އުފަލުގަ ހުންނަން ބޭނުންނަމަ އެއްވެސް މީހަކު ތިމާއަށް ހެޔޮ ބަހެއް ބުނާނެކަމަށް އުންމީދުވެސް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުފަލުގަ ހުންނަން ބޭނުންނަމަ އެއްވެސް މީހަކު ތިމާއަށް ހެޔޮ ބަހެއް ބުނާނެކަމަށް އުންމީދުވެސް ނުކުރާށެވެ!

އެއްވެސް އިންސާނަކަށް މީސްތަކުންގެ ދޫތަކުން ސަލާމަތްވެވޭނެނަމަ ރަސޫލާ އަށް ސަލާމަތްވެވަޑައިގެންނެވުނީހެވެ. އެހެންކަމާއިއެކުވެސް އިތުރު ރަސޫލާ ގެ ޒަމާނުގައިވެސް އަދި މިއަދުވެސް އިތުރު ޞާޙިބާއަށް ނުބައިބަސްތައް ބުނާ މީހުން ބައިވަރެވެ. ރަސޫލް ގެ އިސްތަށިފުޅުގައި ނުއަޅުވަނީ ކޮން އިލްޒާމެއް ހެއްޔެވެ؟ ކަހީނެކޭ ސިޙުރުވެރިއެކޭ ނުގޮވާހެއްޔެވެ؟  

އިމާމް ޝާފިޢީ ރަޙިމަހުالله ވިދާޅުވިއެވެ. "މީސްތަކުންގެ ދުލުން ސަލާމަތްވެވޭނެކަމަށް ހީކޮށްފިމީހަކީ މޮޔައެކެވެ."  

އެހެންކަމާއިއެކުވެސް ވިސްނާލަން ޖެހޭނެ ކަމެއް އެބައޮވެއެވެ. އެއީ ތިމާކުރާ ކަންކަމުގައި ތެދުވެރިވެ އިޚްލާޞްތެރިވުމެވެ. ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންގަތުމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. ބަހާއި އެއްގޮތްކުރުމެވެ.  

ހަމައެއާއިއެކު ރައްޔިތުންގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ، ދައުލަތުގެ އިސްމަޤާމެއްގައި ހުރި މީހަކުނަމަ އެމަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިވެ އިޚްލާޞްތެރިވާންޖެހޭނެއެވެ. މަޤާމް ނުލިބޭއިރު ކަންބޮޑުވުން ފައުޅުކުރިކަންކަން އިޞްލާޙްކުރުމުގެ ބާރު ﷲ ތަޢާލާ ދެއްވަވައިފިނަމަ އެކަންކަން އިޞްލާހްކުރަން މަސައްކަތްކުރަންޖެހޭނެއެވެ. އެކަމަށް ހުރަސްތަކެއް ހުރިނަމަ އެކަންކަން ރައްޔިތުންނަށް ކިޔައިދީ އޮޅުންފިލުވައިދޭން ޖެހޭނެއެވެ.  

އެކަންކަން އެގޮތަށް ކުރެވިއްޖެނަމަ މީސްތަކުންގެ ކުރިމަތީގައި އޭނާއަކީ މޮޔައަކަށްވީނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކުވާނީ ޤަދަރުއުފުލިގެންވާ ޢިއްޒަތްތެރިއަކަށެވެ. ވީމާ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުއުފުލިގެންވާ މީހަކަށްވުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން