މި އަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި އަޅުގަނޑު ދެންނެވިން، ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން. އެއީ، މުސްލިމުންގެ ދުސްތޫރު. އަޅުގަނޑުމެން އެންމެން އެ ފޮތަށް ޢަމަލުކުރަން ޖެހޭ، އެ ފޮތާ އެއްގޮތަށް ދިރިއުޅެންޖެހޭ ﷲގެ ކަލާމްފުޅު. އަޅުގަނޑުމެން ކޮންމެ މީހަކު މަންމަގެ އުނގުން ފެށިގެން އެންމެ ފުރަތަމަ އުނގެނެނީ އެ މާތް ފޮތް. އެ ފޮތް އެންމެންނަށް ދައްކަނީ އެއް މަގު. އެއީ، ޙައްޤުގެ މަގު. އެ ފޮތް އަޅުގަނޑުމެން އެންމެންނަށް ދަސްކޮށް ދެނީ އެގޮތަށް. އެއީ، ކޮންމެ ކަމެއްގައި ވެސް އެންމެ ހެޔޮ ގޮތް.
ދެން ކީއްވެތޯ، މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ؟ ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟ ކީއްވެތޯ އަމިއްލަ ބުއްދިފިލައިދާ ފަދަ ޢަމަލުވުންތަކާއި، އަމިއްލަ ޤައުމު ހަލާކުވެދާ ފަދަ ބަދުއަޚްލާޤީ ޢަމަލުތައް އާންމުވަމުންދަނީ؟ ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ، މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟ މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ؟ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟ މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ؟ މިއީ، ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ؟
މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް. ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ، މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟
ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، ރޫޅި ކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟ މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި.
ޙަޤީޤަތުގައި އިސްލާމީ އުންމަތަށް ބަލާއިރު، މި ކަމަކީ މަދީނާގެ މުނާފިޤުން ފަށައިގަތް ކަމެއް. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އިފްކުގެ ވާހަކައަކީ، މީގެ ވަރަށް ހިތްދަތި ޙަޤީޤަތެއް. އޭގެ ސަބަބުން ޚުދު ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށާއި، މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނަށް އުފުއްލަވަން ޖެހިވަޑައިގަތް އެތައް ތަކުލީފެއް އެއީ، ސިޔަރަތުން އަޅުގަނޑުމެން އަހައިފައިވާ ބާބެއް. ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ، މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔެއަށް ގެނެސްދެއްވި މޫރިތި، ރިވެތި އަޚްލާޤީ ސިފަފުޅުތަކުން. އަޅުގަނޑުމެން ކޮންމެ މީހަކު ވާންވީ، އަނެކުންނަށް، އަނެކުންގެ ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ މިތުރަކަށް، މުސްލިމަކަށް، ފުރިހަމަ މުއުމިނަކަށް.
ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
އަޅުގަނޑުމެން މުސްލިމުންނަކީ އަޅުގަނޑުމެންގެ ލޮލުން ބަލާބެލުމާއި، އަޅުގަނޑުމެންގެ ކަންފަތުން އަހާއެހުމާއި، އަޅުގަނޑުމެންގެ ދުލުން ބުނާ ބުނުމާއި، މިފަދަ ކޮންމެ ކަމެއްގައި މަސްއޫލުވެރި ބައެއް. މާދަމާ ﷲގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ ބައެއް. މިއީ، އަޅުގަނޑުމެން މުސްލިމުންގެ އީމާން. އަޅުގަނޑުމެންގެ އިޢުތިޤާދު. އެހެންވީއިރު، ދޮގާއި ފުރައްސާރަ ފެތުރުމުގެ ބާޒާރަކީ، އިސްލާމީ ސަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން. ނަމަވެސް، އިސްލާމްދީން ފެށިގަތް ދުވަސްވަރު ވެސް، މި ހުތުރު އާދަ ބަޔަކު ފަތުރަމުންދިޔަ. ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތް ވަނީ މުސްލިމުންގެ ސަމާލުކަމަށް އެކަން ގެނެސްދީފައި. އެ ގޮތުން، ދޮގާއި، ޣީބަޔާއި، ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން، އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާން އިރުޝާދު ދޭ. އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވޭ. ހަމަ އެހެންމެ، ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ. އެފަދަ ބަހެއް ނުލިބިއްޖިއްޔާ، ދެން އަންގަވަނީ އެއްޗެއް ނުބުނެ ހަނުހުންނަން. ސަބަބަކީ އިސްލާމްދީނަކީ ސަލާމަތުގެ ދީން ކަމަށްވުން. ފަސާދައިގެ ދީނެއްކަމަށް ނުވުން.
- ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން