މައިންބަފައިންގެ ޙާލު ބަލަން ނުދެވޭ ތަނުގައި އަމިއްލައަށް ފޯނުކޮށްލައިގެންވެސް ޙާލު ނުބެލޭމީހުންނަށް މައިން ގުޅުމުންވެސް ޖަވާބު ނުދެވޭ ބައަކު އެބަ އުޅެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އަދި އެހައިމެ ނުރައްކައުތެރިކަންވެސް ބޮޑު ކަމެކެވެ.
މިކަމާއިގުޅިގެން ޝައިޚް އާދަމް ޝަމީމް ވިދާޅުވެފައިވަނީ:
އަޅުގަނޑުމެންގެ ގިނަ މީހުންނަށް އުޅެވޭގޮތަކީ ލޯބިވެރިޔާ، ފިރިމީހާ، ނުވަތަ އޭނަގެ ހަބީބީ ގެއްލިއްޖެއްޔާ، ދުރަށް ހިނގައްޖެއްޔާ އަބަދު ގުޅަގުޅާ، އެސް.އެމް.އެސް ކޮށް މެސެޖް ކޮށް، ކޮންތާކުތޯ ކީއްތޯ ކުރަނީ، ދެން ކިހިނެއްތޯވީ، ކޮންތާކަށްތޯ ދެން ދާން އޮތީ، މި ހުރިހާ ކަމެއް ބެލޭ.
އެކަމު މަންމަ، އަޅުގަނޑުމެންނަކަށް ނުބެލޭ. އަޅުގަނޑުމެންނަކަށް އަޅައެއް ނުލެވޭ. ރެއަކާ ދުވާލު ދިހަ ބާރަ ފަހަރު އަޅުގަނޑުމެންނަށް ގުޅޭ އަޅުގަނޑުމެންގެ ޙިއްބީ އަށް. އެކަމަކު މަންމަގެ މިސްކޯލްސްތައް ފޯނުގަ ފުނިފުންޏަށް ހުރޭ!. ނުވަތަ މަންމަ ގުޅާލީމަ ބިޒީ. މަންމަ ގުޅާލާއިރު މީޓިންގަ. މަންމަ ގުޅާލާއިރު ވަރަށް ބިޒީ ވިޔަފާރިވެރިއެއް އެހެން ނޫންތޯ. ނުވަތަ ވަރަށް ބިޒީ ސިޔާސީ މީހެއް ނުވަތަ ވަރަށް ބިޒީ އެހެން ބޭފުޅެއް.
ލޮބުވެތި އަޚުންނާ އުޚުތުން! މި އެއްވެސް އުޒުރަކީ އަޅުގަނޑުމެން މަންމަ ހައްދާލެވިދާނެ އެ އުޒުރު ދައްކައިގެން. އެކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާންގެ ދެނެވޮޑިގަންނަވާ އަޅުގަނޑުމެންގެ ހާލަތު. އަޅުގަނޑުމެން އަޅުގަނޑުމެންގެ ދުނިޔެއަށްޓަކާ، އަޅުގަނޑުމެންގެ ދުނިޔަވީ ކަންތައްތަކަށްޓަކާ ހޭދަކުރާ ހޭދައާއި އަޅުގަނޑުމެންގެ މައިންބަފައިންނަށްޓަކާ އަޅުގަނޑުމެން ކަންތައް ކުރާ ގޮތާ. އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ނަފްސު މުރާޖަޢާ ކުރަންޖެހޭ.
- ޝައިޚް އާދަމް ޝަމީމްގެ ދަރުސަކުން