އެއްވެސް މީހަކަށް މަޑުޖައްސައި ނުލެވޭނެ ކަމެއްވެއެވެ. އެއީ ދުވަސްތަކާއި ރޭތައް ފާއިތުވަމުން ދިއުމެވެ. ޢުމުރުގެ ދުވަސްތައް ފާއިތުވަމުންދިއުމެވެ. އެކަމަށް ވިސްނާ ނުލައި ބައެއް މީހުން ރޭއަޅުކަންކުރުން ފަދަ ކަންކަން ފަހުން ނުވަތަ ޢުމުރުން ދުވަސްވުމުން ކުރަން މަޑުކޮށްލައެވެ.
އެއީ ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ. އެހެނީ އެއްވެސް މީހަކަށް އެމީހާއަށް ދުނިޔޭގައި ހުރެވޭނީ ކިހައި ދުވަހެއްވަންދެން ކަމެއް ނުއެނގޭނެއެވެ. ބަލިޙާލެއްޖެހި ސަޖިދަ ނުކުރެވޭ ޙާލަތަށް ކަންކަންދާނީ ކޮން ދުވަހަކު ކަމެއްވެސް ނުއެނގޭނެއެވެ. ނުވަތަ އެނދުމަތިވާނީ ކޮން ޢުމުރެއްގައިކަމެއްވެސް ނުއެނގޭނެއެވެ.
މީސްތަކުންނޭވެ! ކޮންމެ ޢުމުރެއްގައިނަމަވެސް ބަލި ޙާލުގައި އުޅެން ޖެހިފައިވާ މީހުންވެސް ތިބޭނެއެވެ. އެމީހުންނަކީ ލުއިފަސޭހަކަން ލިބިގެންވާ ބައެކެވެ. ކޮންމެ ސުންނަތް އަޅުކަމެއް ވެސް ކުރަންވީ އެމީހަކަށް ކުރެވެން އޮތް ވަރަކަށެވެ.
ރަސޫލް (ﷺ)ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. "ތިއަބައިމީހުން (ސުންނަތް) އަޅުކަން ކުރަންވީ، ތިއަބައިމީޙުންނަށް އެކަމަށް ކުޅަދާނަ ވަރަށެވެ! ފަހެ ހަމަކަށަވަރުން، ތިއަބައިމީހުންނަށް އެކަން ނުވެވިގެން ހުއްޓައިލުމަށް ދާންދެން، ތިއަބައިމީހުންގެ ޢަމަލުތަކަށް ޘަވާބާއި ދަރުމަ ދެއްވެވުން، ﷲ ތައާލާ މެދުކަނޑުއްވަވައެއް ނުލައްވަވަތެވެ. އަޅުކަމުގެ ކަންކަމުގެ ތެރެއިން، އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަމަކީ، އެމީހަކު އެކަން ހުއްޓައިނުލައި ކުރުމުގައި ދެމިހުންނަ ކަމެކެވެ." (ރިޔާޟުއްޞާލިޙީން: 142)
އެންމެ އުފާވެރި ޚަބަރަކީ އަޅުކަމެއް ޤަވާއިދުކޮށް ކުރަމުން ދަނިކޮށް ކުރިމަތިވާ ބަލިޙާލެއްގެ ސަބަބުން އެއަޅުކަން ނުކުރެވޭ ޙާލަތަކަށް ކަންކަން ހިނގައްޖެނަމަ އެއަޅުކަމެއް ކުރާކަމުގެ ޘަވާބު އެމީހަކަށް ދެއްވަވާ ކަމެވެ. ވީމާ ޢުމުރުގެ ކުރީކޮޅު އަޅުކަންކުރަން ފަށައި އަޅުކަމުގައި ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ވީމާ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި މިންވަރަކުން ރޭއަޅުކަންކުރާށެވެ! ކިރިޔާވެސް ކެރޭނަމަ، ކުޅަދާނަކަން ހުރި ނަމަ، ވިތުރިގެ 3 ރަކަޢަތް ނުވަތަ އެންމެ ރަކްޢަތެއް ނަމަވެސް ނުކޮށް ނުނިދާށެވެ. ނަމާދު ދިގުކުރަން ޢުޒުރުވެރިވާނަމަ ކުރެވޭ ވަރަކަށް ކުރުކޮށްލާށެވެ!
އަދި ތަހައްޖުދު ނަމާދު ދިގުކޮށް ކުރަން އުނދަގޫވާމީހާ އެންމެ ކުރު 2 ސޫރަތް ކިޔަވައިގެން އެންމެ 2 ރަކްޢަތް ނަމަވެސް ކުރަންފަށާށެވެ. ކުރަންފެށީމާ އެމީހާއަށް އިތުރަށް ހިތްވަރުލިބެންފަށާނެއެވެ. އެންމެ މުހިންމު ކަމަކީ 2 ރަކްޢަތް ނަމަވެސް ކުރަންފެށުމެވެ. ކިތަންމެ ކުރުކޮށް ނަމަވެސްމެއެވެ.
ސުންނަތް ކޮންމެ ނަމާދެއްކުރިނަމަވެސް އަދި ފަރުޟުނަމާދުތަކުގައިވެސް ޤުރްއާން ކިޔަވަންވީ އެމީހަކަށް އެނގޭ މިންވަރަކަށެވެ. ސުންނަތް ނަމާދުތަކުގައި ފޯނު ނުވަތަ މުޞްޙަފްބަލަިގެންވެސް ކިޔެވިދާނެއެވެ. އެކަންކަން ކުރަން އުނދަގޫވާނަމަ ހަމަ ކުރީ ދަރުސެއްގައި ވެސް ބުނި ފަދައިން އަލްކައުޘަރު ސޫރަތުން ތިރިއަށް އޮތް 4 ސޫރަތްކިޔަވާލައިގެންވެސް ނަމާދުކުރަމުން ގެންދަންވީއެވެ.
ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ. ފަހުން ރޭއަޅުކަންކުރަން ފަށަން މަޑުކުރަން ވިސްނާ މީހާއަށް އެފަހާ ބައްދަލުވާނެ ކަމުގެ ޔަޤީންކަން ދިނީ ކާކުހެއްޔެވެ؟ މިސުވާލުގެ ޖަވާބާއިމެދު އަމިއްލައަށް ވިސްނައިލުމުން މިފަދަ ވާހަކަތައް ގިނަގިނައިން ދައްކަން މިޖެހޭ ސަބަބު އެނގިގެންދާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން