ކައިވެންޏަށްފަހު ދެފަރާތުގެވެސް ޢާއިލާގެ އެއްބާރުލުން ނުދިނުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް! އަދި މައިންބަފައިން އަމިއްލައަށް ލިބިގަންނަ އެހައިމެ ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކައިވެންޏަށްފަހު ދެފަރާތުގެވެސް ޢާއިލާގެ އެއްބާރުލުން ނުދިނުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް! އަދި މައިންބަފައިން އަމިއްލައަށް ލިބިގަންނަ އެހައިމެ ބޮޑު އަނިޔާއެއް!

ކައިވެނި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވުން ކަމުގައިވީނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ދެފަރާތުގެ ޢާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.  

ފަހަރެއްގައި ދަރިފުޅު ކައިވެނިކުރީ މައިންބަފައިން ނުރެހޭ މީހަކާ ކަމަށްވެދާނެއެވެ. މައިންބަފައިންގެ ނުރުހުމުގައި ކައިވެނިކޮށްފިނަމަ އެކަމުން އެނގެނީ އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ މިންވަރެވެ. އެހިސާބުން މައިންބަފައިން ސަމާލުކަންދޭންޖެހޭނީ ދަރިފުޅުގެ ކައިވެނި އުފާވެރިކުރުވުމަށެވެ. އެދެމީހުންނަށް އުފާވެރިކަން ހޯދައިދިނުމަށެވެ.  

އެކަން އެގޮތަށް ނުކޮށްފިނަމަ ގިނަ ފަހަރަށް ދަރިން ޖެހޭނީ މައިންބަފައިންނާއި ދުރަށެވެ. ވަކިހިސާބަކުން މައިންބަފައިން ދެކެން ބޭނުންނުވާ ޙާލަތަށްވެސް ކަންކަން ދެއެވެ. އެޙާލަތަށް ހިނގައްޖެނަމަ އެއީ މައިންބަފައިންނަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. އަދި އެކަން ވާނީ ދަރިންނަށްވެސް ލިބޭ ދެރައަކަށެވެ. އެއީ ދަރިން ފާފަވެރިވާނެތީއެވެ. އެޙާލަތަށް ބަލައިފިނަމަ އެދެރަ ދަރިންނަށް ދެނީވެސް އަދި މައިންބަފައިންނަށް ނިކަމެތިކަން ލިބެނީވެސް މައިންބަފައިންގެ ސަބަބުންނެވެ.  

ބައެއް ފަހަރު މައިންބަފައިން ނުރުހޭ މީހަކާއި ކައިވެނިކުރުމުން އަންނަ ރުޅީގައި ދަރިންނަށް ނުބައި ނަޞޭޙަތްވެސް އެބަދެއެވެ. މައްސަލައެއް ޖެހިގެން މަޝްވަރާކުރުމުން ނުބައި ނަޞޭޙަތްވެސް އެބަދެއެވެ. އެކަމުގެ ސަބަބުން ކައިވެނި އެބަރޫޅެއެވެ. ނަޞޭޙަތްދިން ބައަކު އެވަޤުތު ވަރަށް އުފާވާނެއެވެ. ނަމަވެސް ދާދި އަވަހަށް އެއުފާވެރިކަން ބޮޑު ހިތާމައަކަށް ބަދަލުވެގެންދެއެވެ. އެއީ ކައިވެނި ރޫޅުނީ މައިންބަފައިން ދިން ނަޞޭޙަތުގެ ސަބަބުންކަން ވިސްނުމުން މައިންބަފައިންނަށް ޙަސަދަވެރިވެވޭތީއެވެ.  

މައިންބަފައިންނަށް ޙަސަދަވެރިވެގެން ނުވާނެއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. ނަމަވެސް ތިމާއަށް ދެރައެއް ލިބުމުން ގިނަ ފަހަރަށް އޮންނަނީ އެކަން ކުރެވިފައެވެ.  

ވީމާ މިކަންކަމަށް މައިންބަފައިން ރަނގަޅަށް ވިސްނަންވާނެއެވެ. މިދެއްކި ވާހަކަކޮޅަށް ވިސްނައި ޢަމަލުކޮށްފިނަމަ ދަރިންގެ އިތުރުން މައިންބަފައިންނަށްވެސް އެކަމުގެ ފައިދާ ކުރާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން