"އެންމެ މަތިވެރި ޞަދަޤާތަކީ އެމީހަކު އެންމެ ލޯބިވާ އެއްޗަކުން ޞަދަޤާތްކުރުމެވެ." މާނައަކީ ތިމާގެ އަތުގައި ހުރުމަށް އެދޭތަކެތި ޞަދަޤާތް ކުރުމެވެ. ވީމާ އަހަރެމެން ބޭނުން ތަކެތި ޞަދަޤާތް ކުރަން ފަސްނުޖެހޭށެވެ. އެމީހަކު ލޯބިވާއެތި ޞަދަޤާތް ކުރުމެވެ. އެންމެ ލޯބިވާ ތަކެތި ޞަދަޤާތް ކުރުމުން ދެއްވަވާ ދަރުމަ އިތުރުވެގެންދަނީވެސް އެ ސަބަބަށްޓަކައެވެ.
ﷲ ތަޢާލާއަށް ވަރަށް ބޮޑަށް ލޯބިކުރާ މީހަކަށްވުމަށާއި، ކުރާ ކޮންމެ ހެޔޮ އަމަލަކުންވެސް އެންމެ ގިނަ ޘަވާބާއި ދަރުމަ ލިބުމަށް ފިސާރި ބޮޑު ދަހިވެތިކަމެއް އެމީހެއްގެ ހިތުގައި ނެތް މީހަކަށް އެމީހެއްގެ އަތުގައި ހުންނަ އެންމެ ލޯބިވާ ތަކެތި ހަދިޔާކުރުމަކީ ކުރަން ފަސޭހައެއް ނުވާނެއެވެ.
މީސްތަކުންނޭވެ! ހިތް ހަމަ ބޮޑަށް ސާފުކޮށްލާށެވެ! ކުރެވެން އޮތް މިނަވަރަކުން ޞަދަޤާތްކުރުން ގިނަކުރާށެވެ!
ލޮބުވެތި އަޚުންނާއި މިޚުޠުންނޭވެ! މިރޭވެސް ފަށަމުން މިބުނެލީ އިމާމް މުފްތީ މެންކް ވިދާޅުވެފައިވާ ވަރަށް މުހިންމު ބަސްފުޅެކެވެ.
މިސާލަކަށް ޔަތީމު ޚާނާއަކަށް ނުވަތަ ފަޤީރުންނަށް އަތުގައި ހުންނަ ހެދުން ހަދިޔާކުރާއިރު ދެނީ ކޮން ހެދުމެއް ހެއްޔެވެ؟ ޢާންމުކޮށް މީހުން ދީއުޅޭނީ ބޭނުން ކުރެވޭނެ އެހަނަސް ބައު ހެދުމެވެ. އެންމެހުތުރު ހެދުމެވެ. އަހަރެން ޤަބޫކުރާ ގޮތުގައި އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ކޮށްގެން ނުވާނެއެވެ!
ދޭންވީ އަތުގައި ހުރި އެންމެ އައު ހެދުމެވެ. އެންމެ ރީތިވެސް ހެދުމެވެ. ނުވަތަ ބައުހެދުމަކާއި އައު ހެދުމެކެވެ. ބައު 5 ހެދުމާއި އައު 5 ހެދުމެވެ. ހުތުރު ހެދުމަކާއި ރީތިހެދުމެކެވެ. ގޮތް ބަލަންވެސް ނިކަން ފަޤީރުންނަށް ތިބާގެ އަތުގައި އޮންނަ ތިބާ އެންމެ ލޯބިވާ ހެދުން ހަދިޔާކުރަން ފަށައިބަލާށެވެ! ތިބާއަށް މާރީތި ހެދުން ލިބުން ގިނަ ނުވޭތޯ ބަލައިބަލާށެވެ!
މިހެން މިބުނަނީ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ގޮތަށް ކުރުމުން ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެގެންދާނެތީއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ވީމައެވެ!