މުސްލިމުންގެ ކިބައިގައި ހުންނަން ﷲ ތަޢާލާ ލާޒިމް ކުރައްވަވާފައިވާ ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހުރި މިންވަރަށް ބަލައި އަވަހަށް އިޞްލާޙްވާން ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 53ސ
މުސްލިމުންގެ ކިބައިގައި ހުންނަން ﷲ ތަޢާލާ ލާޒިމް ކުރައްވަވާފައިވާ ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި ހުރި މިންވަރަށް ބަލައި އަވަހަށް އިޞްލާޙްވާން ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

މާތްވެގެންވާ އިސްލާމްދީން،  އެކަށައަޅުއްވައިފައި ވަނީ، ވެރީންގެ ކޮނޑުގައި އުފުލަން ޖެހޭ ޒިންމާތަކެއް ހިމެނޭ ގޮތަށް. ވެރީންގެ އަދަދާއި ބާވަތް ކިތަންމެހައި ވެސް ތަފާތު. އެހާމެ ގިނަ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ވެރިޔަކީ އޭނާގެ ދަށުގައި ބެލެހެއްޓުންތެރި ކަމެއް އޮތް ކޮންމެ މަސްއޫލުވެރިއެއް. އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާނަމަ، ދައުލަތުގެ އިސްވެރީން. ވުޒާރާތަކުގެ ވެރީން. އޮފީސްތަކާއި ކުންފުނިތަކުގެ ވެރީން. އެކިއެކި ޑިޕާޓުމަންޓުތަކާއި ސެކްޝަންތަކުގެ ވެރީން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ކައުންސިލަރުން، މައިންބަފައިން، މުދައްރިސުން، ޕްރިންސިޕަލުން، މިހެން ގޮސް މި ލިސްޓު ކިތަންމެހައި ވެސް ދިގުކުރެވިދާނެ. 

އާދެ! މާތްވެގެންވާ އިސްލާމްދީނުގައި ﷲ އެކަށައަޅުއްވާފައިވަނީ ވެރިންގެ ކޮނޑުގައި އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއެކު، ރައްޔިތުން އުފުލަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ހިމެނޭ ގޮތަށް. 

ދެން އުފެދޭ ސުވާލަކީ، މި ޒިންމާތަކާއި މަސްއޫލިއްޔަތުތައް، މި ހުރިހައި ފަރާތަކުން އެކުއެކީގައި ގުޅިގެން އުފުލާ އިސްލާމީ މުޖުތަމަޢެއް އޮންނަންވާނީ ކިހިނެއް ބާވައޭ؟ މި ސުވާލުގެ ޖަވާބު ސީދާ ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް ލިބޭ. މުސްލިމު ޖަމާޢަތެއް ނުވަތަ އިސްލާމީ ޤައުމެއް ސޫރަވަމުންދާނެ ގޮތް، މި މާތް އާޔަތުން ވަރަށް ފުރިހަމައަށް އެބަ ތަސްވީރުކޮށްދޭ.

އަލްޙައްޖު ސޫރަތުގެ 41 ވަނަ އާޔަތުގެ މާނަޔާމެދު ވިސްނާލަމާތޯ؟ އެ އާޔަތުގެ މާނައިގައި ވަނީ، "އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތައްތަކަށް أمر ކޮށް، ނުބައިކަންތައްތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށޭ". 

ނިކަން ވިސްނާވަޑައިގަންނަވާ! އެހެންވީމާ، މިހާ ހިސާބުން ރާއްޖެ އިސްލާމްވުމޭ މި ބުނެވޭ ބަހުގެ ފުން މާނަ އަޅުގަނޑުމެންނަށް އެބަ ސާފުވޭ. އިސްލާމުން ތިބޭނެ ގޮތް،  އެ ވަނީ ސިފަކޮށްދެއްވާފައި. އިސްލާމީ ޤައުމެއްގެ ސޫރަ އެ ވަނީ ކުރައްސަވައިދެއްވާފައި.

ދެން މިއަދުގެ މުޖުތަމަޢަށް ބަލައި ވިސްނައިލަމާތޯ؟ މި ދެންނެވުނު އާޔަތުގައި ބަޔާންކުރާ މުސްލިމު ޤައުމެއްގެ ސިފަތަކާ މެދު އަލުން ފިކުރުކޮށްލަމާތޯ؟ އެ ސިފަތަކާއި އަޅުގަނޑުމެންގެ މުޖުތަމަޢުން، އަދުގެ ދިވެހި ޤައުމުން މި ފެންނަ ސިފަތަކާ ހުރި އެއްގޮތްކަމަކީ ކޮބައިތޯ؟ ރާއްޖެ އިސްލާމްވީ ދުވަހު މިއީ އަޅުގަނޑުމެން ކުރަން ކިތަންމެހާވެސް މުނާސަބު އަދި ބޭނުންތެރިކަމެއް. މި ގޮތުން ވިސްނާލާއިރު، ޙަޤީޤީ މުސްލިމުންގެ ސިފަތައް އިއާދަކޮށް، އަލުން ތަރުތީބުވާން ޖެހޭ ޙާލަތަށް މި ދިވެހި ޤައުމު ގޮސްފައި ނުވޭތޯ؟ ވިސްނައިލައްވާ! 

އަޅުގަނޑަށް އިޙްސާސްކުރެވޭ ގޮތުގައި، މި ޙާލަތުގައި ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ ސުވާލުތަކެއް އެބަ ކުރިމަތިކުރޭ. އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ އަމިއްލަ ނަފުސާ މި ދުވަސް އެބަ މުޚާޠަބުކުރޭ. މުސްލިމުންގެ ކޮލިޓީތައް ވަރަށް ސާފުކޮށް، އެ އާޔަތުގައި މާތް ﷲ އެ ވަނީ ކަނޑައަޅުއްވާފައި. އެހެންކަމުން، އަޅުގަނޑުމެންގެ މުޖުތަމަޢަކީ މި ސިފަތައް ތަސްވީރުވާ މުޖުތަމަޢެއްތޯ. އަޅުގަނޑުމެން ކޮންމެ މުސްލިމަކީ، އެ ތަސްވީރު ދައްކައިދޭހެން ސިފަލިބިގެންވާ މުސްލިމެއްތޯ، މިހިރީ ހައްތާވެސް މި ދުވަހުގެ މި ވަގުތުގެ ސުވާލުތައް. އަޅުގަނޑުމެން ރެޔާއި ދުވާލު ފަރުވާތެރިކަމާއެކު ފަސް ވަގުތު ނަމާދު ޤާއިމުކުރަމުތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. އަޅުގަނޑުމެން ބަރާބަރަށް ޒަކާތުގެ ވާޖިބު އަދާކޮށް، އަނެކުންނަށް ހެޔޮފޯރުވަމުންދޭތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. އަޅުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމި ތިބުމާއެކު، ހެޔޮކަންކަމަށް އަމުރުކުރަމުތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ. ހަމަ އެހެންމެ، އަޅުގަނޑުމެން މުންކަރާތްތަކާއި، ނުބައި ވިޔާނުދާ ޢަމަލުތަކަށް އަރައިނުގަނެ އަދި އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރަމުތޯ ނުވަތަ ނޫންތޯ، ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެން ކޮންމެ މީހަކާ އެބަ ސުވާލުކުރޭ. މި ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ނުކުރެވޭ ނަމަ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުބެލެވޭ. މި ސުވާލުތަކަށް ޖަވާބު ހޯދައި، އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭނަމަ، މި ފަދަ ޖަލްސާތައް ބާއްވައި، މި ފެންނަ ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. 

އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ އިސްލާމްކަމަށް ނުވަސައްތަ ފުރޭން ދާއިރު، މި ކަންކަމުގެ މައްޗަށް އަޅުގަނޑުމެން ފިކުރުކުރަންޖެހޭ. އަޅުގަނޑުމެންގެ ރޫޙާނީ ވެށި އޮތީ ކިހިނެއްތޯ ދެނެގަންނަންޖެހޭ. އަޅުގަނޑުމެންގެ އަޚްލާޤީ ސިފަތައް ހުރީ ކޮން ޙާލެއްގައިތޯ ބަލަން ޖެހޭ. އަޅުގަނޑުމެން މި މާތް ދީނަށް ޝަހާދަތް ކިޔައިގެން މި ތިބި ތިބުން، އޭގެ ޙަޤީޤީ މާނައިގައި ފުރިހަމަކުރެވޭކަން ޔަޤީންކުރަން ޖެހޭ. އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަށަވަރުކުރެވޭނީ އޭރުން. އިސްލާމްކަމަކީ ހަމައެކަނި ދުލުކުރިން ބޭރުކޮށްލާ އަޑެއް ނޫން. އެއާ ޚިލާފަށް، އިސްލާމަކަށް ނުވަތަ ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ ހަރުދަނާ އީމާނާއި، ޞައްޙަ ޢަޤީދާގެ މައްޗަށް، ތިމާ ކުރާހާ ކަމަކާއި، ބުނާހާ ބަހެއް ސީދާކުރެވިގެން. 

ލޮބުވެތި ދިވެހި ރައްޔިތުން؛ 

ޝައްކެއްނެތް! އިސްވެ ބަޔާންކުރެވުނު އާޔަތުގައި އެ ވަނީ މުސްލިމު މުޖުތަމަޢެއްގައި ކަން އޮންނަންވާނެ ގޮތް. ފަސްވަގުތު މިސްކިތުގެ ޖަމާޢަތްތައް ފުރުން. އެ ގޮތުން އަށާއި އެކަލާނގެ ރަސޫލާއަށާއި، އިސްވެތިބޭ ވެރީންނަށް ކިޔަމަންގަތުމުގެ ސަފުތައް ރުކުރުވާލުން. އަނެކުންނަށް ހެޔޮ ފޯރުވުން. ހެޔޮކަންކަމަށް އަމުރުކުރުން. ނުބައިކަންކަން ނަހީކުރުން. ނިޔަތާއި ޢަމަލުތައް ސީދާކޮށް،  އަށް ހުރިހައި ކަމެއްގައި ވަކީލުކުރުން. އެކަމަކު ކަން އޮތް ގޮތް ވަރަށް ވެސް ހިތާމަވެރި. އެކަން މުޖުތަމަޢުން ފެނޭ. ނޫސްތަކާއި މީޑިޔާއިން އެނގޭ. މުޖުތަމަޢު ސިފަކުރާ އެކިއެކި ލިޔުންތަކުން އެނގޭ. އަޅުގަނޑުމެންގެ އެތައް ދިވެހީންނެއްގެ ލޮބުވެތި މުދައްރިސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްފާޟިލް ޢަބްދު ޞާދިޤު، އަޅުގަނޑުމެންގެ މުޖުމުތަމަޢު އޮތް ޙާލު ސިފަކުރައްވަނީ ކިހިނެއްތޯ؟ 

އެންމެން ކިޔެވީ އެއް ފޮތަކުންނޭ، ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ
           ނެތް ނުކުރާކަ ކަމެއް މަދަރީންނޭ، ދެން ވެސް ކިޔަނީ އިސްލާމުންނޭ.

 

- ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން