގުރާމަ، އަހްޒާބް ހަނގުރާމަ، މިފަދަ އެތައް ހަނގުރާތަކެއްގައި ﷲ ތަޢާލާ ވަނީ މުސްލިމުންނަށް ނަޞްރު ދެއްވަވައިފައެވެ.
އެއީ ﷲ ގެ ވަޙީ ބަސުފުޅުގައި "މުއްމިނުންނަށް ނަޞްރު ދެއްވެވުމަކީ، ކާމިޔާބު ދެއްވެވުމަކީ ތިމަން ﷲ ގެ މައްޗަށް ވާ ޙައްޤެކެވެ!" އޮތް ފަދައިންނެވެ. އެހެން އާޔަތެއްގައި "ހަމަކަސަވަރުން ތިމަން ﷲ ގެ އާޔަތްތަކަށް އީމާންވި މީހުންނަށް ދުނިޔެ މަތީގައި ނަޞްރު ދެއްވަވާނަމެވެ! އަދި ޤިޔާމަްތ ދުވަހު، ހެކި ޤާއިމުކުރެވޭ ދުވަހު ތިމަން ﷲ އެބައިމީހުންނަށް ނަޞްރު ދެއްވަވާނަމެވެ. އެދުވަހުން، ޤިޔާމަތް ދުވަހު އަނިޔާވެރިންނަށް އެބައި މީހުންގެ ޢުޛުރަކުން ފައިދާއެއް ނުކުރާނެއެވެ. އެބައިމީހުންގެ މައްޗަށް ހުރީ ލައްނަތެވެ. (ﷲ ގެ ރަޙްމަތުން ބޭރުކުރެއްވެވުމެވެ. ނުބައިވެގެންވާ ގޯތި އެބަމީހުންނަށްޓަކައި ހުއްޓެވެ. (އެބައިމީހުންނަށް ތައްޔާރުކުރެވިގެންވާ ތަނަކީ ނަރަކައެވެ."
އަދިވެސް އެހެން އާޔަތެއްގައި ވަޙީކުރައްވަވާފައި ވެއެވެ! " ތިއަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިއަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބައަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިއަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ." (އާލްޢިމްރާން: 139)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން