ފުތަމަ މި ކިޔައިދެނީ ނޫހުގެފާނުގެ ޤައުމުގެ މީހުންނަށް ތައުބާ ވުމަށް ގޮވާލައްވައި ވިދާޅުވި ބަސްފުޅުތަކުގެ ބަޔާންވެގެންވާ އާޔަތްތަކެވެ. ރަނގަޅަށް އަޑުއަޑުއަހާށެވެ! ވިސްނާށެވެ!
"(ވިދާޅުވަމުންނެވެ.) ތިއަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި ތިއަބައިމީހުން، އެކަލާނގެއަށް ތަޤްވާ ވެރިވާށެވެ! އަދި ތިއަބައިމީހުން އަހުރެންނަށް ކިއަމަންވާށެވެ!
(އޭރުން) އެކަލާނގެ، ތިއަބައިމީހުންގެ ފާފަތައް ތިއަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިއަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، ﷲ ކަނޑައަޅުއްވާފައިވާ އަޖަލު އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެތެވެ. ތިއަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ." (ނޫހް: 3،4)
"ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތު ގައި ފާފަފުއްސެވުމަށްއެދި، ތިއަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.
(އޭރުން) އެކަލާނގެ ތިއަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.
އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ." (ނޫޙް: 10،11،12)
ނިކަން ވިސްނައި ބުނެބަލާށެވެ! ނޫޙުގެފާނު އެމީހުންނަށް ނުދެއްވަވަނީ ކޮން އުފާވެރި ޚަބަރެއްހެއްޔެވެ؟ މި ވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަމި ހަމަ އެޚަބަރު މިއަދުގެ މީސްތަކުންނަށްވެސް ދެއްވެވުމަށްޓަކައެވެ. ފާފަ ފުއްސަވައި އެދި ދަންނަވާ މީހުންނަށް ދެއްވަވާނެ ގިނަގުނަ ނިޢްމަތްތައް ބަޔާން ކުރެއްވެވުމުގެ ގޮތުންނެވެ. 10،11،12 ވަނަ އާޔަތުގައި ބަޔާންކުރައްވަވާފައި އެވަނީ ތައުބާވާ މީހުންނަށް، އިސްތިޣްފާރުކުރާ މީހުންނަށް ދެއްވަވާނެ ނިޢްމަތްތަކެވެ.
ނޫހްގެފާނު މިމޭރުމުން އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވެ ނަޞޭޙަތެރިވެވަޑައިގަތުމުން އެމީހުން ޢަމަލުކުރީ ކޮންގޮތަކަށް ހެއްޔެވެ؟ އެމީހުން ޢަމަލުކުރި ގޮތް ވެސް ﷲ ތައާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ.
"އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް (އީމާން ވުމަށް) ގޮވައިލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް، އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން، އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން (ކުފުރުވެރިކަންމަތީ) ދެމިތިބެތެވެ. އަދި ނުހަނު ބޮޑާވެގަނެތެވެ." (ނޫހް: 7)
އެއީ އެޒަމާނެވެ! މިއީ މިޒަމާނެވެ. ނަމަމަވެސް ޢަމަލުކުރުމުގައި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ﷲ ތައާލާއަށް ކިޔަމަންތެރިވުމަށް ގޮވައިލެވިއްޖެ ނަމަ ދުނިޔޭގައި ތިބި ގިނަ ބައަކު ޢަމަލުކުރަނީ ނޫޙުގެފާނުގެ ޤައުމުގެ މީހުން އަމަލުކުރި ގޮތަކަށް ނޫން ހެއްޔެވެ؟ އެމީހުންނަށް އެއަޑު ނުވެސް އިވޭކަމަށް ހަދާތަނުގައި އެފަދަ ނަޞޭޙަތެއް ދީފި ނަމަ ވިއްދައިގެން ﷲ ތަޢާލާ އަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކުރެއެވެ. އިސްލާމް ދީން ބަލިކަށިކޮށް ނިކަމެތިކުރަން ކުރެވުނުހައި ކަންކަމެއްވެސް ކުރެއެވެ.
މިކަންކަމަށް ބެލުމުން އެނގިގެން މިދަނީ ދުނިޔޭގެ އާބާދީގެ ގިނަ ބައަކު މިހާރުވެސް ތިބީ ތަރައްޤީގައި ކުރިއެރުމުގެ ނަމުގައި ޖާހިލުކަން ބޮޑުވެ ނޫހުގެފާނުގެ ޒަމާނަށް ފަހަތަށް ޖެހިގެން ކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހިތްވަރު ލިބިގަންނަންވީ މި އާޔަތްތަކުންނެވެ. ކޮން އާޔަތްތަކަކުން ކަމަށްހެއްޔެވެ؟ ތައުބާވުމުން ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކުގެ ވާހަކައިންނެވެ!
"...ތިއަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތު ގައި ފާފަފުއްސެވުމަށް އެދި، ތިއަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިއަބައިމީހުންގެ މައްޗަށް (ރަޙްމަތުގެ ގޮތުގައި) ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިއަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިއަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ."
މީސްތަކުންނޭވެ! ﷲ ތަޢާލާ އަހަރެމެންނަށް ނިޢްމަތްތައް އިތުރުކޮށްދެއްވައި ޢިލްމާއި ތަނަވަސްކަން އިތުރުކޮށްދެއްވެވުމުން ނޫހުގެފާނުގެ ޒަމާނަށް ފަހަތަށް ޖެހުމަކީ ލަދުވެތިވާން ޖެހޭކަމަކަށް ނުވަނީ ހެއްޔެވެ؟ ބުއްދީގެ ބޭނުންކުރާ ކޮންމެ މީހަކަށްވެސް މިރޭ މި ކިޔައިދިން ޢާޔަތްތަކާއި ދެއްކި ވާހަކަތަކުން ފައިދާ ކުރާނެ ކަމަށް އުންމީދުކުރަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން