ﷲ ތަޢާލާގެ ޛާތުފުޅު ދުށުމަކީ ދުނިޔޭގެ ޙަޔާތުގަ ވާން އޮތް ކަމެއް ނޫން! އެއީ ހަމައެކަނި ސުވަރުގެއިން ޙާޞިލުކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ﷲ ތަޢާލާގެ ޛާތުފުޅު ދުށުމަކީ ދުނިޔޭގެ ޙަޔާތުގަ ވާން އޮތް ކަމެއް ނޫން! އެއީ ހަމައެކަނި ސުވަރުގެއިން ޙާޞިލުކުރެވެން އޮތް ކަމެއް!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހަކަށް ﷲ ތަޢާލާގެ ޛާތުފުޅު ފެނުމެވެ. ނަމަވެސް އެއީ އެއްވެސް މީހެއްގެ ދުނިޔަވީ ޙަޔާތުގައި ވާންއޮތްކަމެއް ނޫނެވެ. އެއްވެސް މީހަކަށް އެކަން ދުނިޔޭގެ ޙަޔާތުގައި އެކަން ޙާޞިލުކުރެވޭނެނަމަ މިޢްރާޖްގެ ދަތުރުފުޅުގައި އެކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޙާޞިލުވީހެވެ. އިތުރުއެކަލޭގެފާނަށްވެސް ފެނިވަޑައިގަތީ ހަމައެކަނި ނޫރެކެވެ. 

ބައެއް މީހުންގެ ސުވާލަކަށްވެފައި އޮންނަނީ އެމީހުންނަށް ﷲ ތައާލާގެ ޛާތުފުޅު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ޙާލެއްގައި އެފަދައިން ސުވާލުކުރަނީ ހިތުގައި ޝައްކުކަމެއް އުފެދިގެން ކަމަށް ނުބުނާނަމެވެ. ބުނާނީ އެއީހަމައެކަމަށް އެދެވޭ މިންވަރު ހަމަ ބޮޑުކަމުން ކަމަށެވެ. 

ކީރިތި ޤުރްއާނުގައި ވަނީ މިފަދައިންނެވެ.  

"ތިމަންރަސްކަލާނގެ ކަނޑައަޅުއްވާފައިވާ މުއްދަތަށް މޫސާގެފާނު ވަޑައިގަންނަވައި، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ބަސް ވަޙީކުރެއްވެވިހިނދު، އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ޛާތު ފުޅަށް ތިމަންއަޅާ ބަލައިލުމަށްޓަކައި، ތިމަންއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ ވަޙީ ކުރެއްވެވިއެވެ. ކަލޭގެފާނަކަށް ތިމަންރަސްކަލާނގެ ޛާތު ފުޅު ފެނިވަޑައެއް ނުގަންނަވާނެތެވެ. އެހެނެއްކަމަކު، ފަރުބަދައަށް ބައްލަވާށެވެ! ފަހެ، އެ ފަރުބަދަ، އެހުރިތާ ހަރުލައިހުރެއްޖެނަމަ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ޛާތު ފުޅު ފެނިވަޑައިގެންފާނެތެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ފަރުބަދައަށް ތަޖައްލީ ވެވޮޑިގަތްހިނދު، އެ ފަރުބަދަ ކުނޑިކުނޑިވެ ބިމާ ހަމަވެގެންވާ އެއްޗެއް ކަމުގައި ލެއްވެވިއެވެ. އަދި މޫސާގެފާނު، ހޭފުޅުނެތިގެން ވެއްޓިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނު ހޭފުޅުއެރިހިނދު ވިދާޅުވިއެވެ. އިބަރަސްކަލާނގެ ހުސް ޠޯހިރު ވަންތަކަމާއެވެ! އިބަރަސްކަލާނގެއަށް ތިމަންއަޅާ ތައުބާވެއްޖައީމެވެ. އަދި އީމާން ވި މީހުންކުރެ ފުރަތަމަ މީހަކީ ތިމަންއަޅާއެވެ." (އަލްއަޢްރާފް: 143) 

މިއާޔަތުން އެނގިގެން މިދަނީ އެއްވެސް އިންސާނަކަށް ﷲ ތަޢާލާގެ ޛާތުފުޅު މިދުނިޔޭގައި ނުފެންނާނެ ކަމެވެ. ދުށުމުގެ ކުޅަދާނަކަން އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވާކަމެވެ.   

މިއާޔަތުން މިރޭގެ ދަރުސް މިފެށީ ވަރަށް މުހިންމު ސަބަބެއް އޮތުމުންނެވެ! އެއީ ނަމާދުކުރާއިރު ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަމާއިއެކު އަޅުކަންކުރުމުގެ މުހިންމުކަން ބަޔާންކުރުމަށެވެ! އަހަރެމެންނަށް ﷲ ތައާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ އަހަރެމެން ދެކެދެނެވޮޑިގެންވާކަން ބަޔާންކުރުމަށެވެ! އިހްޞާންތެރިވެހުރެ ނަމާދުކުރަން ޖެހޭކަން ބަޔާންކުރުމަށެވެ. 

އަރެމެންގެ ޢާންމު ދިރިއުޅުމުގައި ވެރިންގެ ކުރިމަތީގައި ހުއްޓި ހުންނަނީ ވަރަށް ކިޔަމަންތެރިކަމާއި އަދަބުވެރިކަމާއިއެކުގައެވެ. ހުރިހާ ސަމާލުކަމެއް ދެނީވެސް ވެރިމީހާއަށެވެ! ވެރިމީހާ ދައްކާ ވާހަކަތަކަށެވެ! އަދި ވެރިމީހާ އާއި ވާހަކަ ދައްކަނީވެސް އެހައިމެ ބޮޑަށް ސަމާލުކަންދީގެންނެވެ. ވެރިމީހާ ރުހޭނެހައި ޢިބާރާތްތައް ބޭނުންކޮށްގެންނެވެ؟ 

އެއީ ކީއްވެގެން ހެއްޔެވެ؟ ވެރިމީހާ ލޮލަށް ވެރިމީހާ ފެންނަން ހުންނާތީ ހެއްޔެވެ؟ 

ހަމަކަށަވަރުން އެންމެ މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތައާލާއަށެވެ! އެންމެހައި މީސްތަކުންނާއި މުޅި ކާއިނާތު އަދި އެންމެހައި މަޚްލޫޤުންގެ މައްޗަށް އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ! 

ނަމާދަށް ހުއްޓި ހުންނަނީ މިދެންނެވި އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވާ ﷲ ތައާލާގެ ހަޟްރަތުގައެވެ. ކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާ ޙާލުގައެވެ. ދުލުން ބުނާ ކޮންމެ ބަހެއް ﷲ އައްސަވައިވޮޑިގެންވާ ޙާލުގައެވެ. 

އެހެންކަމާއިއެކުގައިވެސް ނަމާދަށް ހުންނައިރު ފަރުވާކުޑަކުރަނީ ތިބާގެ ލޮލަށް ﷲ ތަޢާލާ ނުފެންނާތީ ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިދުނިޔޭގައި އެއްވެސް މީހެއްގެ ލޮލަށް ﷲ ތަޢާލާ ފެނުމެއް ނެތެވެ. ނަމަވެސް ހަމަކަށަވަރުން ﷲ ތަޢާލާ ތިބާ ދެކެވޮޑިގެންވެއެވެ! ވީމާ ނަމާދަށް ހުއްޓިހުރެ ނިޔަތްގަންނަ ވަގުތުން ފެށިގެން އެކަމަށް ސަމާލުކަންދޭށެވެ! އެހެން ހުރިހާ ކަންކަން ސިކުނޑިން ފިލުވައިލާށެވެ! ނަމާދު ނަމާދަކަށްވާނީ އެކަންކަން ފުރިހަމަކުރެވުނު މިންވަރަކުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން