މިއަދު ދުނިޔޭގަ ތިބި މުސްލިމުންނަށްވެސް ޞަޙާބީންނަށްވުރެ މާމަތިން ދަރަޖަ ހޯދުމުގެ ފުރުޞަތު އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
މިއަދު ދުނިޔޭގަ ތިބި މުސްލިމުންނަށްވެސް ޞަޙާބީންނަށްވުރެ މާމަތިން ދަރަޖަ ހޯދުމުގެ ފުރުޞަތު އެބައޮތް!

މިހާރަކަށް އައިސް މީހަކަށް ނުރަނގަޅު ކަންކަން ކުރެވޭތީ އިޞްލާޙްކުރަން ބުނެފިނަމަ އެކަން އަޅުވަނީ މިޒަމާނުގެ ނުވަތަ ފަހުޒަމާނުގެ ބޮލުގައެވެ. އޭނާގެ ދަރިން ނުބައި ގޮތްގޮތަށް އުޅޭކަން ފާހަގަކުރެވިގެން އެވާހަކަ ބުނި ނަމަވެސް ބުނާނީ އެއީ މިޒަމާނުގެ ގޮތުން ކަމަށެވެ.

އެއީ މުޅިން ނުބައި ވިސްނުމެކެވެ. މިސްކިތުގެ ޖަމާޢަތަށް ބަލާށެވެ! ނަމާދުކުރާ ބައަކު އުޅޭއިރު ނަމާދުކުރާ ބައަކުވެސް އުޅެއެވެ. އެއިގެ ދެބައިގައިވެސް ޒުވާނުންވެސް ހިމެނެއެވެ. އަދި ނަމާދު ނިމިގެން ޤުރްއާން ކިޔަވާލައި ޛިކުރުކުރަން މަޑުކޮށްލައިގެންވެސް ޒުވާނުން ތިބެއެވެ. އެޒުވާނުންވެސް އެއުޅެނީ ހަމަ މިޒަމާނުގައި ނޫންހެއްޔެވެ؟

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހުން ދުނިޔެއަށް ފޮނުއްވުވުނީ މާފަހުގެ ޒަމާނެއްގައި ކަމަށްވުމުން ރަސޫލް (ﷺ) އާއި އިތުރުއެކަލޭގެފާނުގެ ޞަޙާބީންނާއިއެކު އެއްދަރަޖައެއްގައި ސުވަރުގޭގައި ވުމުގެ ފުރުޞަތެއް ނެތެވެ. މިހެން ބުނެފައި ހުރިހާ ކަންކަން އަޅުވަނީ ދުނިޔެއަށް އުފަންވި ޒަމާނުގެ ކިބައިގައެވެ.

ނަމަވެސް ޙަޤީޤަތަކީ އެއީ ނޫންކަން ބަޔާންކުރައްވައި އުސްތާޛް ވައްހާޖް ޠަރިން ދެއްވާފައިވާ މި ދަރުސްގެ ހަނދާން އައުކޮށްލަމާ ހިނގާށެވެ!

ބައެއް މީހުން ބުނެއެވެ. "އަހަރެމެންނަށް ދުނިޔެއަށް މިއާދެވުނީ މާފަހުންނެވެ. ހުރިހައި ފުރުޞަތުތަކެއް މިވަނީ ގެއްލިފައެވެ. ރަސޫލް (ﷺ) ގެ ޒަމާނުގައި ދުނިޔެއަށް ފޮނުއްވުނު ނަމަ އަހަރެންވެސް ޞަޙާބީންގެ ތެރޭގައި ވީމުހެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަގުތު ފާއިތެއް ނުވެއެވެ. މިއަދު އޮތް ފުރުޞަތު މާބޮޑެވެ. ތިބާގެ ގައިގައި ހިތްވަރު ހުރިނަމަ 50 ޞަހާބީންނަށް ވެވިދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. ކުރަންޖެހެނީ ހަމަ ޞަހާބީން ކުރެއްވެވި ކަންކަމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާންވީއެވެ. ޞަޙާބީން ކުރެއްވެވި ފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިތިބެންވީއެވެ. ޙަރާމް ކަންކަމާއި ދުރުހެލިވާންވީއެވެ.

އެފަދައިން ސާބިތުވުމުން 50 ޞަހާބީންނަށް ވެވޭނެ ކަމަށް ހަދީޘްފުޅު ކުރައްވާފައި އެވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ މިއަދު އަހަރެމެންގެ ވަށައިގެން އިބިލީސް އެލިފައިވާތީއެވެ. ބައެއް މީހުން ގެންގުޅޭ ލެޕްޓޮޕަކީ އިބިލީހެކެވެ. ގެންގުޅޭ ފޯނަކީ އިބިލީހެކެވެ. ލޯ ހުޅުވައިލުމުން ފެންނަން ހުރީ އިބިލީހުގެ ދައުވަތުތަކެވެ. މިކަންކަން މިގޮތަށް ހުރުމުން ހަރާމް ކަންކަމަށް އަރައިގަތުމުގެ ފުރުޞަތު މިއޮތީ އެޒަމާނަށްވުރެ މާ ބޮޑަށް ފަހިކޮށެވެ.

އެޒަމާނަކު އިބިލީހުގެ މަސައްކަތް މިހައި ޢާންމެއް ނޫނެވެ. އިބިލީހާއި ބައިވެރިވެގެން އިބިލީސް ބުނާހައި ކަންކަން ކޮށްދޭ އިންސާނުން މިހައި ގިނައެއް ނޫނެވެ. އަދި އުޅޭ މަދުމީހަކުވެސް ޙަރާމް ކަންކަން ކުރަނީ ސިއްރިޔާތުގައެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަންކަމަކީ ހަމަ ހުރިހާ ދީނެއްގައިވެސް މަނާކުރެވިފައިވާ ކަންކަން ކަމުގައިވުމެވެ.

މިއަދު މިވަނީ އެކަންކަން މުޅިން ބަދަލުވެފައެވެ. އިބިލީހަށް އެޖެންޓުކޮށްދޭ މީހުންގެ ކިބައި ހުރިހާ ބިރުވެރިކަމެއް ވަނީ ފިލައިފައެވެ. ޤިޔާމަތް ދުވަހާއި ނަރައަކީ އެމީހުން ބިރުވެތިވާ ކަންކަމަކަމަށް ނުވެއެވެ.

ވީމާ މިހައި ޢާންމު ގޮތެއްގައި ޙަރާމް ކަންކަން މިހައި މިންވަރަށް މަގުފަހިވެފައިވާ ޒަމާނެއްގައި ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އެމީހާގެ ދަރަޖަ އުފުލިގެންދާ މިންވަރަށް ވިސްނައިލާށެވެ! 50 ޞަޙާބީންގެ ދަރަޖައަށެވެ! އެފަދަ މީހަކަށް ވެވިއްޖެ ނަމަ ސުވަރުގެއިން ލިބޭނެ މަތިވެރި ދަރަޖައާއިމެދު ވިސްނައިލާށެވެ!

ވީމާ ދުނިޔެއަށް ފޮނުއްވެވުނު ޒަމާން ކުށްވެރިނުކުރާށެވެ! ހޯދެން އޮތް މަތިވެރި ދަރަޖަ ޙާޞިލުކުރަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން