މީސްތަކުންގެ ކިބައިން ކަމަކަށް ބޭނުންވުމުން ރައްޔިތުން ހެޔޮބޮޑުވާ މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަންދޭންޖެހޭނެއެވެ. މިހާރަކަށް އައިސް މިފަދަ ކަންކަން ގިނައިން ފެންނާނީ އިންތިޚާބުތަކާއި ގުޅިގެންނެވެ. އެއީ ގިނަ ބައެއްގެ ރުހުން ހޯދައި މަތީ މަޤާމުތައް ކާމިޔާބުކުރުމުގެ ބޭނުމުގައެވެ.
މާލިކް ބިން ދީނާރުގެ މިބަސްފުޅުގެ ހަނދާންތައް އައުކޮށްލަމާ ހިނގާށެވެ!
مالك بن دينار رحمه الله ވިދާޅުވިއެވެ. "ހަމައެކަނި ތިމާއަށް ރީތި ނަން ލިބި، މަޝްހޫރުވުމަށް ލޯބިކުރުމަކީ މުނާފިޤުންގެ ޢަލާމާތެކެވެ."
މާލިކް ބިން ދިނާރު ވިދާޅުވެފައިވާ މި ބަސްފުޅަކީ މިއަދު ހަމަ ވަރަށް ގިނަ ބައަކު ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅެކެވެ. އެހެނީ ތިމާގެ ދުލުން ކޮންމެ ގޮތަކަށް ބަސް ބުނި ނަމަވެސް މިޒަމާނުގައި ގިނައީ މިބަސްފުޅުގައިވާ ފަދައިން "ހަމައެކަނި ތިމާއަށް ރީތި ނަން ލިބި، މަޝްހޫރުވުމަށް ލޯބިކުރާ" މީހުންނެވެ. ތިމާ ކުރާ އަމަލުގެ ސަބަބުން މަތީ މަޤާމުތަކާއި ތަނަވަސްކަމަށް ދަހިވެތިވެގެން ކަންކަން ކުރާ މީހުންނެވެ!
"މުޖުތަމައުގެ ފައިދާއަށޭ، މީސްތަކުންގެ މަންފާއަށޭ، ހިލޭ ސާބަހަށޭ، ތިމާގެ ދުލުން ބުނި ނަމަވެސް ހިތުގައިވާ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވޭ. އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެ."
މުނާފިޤަކަށް ވެއްޖެ ނަމަ ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވެގެންދާނެ ގޮތް ކީރިތި ޤުރްއާނުގެ އާޔަތްތަކުން ވަރަށް ރަނގަޅަށް އެނގެން އެބައޮތެވެ. ތައުބާ ސޫރަތުގެ 68 ވަނަ އާޔަތަށް ނިކަން ބަލައިލަބަލާށެވެ!
"މުނާފިޤް ފިރިހެނުންނާއި، މުނާފިޤް އަންހެނުންނާއި، ކާފިރުންނަށް ﷲ ވަޢުދު ކުރައްވާފައިވަނީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އެ ނަރަކަ އެއުރެންނަށް ފުދިގެންވެއެވެ. އަދި ﷲ އެއުރެންނަށް ލަޢްނަތް ލެއްވެވިއެވެ. އަދި ދެމިހުންނަނިވި ޢަޛާބް އެއުރެންނަށް ހުށްޓެވެ." (ތައުބާ: 68)
އެހެންކަމުން މުނާފިޤަކަށް ނުވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހެއެވެ. މުނާފިޤުންގެ ތެރޭގައި ހިމެނިދާނެ އެއްވެސް ކަމެއް ނުކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމަކެވެ. މުނާފިޤުން ނަރަކައިގައި ތިބޭނީ އެންމެ ގަދަފަދަ ޢަޛާބުގައެވެ. ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން