ނަބިއްޔުންނާއި ރަސޫލުން- 21: ބަނީއިސްރާއީލުންގެ މީހުން، ޤަތުލުކުރި ނަބީބޭކަލުން

ކިޔުމަށް ހޭދަވާނީ 3މ 39ސ
ނަބިއްޔުންނާއި ރަސޫލުން- 21: ބަނީއިސްރާއީލުންގެ މީހުން، ޤަތުލުކުރި ނަބީބޭކަލުން

ޢަލީ އިޙްޞާން ފިރާޤް

 

ބަނީއިސްރާއީލުންގެ މީހުން، ޤަތުލުކުރި ނަބީބޭކަލުން:

ބަނީއިސްރާއީލު ބާގައިގެ މީސްތަކުންގެ ގާތަށް ފޮނުއްވުނު ބައެއް ނަބީބޭކަލުން އެބައިމީހުންވަނީ ޤަތުކޮށްފައެވެ. ނުހަނު އިހާނެތި ގޮތްގޮތުންނެވެ. ތާރީޚުގައި މިވާހަކަތައް ބަޔާންވެފައިވެއެވެ. ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އެބައިމީހުން ނަބީބޭކަލުން ޤަތުލުކުރި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އެ ގޮތުން ބަޤަރާ ސޫރަތުގެ 87 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَقَفَّيْنَا مِن بَعْدِهِ بِالرُّسُلِ ۖ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ ۗ أَفَكُلَّمَا جَاءَكُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُكُمُ اسْتَكْبَرْتُمْ فَفَرِيقًا كَذَّبْتُمْ وَفَرِيقًا تَقْتُلُونَ ﴿٨٧﴾

މާނައީ: [ހަމަކަށަވަރުން، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް (އެބަހީ: توراة) ދެއްވީމެވެ. އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ. އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ. އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި (އެކަމަށް އިޖާބަނުދީ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ. އަނެއްބައި رسول ން قتل ކުޅައީމުއެވެ.] 

އިމާމު ޤުރްތުބީ ލިޔުއްވައެވެ. އެބައިމީހުން ދޮގުކުރި ނަބީބޭކަލުންގެ ތެރޭގައި، عِيسَى ގެފާނާއި، مُحَمَّدٌ عَلَيْهِ السَّلَامُ ހިމެނެއެވެ. އެބައިމީހުން ޤަތުލުކުރި ނަބީބޭކަލުންގެ ތެރޭގައި ޔަޙްޔާގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން ޒަކަރިއްޔާގެފާނު ހިމެނިވަޑައިގަންނަވައެވެ.{القرطبي، تفسير القرطبي} 

އެބައިމީހުން ޤަތުލުކުރަން އުޅެ ޤަތުލު ނުކުރެވުނު ނަބީބޭކަލުންގެ ތެރޭގައި މުޙައްމަދު صلّى اللّـه عليه وسلّم އާއި ޢީސާގެފާނު ހިމެނިވަޑައިގަންނަވައެވެ. ޢީސާގެފާނު ޤަތުލުކުރަން އެބައިމީހުން ރޭވި ވާހަކަ އާލުޢިމްރާނު ސޫރަތުގައި ބަޔާން ކުރައްވައިފައިވެއެވެ. ޔަހޫދީން، މުޙައްމަދު صلّى اللّـه عليه وسلّم ގެ ހަށިކޮޅު މައްޗަށް ހިލައެއް ވައްޓައިލައިގެން އެކަލޭގެފާނު ޝަހީދުކުރަން އުޅުނު ވާހަކައަކީ ސީރަތު ފޮތްތަކުގައި ވަރަށް ތަފްސީލުކޮށް ބަޔާންވެގެންވާ ވާހަކައެކެވެ.

 

 

މިއަދު އޮންލައިން