އެކުވެރިއަކާއި ބައްދަލުވުމުން އެމީހަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ކޮންކަމަކާތޯ ނިކަން ސުވާލުކޮށްލައިބަލާށެވެ. ހާހަކުން މީހަކު ނޫނީ ދައްކާނީ އެމީހަކު ކުރަން މަސައްކަތްކުރާ ނުވަތަ ކުރަން ބޭނުންވާ ކޮންމެވެސް ކަމެއް އަދިވެސް ނުކުރެވިގެން އުޅޭ ވާހަކައެވެ.
އެކަމުން އެނގެނީ މީސްތަކުންގެ ތެރެއިން ގިނަ ބައަކު މިއަދު އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުން ދުނިޔޭގައި ކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެންކަމެވެ. ހިންގަން ބޭނުންވާ މަޝްރޫޢުތައް ނުހިންގިގެންކަމެވެ. ބުރިބުރިއަށް ގެދޮރު ނުއުފުއްލިގެންނާއި ވިޔަފާރިތައް ފުޅައު ނުކުރެވިގެން ނުވަތަ މަތީ މަޤާމުތަކަށް ނުދެވިގެންކަމެވެ.
ތިމާ އާއި މަރު ކޮންމެ ވަގުތަކުވެސް ބައްދަލުވެދާނެ ކަމާއިމެދު ވިސްނައި އާޚިރަތް ދުވަހަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނުވެވޭތީ ކަންބޮޑުވެ ވާހަކަ ދައްކާނީ ކުރިން ބުނި ފަދައިން ހަމަ ހާހަކުން މީހެކެވެ. އެކަމުން އެނގެނީ އާޚިރަތަށްޓަކައި ނުވަތަ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށްޓަކައި ތައްޔާރުވަމުންދަނީ މިބުނިހައި މަދު މީހަކު ކަމެވެ.
ހިތާމައާއިއެކު ބުނަންޖެހެނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ވިސްނައި އާޚިރަތް ގެއްލިދާނެ ކަމަށް ބިރުގަންނަނީ ހަމަ ކުރިންވެސް މިބުނި ފަދައިން ހާހަކުން މީހަކު ކަމަށެވެ. މިހެން މިކަން އޮތްކަމީ ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭނެ ކަމެކެވެ.
ވިސްނައިލަންވީ ޞަހާބީންގެ ޒަމާނަށެވެ. އެބޭކަލުން ބައްދަލުވެވަޑައިގަންނަވާހިނދު އެންމެ ބޮޑަށް ސަމާލުކަން ދެއްވަވަނީ އަޅުކަންކުރެއްވުމާއި މަރުވުމާއި އާޚިރަތް ދުވަހުގެ ވާހަކަތައް ދެއްކެވުމަށެވެ. ދުނިޔޭގެ ކަންކަމުގެ ވާހަކަތައް ދައްކަވައި އުޅުއްވެވީ ވަރަށް މަދުންނެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ ޞަޙާބީން ޢަމަލުކުރެއްވެވި ފަދައިން ޢަމަލުކުރުމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން