ތައުބާވުމުން އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން ނުއެނގިގެން ކަންބޮޑުނުވާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެ ކޮންމެ މީހެއްގެ ތައުބާވެސް ﷲ ތަޢާލާ ވަޤުތުން ޤަބޫލުފުޅުކުރައްވަވާނެތެވެ. އެއީ ވަޙީބަސްފުޅުން ޔަޤީންވާން އޮތް ކަމެކެވެ.
ވުޞޫކުރާއިއރު އޮހޮރޭ ފެނާއިއެކުގައިވެސް ކުދިފާފަތައް ފުއްސަވައި ދެއްވަވައެވެ. އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު ކުރެވޭ ކުދިފާފަތައް ވެސް ފުއްސަވައިދެއްވަވަތެވެ. ބައެއް ސުންނަތް ރޯދަތައް ހިފުމުންވެސް ކުދިފާފަތައް ފުއްސަވައިދެއްވަވަތެވެ. އަދި މިނޫންވެސް އެތައް ކަމަކުން ކުދިފާފަތައް ފުއްސަވައިދެއްވަވަތެވެ.
ތައުބާ ވެވިއްޖެކަމުގެ ބައެއް ޢަލާމާތްތައްވެސް ހުރެއެވެ.
ފާފަކުރެވުމުން ދެރަވާ މީހާއަށް، އެމީހަކަށް ކުރެވިފައިވާ ފާތައް ހަނދާން ވުމުން ދެރަވާނެއެވެ. އަސަރުކުރާނެއެވެ. ހިތަށް ތަދުވާނެއެވެ. މިކަންކަން އިޙްޞާޞްކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ތައުބާވެގެންނެވެ. މަސައްކަތްކުރަންވީ މިބުނި މޭރުމުން ތިމާއަށް އިޙްޞާޞްކުރޭތޯއެވެ!
އަބަދުވެސް ބުނާފަދައިން މީހަކު ތައުބާވެއްޖެ ނަމަ އެމީހާގެ ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމަށް ވިސްނައިދީ މާޔޫސްކުރުވައިގެން އެމީހަކު ލައްވައި އިތުރު ފާފަތައް ކުރުވަން ޝައިޠޯނާ އަބަދުވެސް މަސައްކަތްކުރާނެއެވެ! ޝައިޠޯނާގެ ދަންތުރައިގައި ނުޖެހޭށެވެ! ޝައިޠޯނާ އެހަދަނީ އެންމެ ބޮޑު އެއް ދޮގެވެ! ތައުބާ ވުމުން އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ! އެއީ ހަމަ ޔަޤީން ކަމެކެވެ!
ކުދިނަމަވެސް ބޮޑުނަމަވެސް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން މިއާޔަތުގައިވާ ދުޢާވެސް ކުރާށެވެ!
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞް ތެރި ތައުބާ އަކުން، ތިއަބައިމީހުން ﷲއަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާން ވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8)
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
މިއާޔަތުގައި ހިމެނޭ ދުޢާ:
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."
- މުފްތީ މެންކްގެ ދަރުސަކުން