ރާއްޖެ އިސްލާމްދީނަށް އެނބުރިފައި ވަނީ، މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ، ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގެން އެބައޮތް: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 53ސ
ރާއްޖެ އިސްލާމްދީނަށް އެނބުރިފައި ވަނީ، މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ، ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގެން އެބައޮތް: ރައީސް ޑރ. މުޢިއްޒު

މިއަދަކީ އަޅުގަނޑުގެ ހިތުގައި، މިއަދާ ބެހޭގޮތުން ވަރަށް ގިނަ ސުވާލުތަކެއް ދައުރުވަމުންދާ ދުވަހެއް. އޭގެތެރެއިން ފުރަތަމަ ސުވާލަކީ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ ކޮން މުނާސަބަތެއްތޯ؟ މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހަ ވެދާނެހެން ހީވެދާނެ. އެކަމަކު އަޅުގަނޑަށް މި ސުވާލުގެ ޖަވާބު އެހާ ފަސޭހައެއް ނޫން. އެހާ ސާދާއެއް ނޫން. އިސްޓޭޖުގެ ފަސްމަންޒަރަށް ބަލާއިރުގައި، މި ދުވަހަކީ ރާއްޖެ އިސްލާމްވުން ފާހަގަކުރުމޭ ބުނެފައި ނިންމައިލެވޭ ވަރަށްވުރެ، އަޅުގަނޑުގެ ފިކުރީ ތަރާދުގައި މި ސުވާލުގެ ބުރަދަން މާ ބަރު. އެހެންވީމާ، މި ނުކުތާއަށް އަދި ފަހުން އަޅުގަނޑު އެނބުރި އަންނާނަން. ހަމައެއާއެކު، މިއަދަކީ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ކަމަށްވާތީ، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ހުރިހައި މުދައްރިސުންނަށާއި، އުނގަންނައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހައި ބޭފުޅުންނަށް އަރިސްކުރަން. އަޅުގަނޑުގެ ޝުކުރާއި ތާރީފު ތިޔަބޭފުޅުންނަށް ރައްދުކުރަން.

އާދެ! އިސްލާމްދީނަކީ ދެ ދުނިޔޭގެ ސަލާމަތުގެ ދީން. ދިވެހީން އިސްލާމްދީން ބަލައިގަތުމުގައި ހިމެނޭ ދުނިޔެވީ ސަބަބަކީ، މި މާތްދީން ގެނެސްދޭ އަމާންކަމާއި ރައްކާތެރިކަން. ރާއްޖެ އިސްލާމްވި ދުވަސްވަރަށް ބަލައި، ޢިލްމީގޮތުން އެ ހާދިސާ ދިރާސާ ކުރެއްވި ބޭފުޅުންގެ ނިންމެވުމަކީ ވެސް މިއީ. ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރިފައި ވަނީ، މެދުކެނޑުމެއްނެތި މި ސަރަހައްދުގެ ބާރަކުން ރާއްޖެއަށް ހަމަލާދީ، ގޯނާކުރަމުން އައި ދުވަސްވަރެއްގައިކަން އެނގޭ. ދިވެހީން، އެ ނުރައްކާ އަންނަ ފަރާތުގެ ދީނާއި ސަގާފަތުން މުޅިން ވަކިވެ އަމާންވެގަތީ. ދިވެހީން އެދުވަހު އެ ކުރިކަމަކީ އެ ހުރިހައި ސަލާމަތަކާއި ރައްކާތެރިކަމެއް، މާލިކްވަންތަ ﷲގެ ޙަޟްރަތުން ކަށަވަރުކުރީ. އަޅުގަނޑުމެން ދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ޔަޤީންކުރީ. ހުރިހައި ކަމެއް ޢާލަމްވަންތަ ގެ ހަޟްރަތުން ވަކީލުކުރީ. މީގެ 898 އަހަރު ކުރިން، ހިޖުރައިން 548 ވަނަ އަހަރު، މީލާދުން 1153 ވަނަ އަހަރު، ދިވެހި ސިންގާ ސަނާއިން ނިންމި ތާރީޚީ ފަޚްރުވެރި ނިންމުމަކީ މިއީ. އެ ދުވަހު ދިވެހީން ދޫކޮށްލީ އަނިޔާ. ދިވެހީން ލިބިގަތީ ނިޔާ. އެ ދުވަހު ދިވެހީން ދޫކޮށްލީ ބާޠިލް. ދިވެހީން ލިބިގަތީ ޙައްޤު. އެ ދުވަހު ދިވެހީން ދޫކޮށްލީ ޚުރާފާތު. ދިވެހީން ލިބިގަތީ ޙަޤީޤަތް. އެ ދުވަހު ދިވެހީން ދޫކޮށްލީ ވަހުމުތައް. ދިވެހީން ލިބިގަތީ ހެކިތައް. އަދި ކީއްތޯ؟ 

އެ ދުވަހު ދިވެހީން ދޫކޮށްލީ ދުނިޔެއަށް ފުރަގަސްދިނުން. އެއާއެކު، ދިވެހީން ލިބިގަތީ ދުނިޔޭގެ ޙަޔާތާ ކުރިމަތިލުން. ކެތްތެރިކަން، މުރާލިކަން، މަސައްކަތްތެރިކަން، ކުރިއެރުން، ޙަޟާރަތު. ތަހުޒީބާއި ތަމައްދުނާއި، މަތިވެރި އަޚްލާޤު. އެހެންވީމާ، ރާއްޖެ އިސްލާމްވި ދުވަހަކީ
ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ މަގަށް އަޅުގަނޑުމެންގެ ފިޔަވަޅުތައް ސީދާކުރި ދުވަސް. އެއީ، ހިދާޔަތާއި، ނަޞްރާއި ނަސީބުގެ ދުވަސް. އާއިލީ ގުޅުންތައް، ޖަމާޢަތުގެ އެކުވެރިކަން، ޤައުމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން، މި ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ. އެހެންވީމާ، ރާއްޖެ އިސްލާމްވި ދުވަސް، ދިވެހި ޤައުމަށް ލިބިދިނީ ހިދާޔަތާއި ސަލާމަތު. އިޙްސާނާއި ލޯބި. ކުލުނާއި ހަމްދަރުދީ. ޙުރުމަތާއި އިޙްތިރާމް. ފުރިހަމަ މިނިވަންކަމާއި ސިޔާދަތު. 

- ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން-

މިއަދު އޮންލައިން