އެއީ ވަރަށް ރީތި ދެ ޒުވާނުންނެވެ. ވަރަށް ސްމާޓްވެސް ދެޒުވާނުންނެވެ. އެކަކު އަނެކަކު ދެކެ ދެމީހުންވެސް ލޯބިވެއެވެ. ކައިވެނިކުރަންވެސް ނިންމިއެވެ. 2 ފަހަރަށް ތާރީކްވެސް ކަނޑައެޅިއެވެ. އެހިސާބުން އަންހެންކުއްޖާ ބޭނުންވީ 2 މީހުން ވާހަކަ ދެއްކުން ހުއްޓާލައި ދުރުގައި ތިބުމަށެވެ. ފިރިހެން ކުއްޖާ ބޭނުންވީ ވާހަކަދައްކަމުން ގެންދިއުމަށެވެ.
އެހިސާބުން ފިރިހެން ކުއްޖާއަށް އަންހެންކުއްޖާ ބުނި ބަސް އެނގޭ ހެއްޔެވެ؟ "އަހުރެން އިންތިހާއަށް ލޯބިވަމެވެ. އެހެންވެ ތިބާ އާއިމެދު ވިސްނެއެވެ. ދުވާލާއި ރޭގަނޑުގެ ގިނަ ވަޤުތުތަކެއް ހޭދަކުރެވެނީ ތިބާއާއިމެދު ވިސްނުމަށެވެ. އެގޮތަށްވެސް އުޅެފީމެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ފާއިތުވި ދުވަސްތަކުގައި އަހުރެންނަށް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުގެ ބަދަލުގައި ވިސްނުނީ ތިބާއާއިމެދުގައެވެ. އެއީ ވަކި ދުވަހަކު ކައިވެނިކުރެވޭނެ ކަމުގެ އުންމީދު އޮތުމުންނެވެ. ނަމަވެސް މިހާރަކު އެ އުންމީދެއް ނެތެވެ. ވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަށްވުރެ ބޮޑަށް ތިމާގެ މަތިން ހަނދާންކުރަން ހުންނާކަށް އަހުރެން ބޭނުމެއް ނެތެވެ."
އަންހެންކުއްޖާ މިހެންބުނެފައި ދުރަށް ދިއައީ ކަރުނައަޅަމުންނެވެ. އެހިސާބުން ލޯބިވެރިޔާ އާއި ވާހަކަ ދެއްކުން އެކުގައި ހުއްޓައިލިއެވެ. އެއީ ވާހަކަ ދައްކާނަމަ ލޯބި އިތުރުވެ ލޯބިވެރިޔާ އާއިމެދު ވިސްނަން ގިނަ ވަޤުތު ހޭދަކުރެވޭނެތީއެވެ.
ނަތީޖާ އެނގޭ ހެއްޔެވެ؟ 10 ވަނަ ދުވަހު ލޯބިވެރިޔާ އޭނާ އާއި ބައްދަލުކޮށްފައި ބުނީ ކައިވެނިކުރަން އެޅުނު ހުރިހާ ހުރަސްތަކެއް ނެތިގެން ހިނގައްޖެކަމަށެވެ. މައިންގެ ރުހުން ލިބުމުގެ އިތުރަށް މައިންބަފައިން މިހާރު އެދެނީ އަވަހަށް ކައިވެނިކުރުމަށެވެ. އަދި ތިބާ އެދެމުން އައި ގޮތަށް ތިބާ އާއިއެކު ތިބާގެ ގޭގައި އުޅުމަށް ރުހޭކަންވެސް ހާމަކޮށްފިއެވެ.
ޖެހިގެން އައި ދުވަހު 2 މީހުންގެ ކައިވެނިކުރެވިއްޖެއެވެ. އަންހެންކުއްޖާ އެދެމުން އައި ހުރިހާ ކަންކަން އޭނާއަށް ލިބުނީއެވެ. އެދެމުން އައި ގޮތަށްވެސް ކަންކަން ހަމަޖެހުނީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! އަހުރެންނަށް ޣައިބު އެނގެނީއެއް ނޫނެވެ. މިންވަރުފުޅުގައިވާ ކަންކަމާއި ފޮރުވިފައިވާ ކަންކަންވެސް އެނގެނީއެއް ނޫނެވެ. ނަމަވެސް މިޙާދިސާއަށް ބެލުމުން އެނގެނީ އަންހެން ކުއްޖާ، އޭނާގެ ލޯބިވެރިޔާ ދެކެ އިންތިހާއަށް ލޯބިވާ ޙާލުގައިވެސް ހުރިހާ ކަމެއްގެ ކުރިއަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވުން ނެރުނު ކަމެވެ. ދެން ފެނިގެން މިދިއައީ އޭނާގެ ހުރިހާ ބޭނުންތައް އޭނާ އެދުނު ގޮތަށް ފުދިގެންދިއަތަނެވެ. މިކަންކަމަށް ވިސްނައިލުމުން އެނގެނީ ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ކަމަށް ހަދައިފިނަމަ އެމީހަކަށް އުފާވެރިކަން މިންވަރުކުރައްވަވާނެކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟
- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން